ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން މާލޭގައި ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކުގައި، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ވާހަކަދައްކައި، ނަފުރަތާއި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް އަމަލުކުރަމުންދާ ކަމަށް ބުނެ، ސިޔާސީ ހަރަކާތް ގާނޫނީ އިމުގެ ތެރެއިން ހިންގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ދެ ޕާޓީ އަށް އިއްޔެ އަންގައިފިއެވެ.

އެކަން އަންގައި އީސީން މި ދެ ޕާޓީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، މި ދުވަސްވަރު ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތްތަކުގައި ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން އަމަލުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އާންމުންގެ މެދުގައި ރުޅިވެރިކަން އުފެދޭ ގޮތަށް ހިންގާ ހަރަކާތްތައް ހުއްޓާލުމަށް ވެސް ކޮމިޝަނުން ވަނީ އަންގާފައެވެ.

Ad
rt

28 އޭޕްރިލް 2026 ގައި ފޮނުވި މި ސިޓީގައި ކޮމިޝަނުން ފާހަގަކޮށްފައިވަނީ، ސިޔާސީ ހަރަކާތްތައް ހިންގަންވާނީ ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށެވެ. އެހެންކަމުން، މިހާރު ބާއްވަމުންދާ އެއްވުންތަކުގައި ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން، ސިޔާސީ ޕާޓީތަކުގެ ވެރިންނާއި މެންބަރުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިޔުމަށާއި، މުޖުތަމައުގައި ނަފުރަތު އުފެދޭ ފަދަ ހަގީގަތާ ހިލާފު ސާބިތުނުހިފޭ ވާހަކަތައް ނުދެއްކުމަށް ވެސް އީސީން ވަނީ ނަސޭހަތްތެރިވެފައެވެ. ކޮމިޝަނުން ބުނީ ސުލޫކީ މިންގަނޑުތަކަށް ބޯލެނބުމަކީ ސިޔާސީ ހަރަކާތްތަކުގެ އަސާސެއް ކަމަށެވެ.

އީސީން އިތުރަށް ބުނެފައިވަނީ، ގާނޫނުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ބައްދަލުވުންތައް ނުބޭއްވުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން ގާނޫނީ ހުދޫދުގެ ތެރެއިން ކުރިއަށްގެންދާ ކޮންމެ ސިޔާސީ ހަރަކާތަކަށް ކޮމިޝަނުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.