އަންހެނުންގެ ހުނަރު އިތުރުކުރުމަށް ހާއްސަކޮށްގެން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހިންގި އިލެކްޓްރިޝަން ކޯސް ނިންމާލައިފި އެވެ.
މި ކޯހަކީ ކަރަންޓުގެ ދާއިރާއަށް އަންހެނުން ޝައުގުވެރިކުރުވައި، ފިރިހެނުންނާ އެއްހަމައެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތެކެވެ.
އާންމުކޮށް ހުޅުވާލައިގެން 16 އަހަރުން މަތީގެ އަންހެނުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔަ މި ކޯހުގައި ޖުމްލަ ހަތް ބެޗަކަށް ބަހާލައިގެން 116 ބައިވެރިއަކު ބައިވެރިވިއެވެ. ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ފަސްޓްލޭޑީ ސާޖިދާ މުހައްމަދާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދާއި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު މުޒްނާ އެވެ. މި ކޯހުގެ ޓްރެއިނަރުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ސްޓެލްކޯގެ ތަޖްރިބާކާރު މުވައްޒަފުންނެވެ.
ސްޓެލްކޯއިން ބުނީ މި ކޯހުގައި ގޭބީސީތަކުގެ ކަރަންޓް ވަޔަރު ކުރުމުގެ އަސާސީ މައުލޫމާތާއި، އަމަލީ ގޮތުން އެކަން ކުރާނެ ގޮތުގެ އިތުރުން ވަޔަރު ކުރުމަށް ބޭނުންވާ ސާމާނާއި އާންމުކޮށް ބޭނުންކުރާ ކަރަންޓް އާލާތްތައް ހަރުކުރާނެ ގޮތް ކިޔައިދީފައިވާ ކަމަށެވެ. މީގެ އިތުރުން ޑީ ބޯޑަށް ދިމާވާ މައްސަލަތައް ހައްލު ކުރާނެ ގޮތުގެ މައުލޫމާތު ވެސް ބައިވެރިންނަށް ދީފައިވެ އެވެ.
މި ކޯހުގައި ކަރަންޓުގެ ސަލާމަތީ ކަންތައްތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދީފައިވާ އިރު، ގޭބީސީތަކުގައި ބޭނުންކުރާ ކަރަންޓް ސާމާނު ރައްކާތެރި ގޮތުގައި ބޭނުން ކުރާނެ ގޮތުގެ އިތުރުން ކަރަންޓަށް ކުރާ ހޭދަ ކުޑަ ކުރެވޭނެ އުކުޅުތައް ވެސް ކިޔައިދީފައިވެ އެވެ. ސްޓެލްކޯގެ މަގްސަދަކީ މި ދާއިރާގައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމެވެ.
ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވަނީ މިފަދަ ކޯހެއްގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!