ޖަޕާނުގެ ޓޯކިޔޯ މެޓްރޯޕޮލިޓަން ގަވަރމަންޓުން އިންތިޒާމުކޮށްގެން ބޭއްވި ތިންވަނަ ''ޖީ-ނެޓްސް'' ލީޑާސް ސަމިޓްގައި ކުޅުދުއްފުށި ސިޓީން ބައިވެރިވެ، އެ ސިޓީގެ އަޑު އިއްވައިފިއެވެ.
"މޫސުމީ ބަދަލުތަކާއި ކާރިސާތަކުން ރައްކާތެރިވެފައިވާ އާ އާބަން މުސްތަގުބަލެއް" މި ޝިއާރުގެ ދަށުން ބޭއްވި މި ސަމިޓްގައި ކުޅުދުއްފުށި ސިޓީގެ ފަރާތުން ބައިވެރިވީ މޭޔަރު މުހައްމަދު އާތިފް އާއި ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އާދަމްއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 48 ސިޓީއަކުން ބައިވެރިވި މި ސަމިޓް ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔައިރު، ސިޓީތަކުގެ ތަރައްގީއާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދިއުމުގެ އިތުރުން ރައްޔިތުންގެ ދުޅަހެޔޮކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް މައުލޫމާތު ބަދަލުކުރެވުނުކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުންޏެވެ.
މި ސަމިޓްގެ ވެލްބީން ސެޝަންގައި މޭޔަރު އާތިފް ވަނީ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިދެއްވާފައެވެ. މި ޕްރެޒެންޓޭޝަންގައި މޭޔަރު ވަނީ ކުޅުދުއްފުށީގެ ތަޖުރިބާ ހިއްސާކުރައްވަމުން، ކުޅިވަރާއި ސަގާފަތުގެ އިތުރުން އިޖުތިމާއީ ރޫހަކީ ސިޓީއެއްގެ ދިރިއުޅުމުގެ އަސާސްކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ކުޅުދުއްފުށި ސިޓީން ވަނީ "ސިޓީ އެކްޝަން ސްޓޭޓްމަންޓް" އެއް ސަމިޓަށް ހުށަހަޅާފައެވެ. މި ބަޔާނަކީ ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި މޫސުމީ ބަދަލުތަކަށް ކެތްތެރިވުމާއި، ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި، އިޖުތިމާއީ ތަރައްގީއަށް މަސައްކަތް ކުރުމަށް ކުޅުދުއްފުށިން ވެފައިވާ ވަައުދެކެވެ. މި ބަޔާން ސަމިޓްގެ ރަސްމީ ކޮމިއުނިކޭގައި ހިމެނޭނެއެވެ.
ސަމިޓް ނިންމާލުމުގެ ގޮތުން ބައިވެރިވި ހުރިހާ ސިޓީތަކުން ވަނީ ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ކޮމިއުނިކޭ އިއުލާނުކޮށްފައެވެ. މިއީ ސިޓީތަކުގެ މުސްތަގުބަލު އުޖާލާކުރުމަށްޓަކައި 48 ސިޓީއަކުން އެކުގައި މަސައްކަތް ކުރުމަށް ވެފައިވާ އެއްބަސްވުމެކެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ފާހަގަކުރި ގޮތުގައި، މިފަދަ ބައިނަލްއަގުވާމީ މައިދާނެއްގައި ކުޅުދުއްފުށީގެ އަޑު އިއްވުމަކީ ލިބުނު ފަހުރެކެވެ. އަދި މި ދަތުރުގެ ސަބަބުން އާ މައުލޫމާތާއި، އާ ގުޅުންތަކުގެ އިތުރުން ސިޓީގެ ތަރައްގީއަށް މަސައްކަތް ކުރުމުގެ އާ ހިތްވަރެއް ލިބިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!