ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް(ކޭއާރުއެޗް) ގެ ޑަޔަލިސިސް ޔުނިޓު ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ޕްލަސް ބީ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި ފުޅާކުރުމުގެ މަސައްކަތް ނިމުމުން، މި ޔުނިޓުގެ އެނދުތަކުގެ ޢަދަދު އިތުރުވެގެންދާނެކަމަށް ކޭއާރުއެޗުން ބުންޏެވެ.
މިގޮތުން މިހާރު 4 އެނދުގައި ޚިދުމަތްދެމުން އަންނައިރު، މަސައްކަތް ނިމުމުން ޖުމްލަ 10 އެނދުގައި ޚިދުމަތް ދެވޭނެއެވެ. މީގެ ތެރޭގައި އެކަހެރިކޮށް ފަރުވާ ދެވޭނެ ޚާއްސަ އެނދަކާއި، އައި.ސީ.ސީ.ޔޫގައި ބޭނުންކުރެވޭނެ އެނދެއް ވެސް ހިމެނޭނެކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ކޭއާރުއެޗުން ފާހަގަކުރާ ގޮތުގައި، މި ފުޅާކުރުމުގެ ސަބަބުން، ފުރާނަ ސަލާމަތްކުރުމަށް ޑަޔަލިސިސް ޚިދުމަތަށް ބަރޯސާވެފައިވާ ބަލިމީހުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެއެވެ. އެގޮތުން، ޚިދުމަތް ހޯދުމަށް ކިއުގައި މަޑުކުރަންޖެހޭ ވަގުތު ކުރުވެ، ފަސޭހަކަން އިތުރުވެގެންދާނެއެވެ.
މީގެ އިތުރުން، އެނދުތައް އިތުރުވުމުގެ ސަބަބުން ބަލިމީހުންނަށް ރައްކާތެރިކަމާއެކު، ފަރުދީ ގޮތެއްގައި ފަރުވާ ލިބިގެންދާނެކަން ކަށަވަރުވާނެއެވެ. ހޮސްޕިޓަލުން ބުނެފައިވަނީ، މި ޔުނިޓު ފުޅާކުރުމަކީ ސަރަހައްދީ ފެންވަރުގައި ހިދުމަތް ދިނުމަށް އެ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!