ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އޮތް ހުރަސްތައް ނައްތާލުމަށް ޑެންމާކުން އިސްރާއީލަށް ގޮވާލައިފިއެވެ.
ޑެންމާކުގެ ސަރުކާރުގެ ނޫސް އިދާރާ ޑީއާރުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން އަޅާފައިވާ ހުރަސްތައް ނައްތާލުމަށް ބާރުއެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ޑެންމާކުން ވަނީ ގޮވާލައިފައެވެ.
ޑެންމާކުގެ ޕާލަމެންޓްގައި ވާހަކަދައްކަވަމުން، އެ ގައުމުގެ ބޮޑުވަޒީރު މެޓެ ފްރެޑެރިކްސެން ވިދާޅުވީ، "އިންސާނީ އެހީ ހުއްޓުވުމަކީ ކުރިންވެސް އަދި މިހާރުވެސް ނުބައިކަމެއް ކަމަށެވެ. އެހެންކަމުން އެކަން ހުއްޓުވުމަށް އިސްރާއީލަށް އިތުރު ބާރު އަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ޔޫރަޕިއަން ޔޫނިއަންގެ ތެރޭގައި މިކަމާ މެދު މަޝްވަރާކުރަމުން ދިޔަކަމަށެވެ.
ގައްޒާގެ އިންސާނީ ހާލަތާ ބެހޭ ގޮތުން އޭނާވިދާޅުވީ ޣައްޒާގެ އިންސާނީ ހާލަތު އޮތީ ޤަބޫލުކުރެވޭ ވަރަށްވުރެ ދަށްވެފައިކަމުގައެވެ. އެގޮތުން ވަރަށް ގިނަ ކުޑަކުދިންނަށް ބަނޑުހައިހޫނުކަމުގެ އަސަރުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަށީގެންވާ މިންވަަރަކަށް ކާބޯތަކެތި ނުވަންނަ ކަމަށާއި، އަދި ބޭސްފަރުވާގެ އެހީތެރިކަން ވެސް ވަނީ ވަރަށް މަދުވެފައި ކަމުގައި އޭނާވިދާޅުވިއެވެ.
އަދި ހަމަ މިއާއެކު އިސްރާއީލުގެ ހަނގުރާމައާއި ބްލޮކޭޑުގެ ސަބަބުން ޣައްޒާގެ ބަލިމީހުން އެހެން ޤައުމުތަކަށް ގެންދިއުމަށް ގޮވާލެވޭ ގޮވާލުންތަކަށް ވެސް ޑެންމާކުން ވަނީ އިންކާރުކޮށްފައެވެ.
ޑެންމާކުން މިފަދަ ވާހަކަތަކެއް ދައްކާފައި މިވަނީ ، ޣައްޒާގައި ފަރުވާ ނުދެވޭ ވަރުގެ ބޮޑެތި ޒަޚަމްތަކާއި ބަލިތަކުގައި ތިބި މީހުން އެހެން ޤައުމުތަކަށް ގެންގޮސް ފަރުވާދިނުމަށް، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކަށް ގޮވާލުމާ ގުޅިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!