އަޔަލެންޑްގެ ވައަތުފިޔައިގެ ޕާޓީތަކުގެ ތެރެއިން ޝިން ފެއިން ހިމެނޭގޮތަށް ގިނަ ޕާޓީތަކުގެ ތާއީދު ހޯއްދަވައިގެން، ފަލަސްޠީނަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ވައަތުފިޔަގެ މިނިވަން ކެންޑިޑޭޓް ކެތަރިން ކޮނޮލީ އެ ޤައުމުގެ ރިޔާސީ އިންތިޚާބުގައި މެދުމިނުގެ ކަނާތުފިޔައިގެ ވާދަވެރިޔާއާ ވާދަކުރައްވައި ބޮޑު ތަފާތަކުން ކާމިޔާބު ހޯއްދަވައިފިއެވެ.
ރަސްމީ ނަތީޖާތަކުން ދައްކާގޮތުގައި އަޔަލެންޑްގެ ގިނަ ވޯޓަރުން ވަނީ ކޮނޮލީއަށް ރައީސްކަމަށް ތާއީދުކޮށްފައެވެ. ބާތިލް ވޯޓުތައް އުނިކުރުމަށްފަހު، ކޮނޮލީ ވަނީ ފުރަތަމަ ޕްރިފަރެންސްގެ 63 އިންސައްތަ ވޯޓު ހޯއްދަވާފައެވެ. އެއީ މެދުމިނުގެ ކަނާތުފިޔައިގެ ޕާޓީ ފައިން ގޭލްގެ ކެންޑިޑޭޓް ހެދަރ ހަމްފްރީސްގެ 29 އިންސައްތައާ އަޅާބަލާއިރު މަތީ އަދަދެކެވެ. ހަމްފްރީސް ވަނީ ވޯޓު ގުނުން ނިމުމުގެ ކުރިން ހޮނިހިރު ދުވަހުގެ ކުރީކޮޅު ބަލިވެއްޖެކަން ޤަބޫލުކުރައްވާފައެވެ.
އުމުރުފުޅުން 68 އަހަރުގެ ކޮނޮލީ ވަނީ ހޮނިހިރު ދުވަހުގެ ރޭ ޑަބްލިން ކާސަލްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ތަފާތުތަކަށް މަރުޙަބާކިޔާނެ ކަމަށާއި، އަދި ސުލްޙައަށް އަޑުއުފުއްލަވާނެ ކަމަށެވެ. އަދި ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތުގެ މައްޗަށް ބިނާކޮށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"އަހަރެން ވާނީ ތިޔަ އެންމެންގެ ރައީސަކަށް، އަދި އަހަރެން މިކަން ދެކެނީ ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި،" ކޮނޮލީ ވިދާޅުވިއެވެ.
ޣައްޒާއަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމައާ ގުޅޭގޮތުން ކޮނޮލީ ވަނީ ވަރަށް ސާފު ބަހުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އޭނާ ވިދާޅުވެފައިވަނީ، އިސްރާއީލުން ވަނީ ޣައްޒާގައި ނަސްލު ފޮހުމުގެ ޢަމަލު ހިންގާފައިކަމަށެވެ.
''ނަސްލު ފޮހުމުގެ ޢަމަލު އާންމުވެގެން ދިއުމަކީ ފަލަސްޠީނު ރައްޔިތުންނަށް ކާރިސާއެއް، އަދި އިންސާނިއްޔަތަށްވެސް ކާރިސާއެއް، ތާރީޚު ފެށުނީ އޮކްޓޯބަރު 7 ގައެއް ނޫން، އަޅުގަނޑުގެ ހަށިގަނޑުގައި ނޭވާ ހުއްޓާ ހުރިހާ ދުވަހަކު އަޅުގަނޑު ފަލަސްޠީނު ރައްޔިތުންނާއެކު އެއްބައިވަންތަކަމާއެކު ތިބޭނަން" އޭނާ ކުރިން ވިދާޅުވެފަވެއެވެ.
ޙަމާސްއާ ގުޅޭގޮތުން ކޮނޮލީ ވިދާޅުވެފައިވާކަމަށް ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޣައްޒާގެ މުސްތަޤުބަލުގައި ޙަމާސްގެ ދައުރެއް އޮތްތޯ ނިންމުމަކީ ޔޫކޭގެ ބޮޑުވަޒީރު ކީރ ސްޓާމަރގެ "ކަމެއް ނޫން" ކަމަށެވެ.
"އަޅުގަނޑު އަންނަނީ އަޔަލެންޑުން، އެއީ މުސްތަޢުމަރުކުރުމުގެ ތާރީޚެއް އޮތް ޤައުމެއް، އެހެންކަމުން މިނިވަން ބަޔަކަށް އެމީހުންގެ ޤައުމު ހިންގާނެ ގޮތް ބުނެދިނުމާމެދު އަޅުގަނޑު ވަރަށް ބޮޑަށް ޖެހިލުންވާނަން، ފަލަސްޠީނު ރައްޔިތުން އެމީހުންގެ ޤައުމު ވެރިކަން ކުރާނެ ފަރާތެއް ޑިމޮކްރެޓިކް ގޮތެއްގައި ނިންމަންޖެހޭނެ" ދަ އައިރިޝް ޓައިމްސްއިން ކޮނޮލީ ވިދާޅުވިކަމަށް ރިޕޯޓުކޮށްފައިވެއެވެ.
އަޔަލެންޑްގެ އިންތިޚާބީ އައު ރައީސް ވަނީ އިނގިރޭސިވިލާތާއި އާއި އެމެރިކާއިން ޣައްޒާގައި ނަސްލު ފޮހުމުގެ ޢަމަލު ހިންގުމަށް މަގުފަހިކޮށްދޭ ކަމަށްވެސް ތުހުމަތުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!