ޖަޕާނުގެ ކުމަމޯޓޯ ޕްރިފެކްޗާ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، ގިނަ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވެ، އަދި ގެދޮރާއި މުދަލަށާއި މުހިންމު ބިނާރަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، ޖަޕާނުގެ ބޮޑުވަޒީރު، ހަރ އެކްސެލެންސީ ތަކައިޗީ ސަނާއޭއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހަމްދަރުދީ ފޮނުއްވައި، ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ފޮނުއްވި މެސެޖުގައި، މި ހާދިސާއާ ގުޅިގެން ވަރަށް ބޮޑަށް ހިތާމަފާޅުކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޖަޕާނުގެ ބޮޑުވަޒީރަށާއި، ސަރުކާރަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ހަމްދަރުދީއާއި ތަޢުޒިޔާ ރައްދުކުރައްވާފައިވެއެވެ. އަދި މި ހިތާމަވެރި ހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް އިޚުލާސްތެރި ތަޢުޒިޔާ ފޮނުއްވައި، އަނިޔާވެ، ގެދޮރު ގެއްލުނު އަދި މި ހާދިސާގެ އަސަރުކުރި އެންމެހައި ފަރާތްތަކާއެކު ސާބިތުކަމާއެކު ހުންނެވިކަން ރައީސް ހާމަކުރެއްވިއެވެ.
ޖަޕާނުގެ ކުމަމޯޓޯ ސަރަހައްދަށް އިއްޔެ އައި މި ބިންހެލުމަކީ ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލުމެކެވެ. މި ބިންހެލުމުގައި މިހާތަނަށް 13 މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވާއިރު، 380 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާލިބި، 24 މީހަކު ވަނީ ގެއްލިފައެވެ. ކާޝިމާ ޓައުންގައި ހުންނަ އޭއޯން މޯލްގެ ބައެއް ވެއްޓި، ގޭސް ލީކުވުމުގެ ސަބަބުން ގޮވުމެއް ހިނގައި ގިނަ ބަޔަކު ވަނީ އިމާރާތުގެ ތެރޭގައި ތާށިވެފައެވެ.
މި ހާދިސާގައި ގިނަ އަދަދެއްގެ ގެދޮރު ސުންނާފަތިވެފައިވާއިރު، ކުމަމޯޓޯގެ 43 ސިއްހީ މަރުކަޒަކުން ވަނީ ކަރަންޓާއި ފެނުގެ ހިދުމަތް މެދުކެނޑިފައިވާކަން ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން، އެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބުރޫތަކެއް އަރައި، ބްލެޓް ޓްރެއިންގެ ހިދުމަތާއި ކުމަމޯޓޯ އެއާޕޯޓުގެ ފްލައިޓްތައް ވަނީ މެދުކަނޑާލާފައެވެ.
ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރެއް ނެރުނު ނަމަވެސް، ދެ ގަޑިއިރު ފަހުން އެ އިންޒާރު ވަނީ އުވާލާފައެވެ. އަދި އެ ސަރަހައްދުގައި ހުރި ނިއުކްލިއާ ޕްލާންޓްތަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ވަނީ ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހު ބާރުގަދަ ލޮޅުންތަކެއް އައުމުގެ ފުރުސަތު އޮތުމާއެކު، ބިންގަނޑު ކަނޑައިގެން ދިއުން ފަދަ ހާދިސާތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!