ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަންތައް ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.
ފުލުހުން މައުލޫމާތުދިން ގޮތުގައި ފުރަތަމަ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ސ.ހިތަދޫ / މާސާ އަޙްމަދު ޢާނިމް (27އ) އެވެ. މި އޮޕަރޭޝަނުގައި ހުޅުމާލޭގެ އެޕާޓްމަންޓަކުން ފެނިފައިވަނީ މަސްތުވާތަކެތިކަމަށް ބެލެވޭ، ވަގުތީ ބަރުދަނުގައި 2 ގްރާމުގެ ޓިޝޫ ޕޭޕަރަކާއި، 300،000 ރުފިޔާއަށްވުރެ ގިނަ ފައިސާއެވެ. އޭނާ ވަނީ ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައެވެ.
މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ހައްޔަރުކުރި މީހަކު، ފޮޓޯ: ޕޮލިސް
ދެވަނަ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހަތަރު މީހުންނެވެ. އެއީ ނ.ވެލިދޫ / ރެޑިޔަމްވިލާ، އަޙްމަދު މައިޝާން ނަސީމް (20އ) އާއި ނ.ވެލިދޫ / ޑޭޒީމާގެ، ޙަސަން ނާއިމް (26އ) އާއި ނ.ވެލިދޫ / ޖަވާހިރުމާގެ، މުޙައްމަދު ޚަލަފް އިބްރާހީމް (18އ) އަދި ނ.ކުޑަފަރި / ލިލީގެ، އިބްރާހީމް ރިޔާޝް (18އ) އެވެ.
މި އޮޕަރޭޝަނުގައި ހުޅުމާލޭގެ އެޕާޓްމަންޓަކުން ފެނިފައިވަނީ 28.61 ގްރާމުގެ މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެކެވެ. މި ހަތަރު މީހުންވެސް ވަނީ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައެވެ.
ފުލުހުން މައުލޫމާތުދިން ގޮތުގައި މި ދެ މައްސަލައިގެ ތަޙުޤީޤު މިހާރުދަނީ ކުރިއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!