ހއ. ބާރަށު ގޮނޑުދޮށަށް ލައްގާފައިވާ ފަތްތަކަކީ މަސްތުވާ އެއްޗެއްކަމަށް ނުބެލެވޭކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.

ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މިއަދު ހަވީރު 4:15 ހާއިރު ބާރަށު ފުއްޓަރު ފަރާތު ގޮނޑުދޮށަށް ބޮންޑި ބޮންޑިއަށް ބަންދުކޮށްފައި ހުރި ފަތްތަކެއް ލައްގާފައި ހުރިކަމުގެ މަޢުލޫމާތު އެ އިދާރާއަށް ވަނީ ލިބިފައެވެ.

Ad
rt

މިހާތަނަށް ބެލިބެލުމުން، އެ ފަތްތަކަކީ މަސްތުވާ ޒާތުގެ އެއްޗެއްކަމަށް ނުބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

2018 ވަނަ އަހަރު އެންމެ އުތުރުގެ ބައެއް ރަށްރަށުގެ ގޮނޑުދޮށަށް މަސްތުވާތަކެތި ކަމަށްބެލޭ ޕެކެޓްތަކެއް ވަނީ ލައްގާފައެވެ. އެ އަހަރު މެއި 31 ވަނަ ދުވަހު ފަތިހުގެ ވަގުތެއްގައި ހއ.އިންނަފިނޮޅުގެ ފަރަށް އީރާނުގެ ބޯޓެއް އުރުނު ހާދިސާއެއް ހިނގިއެވެ. އިންނަފިނޮޅު ފަރަށް ބޯޓެއް އަރައިގެން އުޅުނު މަންޒަރު ފެނުނީ އެއަތޮޅުން ވަދު މަސްވެރިކަމުގެ ނިކުމެ އުޅުނު ބަޔަކަށެވެ. އެއާ އެކު އެކަން ކޯސްޓްގާޑަށް ރިޕޯޓު ކުރި އެވެ. ނަމަވެސް އެމްއެންޑީއެފް ރެސްކިއު ޓީމެއް ބޯޓާއި ދިމާލަށް ދިއުމުން ބޯޓުގައި ރޯކޮށްލުމަށްފަހު ފަޅުވެރިން ވަނީ ބޯޓުން މޫދަށް ފުންމާލައިފަ އެވެ.

2018 ވަނަ އަހަރު މޮޅަދޫ ގޮނޑުދޮށަށް ލެއްގި ޕެކޭޖެއް، މިއީ އީރާނުގެ ބޯޓުން ދޫވި އެއްޗެއްކަމަށް ބެލެވިފައިވޭ،

އެ ބޯޓުގައި ރޯކޮށްލިފަހުން މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓްތައް އެ ސަރަހައްދުގެ ބައެއް ރަށްރަށުގެ ގޮނޑުދޮށަށް ލައްގާފައިވެއެވެ. އަދި ބައެއް ޕެކެޓްތައް ކަނޑުމަތިން އޮޔާ ދަނިކޮށްވެސް ފެނުނުކަމަށް އަޑުފެތުރިފައި ވެއެވެ.