މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ އިދިކޮޅު އެމްޑީޕީން ވެސް ކުރަން ބޭނުންވިކަމެއް ކަމަށާއި އެކަން އެމްޑީޕީއަށް ނުކުރެވުނީ އެ ޕާޓީއަށް ރައްޔިތުންގެ ތާއީދު ގެއްލުމުން ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ހުސެއިން ވިދާޅުވެއްޖެ އެވެ.

"ދިވެހީންގެ ރާއްޖެ" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މެމްބަރު ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކުރައްވައި އެމްޑީޕީގެ ލީޑަރޝިޕުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދައްކަވާފައިވާ ވާހަކަފުޅުތައް އަދިވެސް މީޑިއާގައި ހުންނާނެ ކަމަށެވެ.

Ad
rt

އެމްޑީޕީގެ ވެރިކަމުގައި އެ ޕާޓީން ވެސް އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކުރި ކަމަށާއި މިއަދު އެކަމާ ދެކޮޅަށް ވާހަކަ ދައްކަނީ ރައްޔިތުންނަށް ހެވެއް އެދިގެން ނޫންކަމަށާއި، އެއީ ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ދައްކާ ވާހަކަތަކެއް ކަމަށް މެމްބަރު ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި އިންތިހާބުތައް އެއްކޮށްލުމުގެ މަސައްކަތް ފެށި ނަމަވެސް އެކަން ހުއްޓާލީ، އޭރުގެ ސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވުމުންކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.

"އެ މަސައްކަތް އެމްޑީޕީން ފަށާފަައި ހުއްޓާލީ ކީއްވެގެންތޯ ސުވާލުކޮށްލަންޖެހޭ. އެއިރުގައި ރައްޔިތުންގެ ތާއީދު ނެތީމަ އެބޭފުޅުން ބޭނުން ނުވީ އެކަން ކުރަން. އޭރު ރައްޔިތުން އެ ވެރިކަންދެކެ ފޫހިވެއްޖެ. ރައްޔިތުންގެ ސަޕޯޓެއް ނެތް. މީޑިއާތަކުގައި އެބަހުރި އެމްޑީޕީއާ ދެކޮޅަށް ކަންކަން ކުރެވިގެންދިޔަ މަންޒަރު. ތާއީދު ނެތުމުން ދެ ވޯޓު އެއް ދުވަހެއް ބޭއްވުމަށް ނުނިންމީކަމަށް އަޅުގަނޑު ގަބޫލުކުރަނީ." އިބްރާހީމް ވިދާޅުވި އެވެ.

މެމްބަރު ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާނީތޯ ނުވަތަ ނޫންތޯ ނިންމާނީ ރައްޔިތުން ކަމަށެވެ. އަދި ވޯޓުގައި ރައްޔިތުން ގައުމަށް އެންމެ ފައިދާހުރި ގޮތަށް ނިންމުން ނިންމާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށް މެމްބަރު ވިދާޅުވި އެވެ.