ފަލަސްތީނުގެ ބިންތަކާ ގުޅޭ އދ.ގެ ހާއްސަ މާހިރު ފްރަންސެސްކާ އަލްބަނީޒް، ފަލަސްތީނުގައި އިސްރާއީލުން ހިންގާ ލާއިންސާނީ އަނިޔާ އާއި ޖަރީމާތަކާ ދެކޮޅަށް އަޑުއުފުއްލަވައި، ފަލަސްޠީނަށް އިންސާފު ހޯދައިދެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ސަބަބުން، އެމެރިކާ ސަރުކާރުގެ ފަރާތުން ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތަކާއި ނުރައްކާތާއި ވަނީ ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން އޭނާގެ އަމިއްލަ ދިރިއުޅުމަށާއި މަސައްކަތުގެ ދާއިރާއަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ.

''އަލްޖަޒީރާ''އަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ހާމަކުރެއްވި ގޮތުގައި، އޭނާގެ ކްރެޑިޓް ކާޑުތައް ބޭނުން ނުކުރެވޭގޮތް އެމެރިކާއިން ވަނީ ހަދާފައެވެ. އަދި ޔޫރަޕިއަން ޕާލިމެންޓުން ބުކްކޮށްފައިވާ ހޮޓާ ރިޒަވޭޝަނެއް ކެންސަލްކުރިއެވެ. މީގެ އިތުރުން މެޑިކަލް އިންޝުއަރެންސް ދިނުމަށް ވެސް ވަނީ ދެކޮޅު ހަދާފައެވެ. ޣައްޒާގެ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާއާ ގުޅޭގޮތުން އަލްބަނީޒް ކުރެއްވި މަސައްކަތުގެ ސަބަބުން އޭނާއަށް ކުރިމަތިވި ނޭދެވޭ އަސަރުތައް ކުރިމަތިކޮށްފައި ވަނީ ހަމައެކަނި އޭނާގެ މަސައްކަތުގެ ދާއިރާއަށް އެކަނި ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ވެސް އަސަރުކުރި ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ad
rt

މިފަހުން ބޭއްވި ދޯހާ ފޯރަމްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، "އަޅުގަނޑުމެން ވެގެންދަނީ އިންސާނުން ނޫން ބަޔަކަށް،" އެވެ. އަދި އޭނާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ސިފަކުރެއްވިއެވެ.

"ނަމަވެސް، އަޅުގަނޑަށް މުހިންމީ މީހުންނަށް މިކަން އެނގުން، އިންސާފުގެ އަޑު، އިންސާނީ ޙައްޤުތަކުގެ އަޑު ކަނޑުވާލުމަށްޓަކައި އެމެރިކާ، އިސްރާއީލު އަދި އެހެނިހެން ފަރާތްތައް ދާނެ މިންވަރު،" އަލްބަނީޒް އިތުރަށް ވިދާޅުވެފަވެއެވެ.

މިދިޔަ ހަފްތާ ބަންދުގައި ޤަތަރުގެ ވެރިރަށުގައި "ޢަމަލީގޮތުން އިންސާފު: ވަޢުދުތަކުން ކުރިއެރުމަށް" މި ތީމުގެ ދަށުން ބޭއްވި ދޯހާ ފޯރަމްގައި ލީޑަރުންނާއި، ސަފީރުންނާއި، ޤާނޫނީ މާހިރުން އެއްވިއިރު، ޣައްޒާގެ ކާރިސާ ވަނީ އެންމެ އިސްކަންދޭ މައްސަލައަށް ވެފައެވެ.

އިސްރާއީލާ ދެކޮޅަށް ނަސްލު ނައްތާލުމުގެ ތުހުމަތުތަކާއި، އ.ދ. ގެ ހަނގުރާމަ ހުއްޓާލުމުގެ ޤަރާރުތަކަށް ތަކުރާރުކޮށް ވީޓޯކުރުމާއި، ބައިނަލްއަޤްވާމީ އިންސާފުގެ ނިޒާމުތަކަށް އަންނަ ބާރުބޮޑުވުމުގެ ސަބަބުން ޣައްޒާ ވަނީ ޤަވާޢިދުތަކަށް ބިނާކުރެވިފައިވާ ބައިނަލްއަޤްވާމީ ނިޒާމުގެ އިމްތިޙާނަކަށް ވެފައެވެ. މިކަމުގެ ސަބަބުން ބައިނަލްއަޤްވާމީ ޤާނޫނަށް އިންސާފު ހޯދައިދެވޭނެތޯއާމެދު ސުވާލު އުފެދިގެންދެއެވެ.

އަޅުގަނޑުގެ ވަށައިގެން ވަނީ އަމާންކަމެއް ނެތްކަމުގެ އިޙްސާސް

އަލްބަނީޒްގެ ޤާނޫނީ ދިރާސާތަކުން ދައްކާ ގޮތުގައި، ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޢަމަލުތަކަކީ ނަސްލު ނައްތާލުމުގެ ޖަރީމާއެކެވެ. މި ބަސް، އޭނާގެ އިތުރުން އެމްނެސްޓީ އިންޓަނޭޝަނަލް، ހިއުމަން ރައިޓްސް ވޮޗް އަދި އިސްރާއީލުގެ ބީޓްސެލެމް ފަދަ މަޝްހޫރު އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމާޢަތްތަކުން ވެސް ބޭނުންކޮށްފައިވެއެވެ.

އަލްބަނީޒްއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އިއުލާނުކުރައްވަމުން، އެމެރިކާގެ ސެނެޓަރު މާކޯ ރޫބިއޯ ތުހުމަތުކުރެއްވީ އޭނާ އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް "ސިޔާސީ އަދި އިޤްތިޞާދީ ހަނގުރާމައެއް" ހިންގަމުންދާ ކަމަށެވެ. ނަމަވެސް އެ ތުހުމަތަކީ އެއްވެސް އަސާސެއް ނެތް ތުހުމަތެއް ކަމަށް އަލްބަނީޒް ވިދާޅުވެއެވެ.

"އަޅުގަނޑަށް ވަނީ ބަދުނާމުކުރުމުގެ ކެމްޕޭންތަކެއް ކުރިމަތިވެފައި،" އޭނާ ވިދާޅުވިއެވެ. އަދި އެމެރިކާގެ އޮފިޝަލުން އޭނާއަށް ތުހުމަތުކުރަނީ ޔަހޫދީންނާ ދެކޮޅު މީހެއް ކަމަށާއި، ހިސާރުތަކަށް ތާއީދުކުރާ ކަމަށާއި، އޮކްޓޯބަރު 7 ގައި އިސްރާއީލުގެ އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގި ޖަރީމާތައް ކުށްވެރިކުރުމަށް ނުކުޅެދިފައިވާ ކަމަށެވެ.

އަލްބަނީޒް ވިދާޅުވީ، އެކަމުގެ ސަބަބުން އޭނާގެ ވަށައިގެން އަމާންކަމެއް ނެތްކަމުގެ އިޙްސާސެއް ކުރެވިފައިވާ ކަމަށާއި، އޭނާ އަށް ހުރިހާ ދިމާލަކުން ވެސް ބިރުދެއްކުންތައް ކުރިމަތިވެފައިވާ ކަމަށެވެ.

އަލްބަނީޒްއަށް އަމާޒުކުރުމުގެ އިތުރުން، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ.) އިން ޣައްޒާގައި އިސްރާއީލުން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ހަނގުރާމައިގެ ޖަރީމާތައް ތަޙްޤީޤުކުރަން ފެށުމާ ގުޅިގެން، އެމެރިކާއިން ވަނީ އޮގަސްޓު މަހު އެ ކޯޓުގެ ނުވަ ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. މި ފިޔަވަޅު އެޅުނު މީހުންގެ ތެރޭގައި ޔޫރަޕިއަން ޔޫނިއަންގެ ދެ ރައްޔިތުން ހިމެނެއެވެ.

"މިއީ އަޅުގަނޑުމެންގެ މަސައްކަތް ކުރުމުގެ ސަބަބުން އަޅުގަނޑުމެންނަށް ކުރިމަތިވާ މާފިޔާ ސްޓައިލްގެ ބިރުދެއްކުމެކެވެ." އަލްބަނީޒް ވިދާޅުވިއެވެ. އަދި ޤާނޫނީ މާހިރުންނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާއި ބިރުދެއްކުމަކީ ނުރައްކާތެރި މިސާލެއް ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

"އެ ބާރު [އައި.ސީ.ސީ.ގެ ފަނޑިޔާރުންނާއި ޤާނޫނީ މާހިރުންނަށް] އަންނާނެ، މި މަގުން އަޅުގަނޑު ހިނގާނަމަ، މިއީ ބަލާނެ ކަމެކެއް، މިއީ އެ ޖަމާޢަތަށް، އައި.ސީ.ސީ.އަށް މަސައްކަތްކުރުން ނުކުޅެދޭނެ ކަމަކަށް ހެދުމުގެ ޚިޔާލެވެ." އޭނާ ހިތާމަފާޅުކުރައްވަމުން ވިދާޅުވިއެވެ،

"ހިތަށް ގެނެސްބަލަ، އަހަރެމެންނާ މުޢާމަލާތްކުރާ ކޮންމެ އެމެރިކާ މީހަކު، އެމެރިކާގައި މަސައްކަތްކުރާ ނުވަތަ އެ ޤައުމުގެ ރައްޔިތަކު، 20 އަހަރާ ހަމައަށް ޖަލަށް ދާން ޖެހިދާނެއެވެ. މިއީ ބިރުވެރިކަމެއް އުފައްދާ ކަމެކެވެ." އޭނާ ވިދާޅުވެފަވެއެވެ.

ހުޅަނގުގެ ފަސްޖެހުން

2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު، އައި.ސީ.ސީ. އިން ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ދިފާޢީ ވަޒީރު ޔޯއާވް ގެލަންޓްގެ މައްޗަށް ތުހުމަތުކުރެވޭ "ހަނގުރާމައިގެ ޖަރީމާތަކާ" ގުޅިގެން ހައްޔަރުކުރުމުގެ އަމުރު ނެރެފައެވެ.

އެމެރިކާއިން މިކަމަށް ސިފަކުރީ "އިންތިހާއަށް ހިތްވަރުގަދަ" ކަމެއްގެ ގޮތުގައެވެ. އަދި އިނގިރޭސިވިލާތާއި ކެނެޑާއިން ބުނީ ބައިނަލްއަޤްވާމީ ޤާނޫނަށް ތަބާވާނެ ކަމަށެވެ. ނަމަވެސް އެމީހުން އެ އަމުރަށް ޢަމަލީ ގޮތުން ތަބާވާނެތޯ ސާފުކޮށް ބުނެފައެއް ނުވެއެވެ.

ގިނަ ހުޅަނގުގެ ޤައުމުތަކުން އިޒްރޭލުގެ ޢަމަލުތަކަކީ ނަސްލު ނައްތާލުން ކަމަށް ސިފަކޮށްފައެއް ނުވެއެވެ. އަދި ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތައް ހިނގަމުންދާ އިރުވެސް، އެ ޤައުމަށް ހަތިޔާރު ފޮނުވަމުންދެއެވެ.

އަލްބަނީޒް ވަނީ ހަތިޔާރު ފޯރުކޮށްދިނުން ކުރިއަށް ގެންދާ ޤައުމުތަކުން އެމީހުންގެ ޤާނޫނީ ވާޖިބުތައް އަދާކުރުމުގައި ނާކާމިޔާބުވަމުންދާކަން ފާހަގަކުރައްވާފައެވެ.

"2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓުން ވެސް ޤަބޫލުކުރެވޭ ކަމަށް ނިންމާފައިވާ ނަސްލު ނައްތާލުމެއް ހިނގިޔަ ނުދިނުމުގެ ވާޖިބު އެމީހުންގެ މައްޗަށް އެބައޮތެވެ." އޭނާ ވިދާޅުވެފަވެއެވެ.

ސޫދާނާއި ޔޫކްރޭނާއި ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތައް ލިޔެކިޔުންތައް އެއްކުރާ 'ރެކޮނިންގ ޕްރޮޖެކްޓް' ގެ ކޯ-ފައުންޑަރ ޖެނިން ޑި ޖިއޮވާނީ ވިދާޅުވީ، ގިނަ ހުޅަނގުގެ ދައުލަތްތަކުގެ މި ވައްޓަފާޅިއަކީ ފާޅުކަން ބޮޑު "ޑަބަލް ސްޓޭންޑަރޑެއް" ކަމަށެވެ. އޭނާ ވިދާޅުވީ، "ޔޫކްރޭނާ ގުޅޭ ގޮތުން އެއް ޤާނޫނުތަކާއި ޤަވާޢިދުތަކެއް އޮންނަ އިރު، އަނެއްކާ އަނެއް ޤާނޫނުތަކެއް އޮންނަނީ ކަޅު އަދި ދޮން މީހުންނަށް،" މިހެންނެވެ. އޭނާ އިޝާރާތްކުރެއްވީ އައި.ސީ.ސީ. އިން ތާރީޚީ ގޮތުން އެފްރިކާގެ ލީޑަރުންނަށް ސަމާލުކަން ދީފައިވާ ގޮތަށާއި، އިޒްރޭލަށް ޖަވާބުދާރީ ކުރުވުމުގައި ހުޅަނގުގެ ބާރުތައް ނާކާމިޔާބުވެފައިވާ ގޮތަށެވެ.

ޑި ޖިއޮވާނީ ވަނީ ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތުގެ އިސްވެރިޔާ، ކުރީގެ އެސްޓޯނިއާގެ ބޮޑުވަޒީރު ކާޔާ ކަލަސް، ޣައްޒާއާ މެދު އިހުމާލުވެފައިވާ ކަމަށް ވިދާޅުވެ ފާޑުކިޔުން އަމާޒުކުރައްވާފައެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ކަލަސް ތަކުރާރުކޮށް ރަޝިޔާގެ ރައީސް ޕޫޓިން ޔޫކްރޭނުގައި ހިންގަވާ ކަންތައްތައް ފާހަގަކުރެއްވިއިރުވެސް، ޣައްޒާއާ ބެހޭ އެއްވެސް ވާހަކައެއް ނުދައްކަވައެވެ. ޑި ޖިއޮވާނީ ވިދާޅުވީ، އީ.ޔޫ.ގެ ޚާރިޖީ ސިޔާސަތުގެ ވެރިޔާގެ ހައިސިއްޔަތުން، އިޒްރޭލުގެ ޖިނާޢީ ޢަމަލުތައް ފާހަގަކުރުމުގެ ޒިންމާ ކަލަސްގެ މައްޗަށް އެބައޮތް ކަމަށެވެ.

ބައިނަލްއަޤްވާމީ ޤާނޫނުގެ ދައުރާމެދު ކުރެވޭ ސުވާލު

ބައިނަލްއަޤްވާމީ ޤާނޫނުގެ ދައުރާ މެދު ސުވާލު އުފެދިފައިވާ މި ދަނޑިވަޅުގައި، ގިނަ މުއައްސަސާތަކަށާއި ބައިނަލްއަޤްވާމީ ޤާނޫނުގެ ނިޒާމަށް ޤައުމީ ދައުލަތްތަކުގެ ފަރާތުން ބޮޑު ޕްރެޝަރެއް އަންނަ ކަމަށް އަލްބަނީޒް ފާހަގަކުރެއްވިއެވެ. ނަމަވެސް އޭނާ ވިދާޅުވީ ބައިނަލްއަޤްވާމީ ޤާނޫނު މަސައްކަތްކުރާ ކަމަށާއި، އެކަން ހިންގުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އޭނާ މިސާލު ދެއްވީ، ބައްޔަކަށް ދޭ ފަރުވާއެއް ކަމެއް ނުކުރާ ނަމަ، ހުރިހާ ބޭހެއް އެއްލާލާނެތޯ ކުރެވޭ ސުވާލުންނެވެ.

އަލްބަނީޒް އިތުރަށް ވިދާޅުވީ، މިހާރު ހިނގަމުންދާ ނަސްލު ނައްތާލުމަކީ، ތާރީޚުގައި ފުރަތަމަ ފަހަރަށް ދުނިޔޭގެ ފެންވަރުގައި ހޭލުންތެރިކަމެއް އުފެދިފައިވާ ކަމެއް ކަމަށާއި، އަދި މިއީ ހުއްޓުވުމުގެ ޤާބިލުކަން ލިބިފައިވާ ކަމެއް ކަމަށެވެ.

މި ނާޒުކު ދަނޑިވަޅުގައި، ރެކޮނިންގ ޕްރޮޖެކްޓްގެ ޑި ޖިއޮވާނީ ވިދާޅުވީ، އ.ދ.ގެ ސެކިއުރިޓީ ކައުންސިލްގެ މަސައްކަތް ހުއްޓިފައިވާ އިރު، އ.ދ.ގެ ޢާންމު މަޖިލިސް މިހާރަށްވުރެ މަތީ ފެންވަރެއްގައި އަދި އެންމެ އެދެވޭ ގޮތެއްގައި މަސައްކަތްކުރުމަށް 'އެކްޓިވޭޓް' ކުރެވިދާނެ ކަމަށެވެ. ނަމަވެސް، މިކަމުން ދައްކައިދެނީ ސެކިއުރިޓީ ކައުންސިލް މަސައްކަތްކުރާ ގޮތަށް ބޮޑެތި އިސްލާޙުތަކެއް ގެންނަން ޖެހޭ ކަމަށެވެ.

ޑި ޖިއޮވާނީ ވަނީ ނަތަންޔާހޫ އާއި އެހެނިހެން ފަރާތްތަކުން ހިންގާފައިވާ ނުބައި ޖަރީމާތަކަށް ޙައްލު ހޯދުން މުހިންމު ކަމަށް ބާރުއަޅުއްވާފައެވެ. އެއީ، އެފަދަ ޢަމަލުތަކަށް ޖަވާބުދާރީވުމެއް ނެތި ދޫކޮށްލުމަކީ އާންމު ކަމަކަށް ވެގެންދާނެ ކަމުގެ މެސެޖެއް ދެވިދާނެތީއެވެ. އޭނާގެ ނިންމެވުމަކީ، "ޖަވާބުދާރީވުމެއް ނެތި، ދުނިޔޭގެ ސަލާމަތެއް ނޯންނާނެ" ކަމެވެ.

މި މާހިރުންގެ މިވާހަކަ ތަކުން އެކަނި ވެސް އެމެރިކާއާއި ހުޅަނގުގެ ބޮޑެތި ޤައުމުތަކުގެ ލާއިންސާނީކަމާއި އެމީހުން އެބުނާ އިންސާނީ ޙައްޤުގެ ހަމަ އޮންނަގޮތް ދައްކުވައިދެއެވެ. މިއީ އަދި ކުޑަ މިންވަރެއްގެ ވާހަކަތަކަކަށް ވެދާނެއެވެ.