މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު 23 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާގޮތުގައި، މަސްތުވާތަކެތި ގެންގުޅެ އެތަކެތި ވިއްކާ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި މަހުގެ 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ވަނީ ޅ. ހިންނަވަރު / ކަފިދޫގެ، ހާރޫން ޖައިލަމް ހައްޔަރުކޮށްފައެވެ.
މި އޮޕަރޭޝަނުގައި ދެ ސައިކަލަކާއި އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު، އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި ލައްކައަކަށްވުރެ ގިނަ ރުފިޔާ ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލައާ ގުޅިގެން ބަލައިފާސްކުރި ދެ ސައިކަލް ވަނީ ޓޯވކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ހާރޫން ޖައިލަމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ގެންދަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!