އިސްރާއީލުން ޣައްޒާގައި ހިނގަމުންދާ އުދުވާނު ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ސުލްޙަ ޕްލޭނަކަށް ފަލަސްތީނު އޮތޯރިޓީ (ޕީއޭ) އިން މަރުޙަބާ ކިޔާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ޕްލޭނާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއާ އެކު ހޯމަ ދުވަހު ޓްރަމްޕް އިޢުލާނުކުރެއްވިއިރު، ހަމާސްއިން ދަނީ މި ހުށަހެޅުން "ހެޔޮ ނިޔަތުގައި" ދިރާސާކުރަމުންކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

Ad
rt

ރައީސް ޓްރަމްޕް ވަނީ އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިންމުމަށާއި، ހަނގުރާމައަށްފަހު ޣައްޒާގެ ވެރިކަން ހިންގުމަށް 20 ނުކުތާގެ ޕްލޭނެއް ހުށަހަޅުއްވާފައެވެ. މި ޕްލޭނުގައި ޣައްޒާގެ ރައްޔިތުން އެ ސަރަޙައްދު ދޫކޮށް ދިއުމަށް ލާޒިމުކުރާ ކަމަށް ބަޔާންކޮށްފައެއް ނުވެއެވެ. އަދި ދެފަރާތުންވެސް މި ޕްލޭނަށް ތާއީދުކޮށްފިނަމަ ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.

''އެސޯސިއޭޓް ޕްރެސް-އޭޕީ''އިން ފަލަސްތީނުގެ އޮފިޝަލަކާއި ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި، މި ޕްލޭން ހަމާސްއަށް ހުށަހަޅާފައިވާއިރު، އެ ފަރާތުން "ކެނޑިނޭޅި މަސައްކަތް" ކުރަމުން ދަނީ މި ހުށަހެޅުން ދިރާސާކުރުމަށެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އުދުވާނު ހުއްޓާލުމުގެ ޕްލޭނެއް ޓްރަމްޕް ހުށަހަޅައިފި

މި ހުށަހެޅުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، އިސްރާއީލުން މި ޕްލޭނަށް ތާއީދުކުރާތާ 72 ގަޑިއިރުގެ ތެރޭގައި ހަމާސްއިން ހުރިހާ ރަހީނުން ދޫކޮށްލަން ޖެހޭނެއެވެ.

ފަލަސްތީނު އޮތޯރިޓީން ވަނީ މި ޕްލޭނަށް މަރުޙަބާ ކިޔާ، އިޞްލާޙުތައް ގެނައުމަށް އެއްބަސްވެ، ޣައްޒާއަށް އަނބުރާ ވަދެ، ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމުގެ މަގު ތަނަވަސްކޮށްދިނުމަށް އެއްބަސްވެފައެވެ. ފަލަސްތީނު އޮތޯރިޓީއަކީ ހަމާސްގެ ވާދަވެރިންގެ ލީޑަރޝިޕްގެ ދަށުން މިހާރު އިސްރާއީލުން ހިފާފައިވާ ވެސްޓް ބޭންކުގެ ބައެއް ސަރަޙައްދުތައް ހިންގާ ފަރާތެކެވެ.

.