ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް 25 އޮކްޓޯބަރުގައި ވަނީ އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓެއް ނަގާފައެވެ. މި ވޯޓުގައި ހުޅުދޫ އަދި މީދޫން ވޯޓުލީ މީހުންގެ މެޖޯރިޓީ ސިޓީ ކައުންސިލުން ވަކިވާށެވެ. ނަމަވެސް ފޭދޫގެ ބޮޑު މެޖޯރިޓީއަކުން ނިންމީ ސިޓީ ކައުންސިލްގައި އޮންނާށެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި މިއީ އެރަށްތަކުން ހުށަހެޅިފައިވާ ހުށަހެޅުންތަކަކާއި ގުޅިގެން ނެގުނު ވޯޓެކެވެ.
މި ވޯޓުގައި ފޭދޫން ވޯޓުލީ 2436 މީހުންގެ ތެރެއިން ފެންނަކަމަށް 616 މީހުން ވޯޓުދިންއިރު ނުފެންނަކަމަށް 1784 މީހުން ވޯޓުދިނެވެ. ހުޅުދޫއިން ވޯޓުލީ 1069 މީހުންގެ ތެރެއިން ފެންނަކަމަށް 723 މީހުން، ނުފެންނަކަމަށް 329 މީހުން ވޯޓު ދިނެވެ. އަދި މީދޫ އިން ވޯޓުލީ 1008 މީހުންގެ ތެރެއިން ފެންނަކަމަށް 847، ނުފެންނަކަމަށް 144 މީހުން ވޯޓު ދިނެވެ.
މި ވޯޓަށްފަހު ރައީސް މިރޭ ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް އިޞްލާޙު ގެންނަވާފައެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ނިންމެވުމަކީ، އެ ދެ ރަށުގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގުނު ވޯޓުގެ ނަތީޖާއަށް ރިއާޔަތްކުރައްވައި، ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ޢަމަލުކުރެއްވުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ.
މި ޤަރާރު އިޞްލާޙުކުރެއްވުމުގެ އަސާސަކީ، 2025 އޮކްޓޫބަރު 25 ވީ ހޮނިހިރު ދުވަހު ނެގުނު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެވެ. މި ވޯޓުގައި، އައްޑުއަތޮޅު ހުޅުދޫގެ ރައްޔިތުން ވަނީ ހުޅުދޫއަށް ޚާއްޞަކޮށްގެން އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެންނަކަމުގައި ނިންމާފައެވެ. ހަމަ އެފަދައިން، އައްޑުއަތޮޅު މީދޫގެ ރައްޔިތުން ވެސް ވަނީ މީދޫއަށް ޚާއްޞަކޮށްގެން އައްޑުއަތޮޅު މީދޫ ކައުންސިލް އުފައްދަން ފެންނަކަމުގައި ނިންމާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ މި ނިންމުމަށް އިޙްތިރާމްކުރައްވައި، އެ ނިންމުމާ އެއްގޮތަށް ޢަމަލުކުރެއްވުމަށްޓަކައި ޤަރާރަށް ބަދަލު ގެންނަވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިއަދު ޝާއިޢުކުރެވިފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި، މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކުރިން ކަނޑައަޅާފައިވާ "އައްޑޫ" އަކީ "އައްޑޫ ސިޓީ" ކަމުގައި ކަނޑައަޅުއްވާފައިވެއެވެ. އަދި "އައްޑޫ ސިޓީ" ގައި ހިމެނޭނީ އައްޑުއަތޮޅު ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ފޭދޫ ކަމުގައި ބަޔާންކުރައްވާފައިވެއެވެ. ކުރިން "އައްޑޫ" ގެ އިޚްތިޞާޞްގެ ބައެއްގެ ގޮތުގައި އޮތް "ހުޅުދޫ" އާއި "މީދޫ" އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަކިން ކަނޑައަޅުއްވާފައެވެ.
މި އިޞްލާޙާއެކު، އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 ގެ ޖަދުވަލެއްގެ ގޮތުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް އިތުރުކުރެވިފައެވެ. މި އިޞްލާޙުގެ ސަބަބުން، އައްޑޫ ސިޓީގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް އަންނާނެއެވެ. މި ބަދަލުތައް ގެނައުމަށްޓަކައި، ޤަރާރުގެ ޖަދުވަލު ވަނީ އަދާހަމަ ކުރައްވާފައެވެ.
މި އިޞްލާޙަށް ޢަމަލުކުރަން ފަށާނެ ތާރީޚެއް ކަނޑައަޅުއްވާފައިވަނީ، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއްގައި އިންތިޚާބު ކުރެވޭ ކައުންސިލްތަކުގެ އުމުރު ގުނަން ފަށާ ދުވަހުން ފެށިގެންނެވެ. މިއީ ހުޅުދޫ އާއި މީދޫގެ ރައްޔިތުންނަށް ވަކި އިދާރީ ދާއިރާއެއްގެ ގޮތުގައި ޚާއްޞަ ކައުންސިލެއް އިންތިޚާބުކުރުމުގެ ފުރުސަތު ހުޅުވާލާނެ ނިންމުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!