ނުރައްކާތެރި "ހަންޓާ ވައިރަސް" (Hantavirus)ގެ ނުރައްކާ އޮތްކަމަށް ބެލެވޭ 12 ގައުމަކަށް އެކަން އަންގައި ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން، އިރުޝާދު ދީފިއެވެ.

މި އިންޒާރު ދީފައިވަނީ ދެކުނު އެމެރިކާގެ އާޖެންޓީނާ އިން ފުރައިގެން ދަތުރުކުރި، ނެދަލޭންޑްސްގެ ދިދަ ޖަހާފައިވާ "އެމް.ވީ ހޮންޑިއަސް" ނަމަކަށް ކިޔާ ކްރޫޒް މަނަވަރަކުން މި ބަލީގެ އަލާމާތްތައް ފެނުމާ ގުޅިގެންނެވެ.

Ad
rt

ޑަބްލިޔުއެޗްއޯ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަނަވަރުން މިހާތަނަށް ފަސް މީހަކަށް ހަންޓާ ވައިރަސް ޖެހިފައިވާކަން ވަނީ ކަށަވަރުވެފައެވެ. އަދި އިތުރު އަށް މީހަކަށް ބަލިޖެހިފައިވާ ކަމަށް ޝައްކު ކުރެވޭއިރު، މި ބަލީގައި މިހާތަނަށް ތިން މީހަކު ވަނީ މަރުވެފައެވެ. ބަލިޖެހުނު މީހުންގެ ތެރެއިން އެކަކަށް ދެކުނު އެފްރިކާގެ އައިސީޔޫގައި ފަރުވާދެމުންދާއިރު، އޭނާގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ. އެހެން ބަލިމީހުން ވަނީ އިތުރު ފަރުވާއަށް ނެދަލޭންޑްސް އަށް ގެންގޮސްފައެވެ.

މި މަނަވަރު މިހާރު އޮތީ އެޓްލާންޓިކް ކަނޑުގެ ކޭޕް ވާޑޭ ސަރަހައްދުގައެވެ. މަނަވަރުގައި 20 އަށް ވުރެ ގިނަ ގައުމުތަކަށް ނިސްބަތްވާ 147 އެއްހާ މީހުން (ފަސިންޖަރުންނާއި ފަޅުވެރިން) އެބަތިއްބެވެ. މި އެންމެން ވެސް މިހާރު ތިބީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މޮނިޓަރިންގައެވެ.

12 ގައުމަކަށް އަންގަން ޖެހުނު ސަބަބު

މި ބަލީގެ ނުރައްކާ ބޮޑުކަން އެނގުމުގެ ކުރިން، މަނަވަރުން ބައެއް ފަސިންޖަރުން ވަނީ ބްރިޓިޝް ޓެރިޓަރީއެއް ކަމަށްވާ ސެއިންޓް ހެލީނާ އަށް ފައިބާފައެވެ. އެހެންކަމުން، އެ މީހުންގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު އޮތުމުން، ޑަބްލިޔުއެޗްއޯ އިން ވަނީ އެ މީހުން ނިސްބަތްވާ 12 ގައުމަކަށް އެކަން އަންގައި، ކޮންޓެކްޓް ޓްރޭސިން ހެދުމަށް އަންގާފައެވެ.

އެ ގައުމުތަކަކީ

  • އެމެރިކާ،
  • އިނގިރޭސިވިލާތް،
  • ކެނެޑާ،
  • ސިންގަޕޫރު،
  • ނިއުޒިލޭންޑް،
  • ޑެންމާކް،
  • ޖަރުމަނުވިލާތް،
  • ނެދަލޭންޑްސް،
  • ސެއިންޓް ކިޓްސް އެންޑް ނޭވިސް،
  • ސްވިޑަން،
  • ސްވިޒަލޭންޑް
  • ތުރުކީވިލާތް

ހަންޓާ ވައިރަސް އަކީ ކޮބާ؟

ހަންޓާ ވައިރަސް އަކީ އާންމުކޮށް މީދާ ފަދަ ތަކެތީގެ ކާތަކެއްޗާއި، ކުޑަކަމުދާ ތަކެއްޗާއި ނަޖިހުގެ ޒަރީއާ އިން ފެތުރޭ ވައިރަހެކެވެ. ނަމަވެސް މިފަހަރު ފެނިފައިވާ "އެންޑީސް ވައިރަސް" އަކީ އިންސާނުންގެ ފަރާތުން އިންސާނުންގެ ގަޔަށް އެރުމުގެ ފުރުސަތު އޮތް، މަދު ބާވަތްތަކުގެ ތެރެއިން ބާވަތެކެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ވަރުބަލިވުން އަދި ގައިގައި ރިއްސުން ހިމެނެއެވެ. ބަލި ބޮޑުވާ ހާލަތްތަކުގައި ނޭވާލާން އުނދަގޫވެ، ފުއްޕާމެޔަށް ސީރިއަސް މައްސަލަތަކެއް ކުރިމަތިވެއެވެ. މި ބައްޔަށް ވަކި ޚާއްސަ ފަރުވާއެއް ނެތް އިރު، މަރުވުމުގެ ފުރުސަތު 30 އިން 50 އިންސައްތައާ ދެމެދުގައި އޮވެއެވެ.

ރިސްކް ލެވެލް

ޑަބްލިޔުއެޗްއޯ އިން ބުނި ގޮތުގައި މިއީ ކޮވިޑް-19 ފަދައިން މުޅި މުޖުތަމައަށް ފެތުރޭނެ ބަލިމަޑުކަމެއް ނޫނެވެ. މިއީ ވަކި ދަތުރަކާ ގުޅިގެން ފެނުނު ކޭސްތަކެއް ކަމަށާއި، ބަލީގެ ނުރައްކާ އޮތީ ހަމައެކަނި ބަލިޖެހުނު މީހުންނާ ގާތުން ބައްދަލުވި މީހުންނަށް ކަމަށް އެ ޖަމްއިއްޔާ އިން ފާހަގަކުރެއެވެ. މިހާރު ދަނީ ބައިނަލްއަގުވާމީ އިދާރާތަކާއި އެކި ގައުމުތަކުގެ ސަރުކާރުތައް ގުޅިގެން މިކަން އިތުރަށް ބަލައި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.