ހއ. ދިއްދޫގައި އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކަން ބޭނުންވާ ސާމާނު ހިފައިގެން އަންނަ ބޯޓު 15 ވަރަކަށް ދުވަހުގެ ތެރޭގައި ދިއްދޫގައި ބަނދަރުކުރާނެކަމަށް ދިއްދޫ ދާއިރާގެ މެމްބަރު ޢަބުދުއްލަތީފް މުހައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ.

ލަތީފް މިފަދައިން ވިދާޅުވީ، ހއ. އަތޮޅު ހޮސްޕިޓަލްގެ ފަސް ބުރީގެ އައު އިމާރާތުގެ ބިންގާ އެޅުމަށް އިއްޔެ ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ލަތީފްގެ ވާހާގައި ވަނީ ދިއްދޫ ރައީސްގެ ތިން ވަޢުދުފުޅެއް އޮތްކަމަށް ވިދާޅުވެފައެވެ. އެއީ ހއ. އަތޮޅު ހޮސްޕިޓަލް އައު އިމާރާތުގެ ވަޢުދުފުޅާއި، އެރަށުގައި އެއާޕޯޓެއް ތަރައްގީކޮށްދެއްވުމުގެ ވަޢުދުފުޅާއި އަދި އެރަށުގައި ބައިނަލްއަގްވާމީ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ގާއިމުކޮށްދެެއްވުމުގެ ވަޢުދުފުޅުކަމަށް ލަތީފް ވިދާޅުވިއެވެ.

އެ ވަޢުދުފުޅުތަކުގެ ތެރޭ ހިމެނޭ ދެ މަޝްރޫޢުއެއް (ހޮސްޕިޓަލްގެ އައު އިމާރާތާއި، އެއާޕޯޓް)ގެ މަސައްކަތް ހަވާލުކުރެވިފައި ވަނީ އެމްޓީސީސީ އާއިކަން ފާހަގަކުރައްވަމުން ލަތީފް ވިދާޅުވީ އަނެއް މަޝްރޫޢު (ބައިނަލްއަގްވާމީ ފެންވަރުގެ ފުޓްބޯޅަ ދަނޑު) ތަރައްގީކުރަން ވެސް އެ ކުންފުންޏާއި ހަވާލުކުރަން ބޭނުންވާ ކަމަށެވެ. އަދި އެކުންފުންޏާއި ހަވާލުކޮށްފިނަމަ އެ މަސައްކަތް ތާރީޚަށް ނިންމާނެކަމުގެ ފުރިހަމަ ޔަގީންކަން އޮންނަކަމަށް ލަތީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ބައިނަލްއަގްވާމީ ފެންވަރުގެ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫޢުވެސް ދާދި އަވަހަށް ހަވާލުކުރެވޭނެކަމުގެ މައުލޫމާތު ސަރުކާރުން ދެއްވާފައިވާކަމަށެވެ.

''ދިއްދޫ ރައްޔިތުންނަށް ވަރަށް އުފާވެރި ޚަބަރެއް، ކުރިއަށް އޮތް ދިހަވަރަކަށް ފަނަވަރަކަށް ދުވަހުގެ ތެރޭގައި ދިއްދޫ ރައްޔިތުންނަށް އަޅުގަނޑު ދަންނަވަންއޮތީ ބޯޓު ބަނދަރުކުރާނޭ އިރާދަކުރެއްވިއްޔާ، ސަރުކާރުން އަޅުގަނޑަށް މަޢުލޫމާތު ދިނީ، ބިން ހިއްކުން އެއާޕޯޓް މަސައްކަތް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ'' ލަތީފް ވިދާޅުވިއެވެ.

ލަތީފް ވަނީ އެކަމުގައި ރަށު ރައްޔިތުންގެ ފަރާތުން އޭނާގެ ވަރަށް ބޮޑު އެދުމެއްގެ ގޮތުގައި، އެހީތެރިކަމާއި އެއްބާރުލުމަށް އެދިވަޑައިގެންފައެވެ. އަދި އެ އެއްބާރުލުމާއެކު އެ މަޝްރޫޢުގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.

އެމްޓީސީސީ އާއި ހަވާލުކޮށްގެން ނިންމުމަށް އެއްބަސްވެފައިވާ ހއ. އަތޮޅު ހޮސްޕިޓަލްގެ ފަސް ބުރީގެ އައު އިމާރާތުގެ ބިންގާ އިއްޔެ އަޅާފައިވާއިރު، އެ އިމާރާތަކީ ފަންސާސް އެނދުގެ ޖާގައިގެ ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްގީކުރަން ނިންމާފައިވާ ތަނެކެވެ. މިގޮތުން މި މަޝްރޫޢުގެ ތެރެއިން އައިސޮލޭޝަން ފެސިލިޓީ އަކާއި، ރޭޑިއޮލޮޖީ ޑިޕާޓްމެންޓުގެ އިތުރުން ވޭސްޓް މެނޭޖްމެންޓު ސެންޓަރަކާއި އިންޑަސްޓްރިއަލް ލޯންޑްރީ އަދި އޮކްސިޖަން ޕްލާންޓް ގާއިމް ކުރަން ވަނީ ނިންމާފައެވެ.

މީގެ އިތުރުން އެ އިމާރާތް ނިމި ބޭނުންކުރަން ފަށާއިރު، އެކްސްރޭގެ ޚިދުމަތާއި، ސީޓީ ސްކޭންގެ ޚިދުމަތާއި، އެމްއާރުއައިގެ ޚިދުމަތާއި، މެމޮގްރަފީގެ ޚިދުމަތާއި އަދި އަލްޓްރާ ސައުންޑު ސްކޭންގެ ހިދުމަތް ލިބެން ހުންނާނެކަމަށް ހއ.އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދީފަވެއެވެ.