ކުރީގެ ރައީސުންނަށް ދެމުން އަންނަ ޕެންޝަންގެ މިންވަރު ކުޑަކުރަން ފެނިވަޑައިގަންނަވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވީ، މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނަޝީދުގެ ޕޯސްޓްގައި ކުރީގެ ރައީސުންނަށް ދެމުން އަންނަ ޕެންޝަންގެ މިންވަރު ކުޑަކުރަން ފެނިވަޑައިގަންނަވާކަމަށް ވިދާޅުވުމަށްފަހު ދެން ލިޔުއްވާފައި ވަނީ ލިބޭ މިންވަރަށް ކަންކަން ކުރުމަށް ނަސޭހަތްތެރިވެ ދިވެހި އަދީބަކު ހައްދަވާފައިވާ ޅެން ބައިތު ތަކެކެވެ. އެއީ،
‘’ލިބޭ މިންވަރު ނިކަން ދަނެގެން،
ވި ބޭނުންތައް ބަހާލައިގެން
ތިބޭނަމައީ ފިކުރުކޮށްގެން،
މި ބޭޒާރެއް ނުވެސްވީހޭ’’
ނަޝީދު މި މޭރުމުން ވިދާޅުވެފައި މި ވަނީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ޤާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ޤާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ 10 ސެޕްޓެމްބަރ 2025 ގައި ޢިއުލާން ކުރަށްވާފައި ވަނިކޮށެވެ.
2009 ވަނަ އަހަރު ފާސްކުރި "ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ޤާނޫނު"ގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު އަދާކުރި މީހަކަށް މަހަކު 50،000ރ. އަދި ދެ ދައުރު އަދާކުރި މީހަކަށް 75،000ރ. ގެ މާލީ އިނާޔަތެއް ދޭން ޖެހެ އެވެ. އެ މީހަކު މަރުވެއްޖެނަމަ، އެ މީހާގެ އަނބިމީހާއަށް، އޭނާ އެހެން ކައިވެންޏެއް ކުރަންދެން ނުވަތަ އޭނާ ދުނިޔޭގައި ހުރިހާ ދުވަހަކު އެ އިނާޔަތް ދޭން ޖެހެ އެވެ.
މި ގާނޫނުގެ ދަށުން ކުރީގެ ރައީސުން ދިރިއުޅޭނެ ތަނެއް ހަމަޖެއްސުމަށް 50،000ރ. ގެ އިނާޔަތެއް މަހެއްގެ މައްޗަށް ލިބިދެވޭއިރު، އޮފީސް ހިންގަން މަހެއްގެ މައްޗަށް 175،000ރ. ގެ އިނާޔަތެއް ލިބެއެވެ.
މި ގާނޫނުގެ ދަށުން ކުރީގެ ރައީސުންނަށް ދަތުރުފަތުރުގެ ހަރަދު ވެސް ދައުލަތުން ހަމަޖައްސައިދޭއިރު، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ދައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް ވެސް ލިބެ އެވެ.
ކުރީގެ ރައީސުންގެ ގޮތުގައި ނަޝީދު ހިމެނިވަޑައިގަންނަވާހެން ފަސް ބޭފުޅަކު އެބަތިއްބެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!