ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީގައި ހދ. ހަނިމާދޫ ކައުންސިލްގެ މިހާރުގެ ރައީސް އަބުދުއްސައްތާރު ހަސަންގެ މައްޗަށް މިހާރުގެ ކައުންސިލް މެމްބަރު އަލީ އިބްރާހީމް ކުރި ހޯދައިފިއެވެ.

މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު އެމްޑީޕީގެ ޓިކެޓްގައި ހަނިމާދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރުމަށް ޢަލީ އަށް ޓިކެޓް ކަށަވަރުވީ މިއަދު ބޭއްވި ޕްރައިމަރީގައި 121 ވޯޓު ހޯދައިގެންނެވެ. މި ޕްރައިމަރީގައި ސައްތާރަށް ލިބުނީ 68 ވޯޓެވެ. ނަމަވެސް އެމްޑީޕީން އަދި މި އިންތިޚާބުގެ ވަގުތީ ނަތީޖާއެއް ނުނެރެއެވެ.

Ad
rt

މި އިންތިޚާބުގައި ބޮޑު ތިލަދުންމަތީގެ ފަސް ރަށެއްގައި ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދިޔައެވެ. އެއީ ހއ. ދިއްދޫ، ފިއްލަދޫ، ހދ. ހަނިމާދޫ، ނެއްލައިދޫ އަދި ށ.ފޯކައިދޫގައެވެ.

ޖުމުލަ 154 ކެންޑިޑޭޓުން ވާދަކުރި މި ޕްރައިމަރީގެ ވޯޓުލުން ފަށާފައިވަނީ މިއަދު މެންދުރުފަހު 14:30 ގައެވެ. ވޯޓުލުން މިރޭ 20:00 އާ ހަމައަށް ކުރިއަށްދިޔައެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ޖުމްލަ 1,356 މެންބަރުން އިންތިޚާބު ކުރާނެއެވެ. އޭގެ ތެރޭގައި ކައުންސިލްތަކަށް 678 މެންބަރުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 678 މެންބަރުން ހިމެނެއެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 294,937 މީހުންނަށް ލިބިގެންވެއެވެ.

އިންތިޚާބު ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުއެވެ.