އަންހެނަކަށް އޭނާގެ ކުރީގެ ފިރިމީހާ ބިރުދައްކާފައިވާ ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނިގޮތުގައި މި މައްސަލަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވަނީ 2026 ޖޫން 5 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

Ad
rt

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ޝަކުވާ ހުށަހެޅި ފަރާތުން ދީފައިވާ ބަޔާނުގައި އެ އަންހެން މީހާ އެހެން މީހަކަށް ވިއްކާލާނެ ކަމަށް ބުނެ ކުރީގެ ފިރިމީހާ އިންޒާރު ދީފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައާ ގުޅޭގޮތުން ފުލުހުން އިތުރަށް ސާފުކޮށްދީފައިވާ ގޮތުގައި، މިހާތަނަށް ހުށަހެޅިފައިވާ ޝަކުވާތަކުގައި ޖިންސީ ގޯނާގެ އެއްވެސް ތުހުމަތެއް ހިމެނިފައެއް ނުވެއެވެ.

މީގެ އިތުރުން އެ އަންހެން މީހާ އެހެން ފަރާތަކަށް ވިއްކާލާފައިވާ ކަމަށް ނުވަތަ އިންސާނީ ވަގުފާރީގެ އެއްވެސް މުއާމަލާތެއް ހިންގާފައިވާ ކަމުގެ އެއްވެސް ތުހުމަތެއްވެސް މި މައްސަލައިގައި ހިމެނިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށާއި، މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.