ވެނެޒުއޭލާއަށް ބުދަ ދުވަހުގެ ރޭ އައި ބާރުގަދަ ދެ ބިންހެލުމެއްގައި މިހާތަނަށް މަދުވެގެން 164 މީހުން މަރުވެ، 971 މީހުން ޒަޚަމްވެފައިވާ ކަމަށް އެގައުމުގެ އެކްޓިންގް ޕްރެޒިޑެންޓް ޑެލްސީ ރޮޑްރިގޭޒް ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ.

އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމަށް ރެސްކިއު ޓީމުތަކުން މިހާރު ދަނީ ހުއްޓުމެއް ނެތް މަސައްކަތްތަކެއް ކުރަމުންނެވެ.

Ad
rt

ރިކްޓަރ މިންގަނޑުން 7.2 އަދި 7.5 ގެ ބާރުމިނުގައި އައި މި ބިންހެލުންތަކަކީ ފާއިތުވި ގަރުނެއްހާ ދުވަހުގެ ތެރޭގައި ވެނެޒުއޭލާއަށް އައި އެންމެ ބާރުގަދަ ބިންހެލުންތަކެވެ. މި ބިންހެލުމުގެ އަސަރު މުޅި ސަރަހައްދަށް ކުރިއިރު، ވެނެޒުއޭލާގެ މައި އެއާޕޯޓަށް ގެއްލުންވެ ބަންދުކުރަން ޖެހުނެވެ. އަދި ވެނެޒުއޭލާގެ ވެރިރަށް ކަރަކާސްއާ 1,700 ކިލޯމީޓަރު ދުރުގައި އޮންނަ ބްރެޒިލްގެ އެމެޒޯން ސަރަހައްދުގެ އިމާރާތްތަކުން ވެސް މީހުން ހުސްކުރަން ޖެހުނެވެ.

އެކްޓިންގް ޕްރެޒިޑެންޓް ރޮޑްރިގޭޒް ވިދާޅުވި ގޮތުގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ކަރަކާސްގެ އުތުރުން އޮންނަ އައްސޭރިފަށުގެ ސަރަހައްދެއް ކަމަށްވާ ލާ ގުއައިރާ އަށެވެ. އެ ސަރަހައްދު މިހާރު ވަނީ "ކާރިސާގެ ސަރަހައްދެއް" ގެ ގޮތުގައި ކަނޑައަޅާފައެވެ. ދައުލަތުގެ މީޑިއާތަކުން ދެއްކި މަންޒަރުތަކުން ފެންނަ ގޮތުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ތިން ކުޑަކުދިން ދިރިތިއްބާ ވަނީ ސަލާމަތްކޮށްފައެވެ.

"އެ ސަރަހައްދުގައި އެތައް ދަހަރަ އިމާރާތެއް ވަނީ ބިމާ ހަމަވެފައި. އަޅުގަނޑުމެން މިހާރު ދަނީ މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުން،" ރޮޑްރިގޭޒް ވިދާޅުވިއެވެ. ކަރަކާސްގެ ރައްޔިތެއް ކަމަށްވާ ހެކްޓަރ ރިއްޗީ ބުނި ގޮތުގައި ބިންހެލުން ފެށުނީ މަޑުމަޑުން ކަމަށާއި ނަމަވެސް މަޑުމަޑުން ބާރުގަދަވެ، އެންމެން ގެތަކުން ބޭރަށް ނުކުންނަން މަޖުބޫރުވީ ކަމަށެވެ.

ބިންހެލުމާ ގުޅިގެން ކަރަކާސްގެ ބައެއް ސަރަހައްދުތަކުން ކަރަންޓާއި ފޯނުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ. އަދި ސަބްވޭގެ ޚިދުމަތް މެދުކެނޑި، ގޭސް ހޮޅިތަކުން ގޭސް ދޫކުރުން ވެސް ވަނީ ހުއްޓާލާފައެވެ. ސަރުކާރުން ވަނީ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގެއްލުންވި ހޮސްޕިޓަލްތަކާއި ގެތައް މަރާމާތުކުރުމަށް 200 މިލިއަން ޑޮލަރުގެ ފަންޑެއް ގާއިމުކޮށްފައެވެ.

މި ކާރިސާއާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ އެމެރިކާގެ ރެސްކިއު ޓީމުތަކާއި ސިއްހީ އެހީތެރިކަން ވަގުތުން ފޮނުވަމުންދާ ކަމަށެވެ. މީގެ އިތުރުން ގަތަރު، މެކްސިކޯ، އިކުއެޑޯ އަދި އެލް ސަލްވަޑޯރު ފަދަ ގައުމުތަކުން ވެސް ވަނީ އެހީތެރިކަން ފޮނުވާފައެވެ. އދ. އިން ސާޓިފައިކޮށްފައިވާ ސާޗް އެންޑް ރެސްކިއު ޓީމުތައް ވެސް މިހާރު ދަނީ ވެނެޒުއޭލާއަށް ދަތުރުކުރަމުންނެވެ.