ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް ކަމަށް މުޙައްމަދު އަނަސް މިއަދު ޢައްޔަނުކުރައްވައިފިއެވެ.

މުޙައްމަދު އަނަސް އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

Ad
rt

މުޙައްމަދު އަނަސް މީގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ނައިބުކަމާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރކަމުގެ މަގާމު ވެސް ހިމެނެއެވެ.

ޕީސީބީގެ ރައީސްކަމުގައި ކުރިން ހުންނެވީ ޙަމްދީ ޢަޤީލް އެވެ. އޭނާ ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު މަގާމުން ވަކިކޮށްފައެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި، ކޯޕަރަޓައިޒްކުރުމާއި، އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ މުހިންމު މުއައްސަސާއެކެވެ.

ގާނޫނު ބުނާ ގޮތުން އެ އިދާރާގެ ބޯޑަކީ ރައީސް އައްޔަން ކުރައްވާ ހަތް ބޭފުޅުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. އަދި އެ ބޯޑުގެ މެންބަރުންނަށް އައްޔަން ކުރައްވާ ފަރާތްތަކަށް މަޖިލީހުން ރުހުން ހޯދަން ޖެހެ އެވެ.