މަސްވެރިންނަށް ރޯދަ އިނާޔަތް ލިބޭގޮތް ހަދަން ބޭނުންފުޅުވާކަމަށާއި، ހަމައެޔާއެކު އެހެން ފަންނުތަކުގެ މީހުންނަށް ވެސް ރޯދަ އިނާޔަތް ލިބޭނެގޮތަށް ކަންކަން ތަރުތީބުކުރެއްވުމަކީ ވިސްނުންފުޅެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދ.އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ މީދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ)ތަކުގެ މެމްބަރުންނަށް ވަޢުދުވީފަދައިން ރޯދަ އިނާޔަތް ލިބޭނެގޮތް ހަމަޖައްސަވައިދެއްވާފައިވާކަމަށް ވިދާޅުވެފައެވެ. މިގޮތުން އެކަމަށް ޤާނޫނުގައި ހުރަސް އޮތުމުން މަޖިލީހުގެ ތެރެއިން އެކަމަށް ހައްލު ހޯދައިދީ، ރޯދަ އިނާޔަތް ހަމަޖައްސައިދޭނެކަމަށް އެމަނިކުފާނުވީ ވަޢުދު މިހާރު ފުއްދަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ހަފުތާ ނިމުމުގެ ކުރިން ޑަބްލިޔުޑީސީތަކުގެ މެމްބަރުންނަށް ރޯދަ އިނާޔަތްދީ ނިންމަން މާލީ ވުޒާރާއިން މިހާރު ކައުންސިލްތަކަށް އަންގާފައިވާ ކަމަށެވެ.

''އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ފަންނުތަކުގެ ބޭފުޅުންނަށް ވެސް، މިސާލަކަށް ޤާނޫނީގޮތުން ކަންކަން ފަހިކޮށްގެން ކުރިއަށް އޮތްތަނުގައި މަސްވެރިންނަށް ވެސް އަޅުގަނޑު ބޭނުންވަނީ ރޯދަ އިނާޔަތްލިބޭގޮތް ހަދަން، ހަމައެގޮތަށް ދެން ހުރި ފަންނުތައް ވެސް، އެކަން ކުރުމަށް އެބަހުރި ބައިވަރު މަރުހަލާތައް ކުރިއަށް ގެންދަން،'' ރައީސް ވިދާޅުވިއެވެ.

އެއްކަމަކަށް މަސްވެރިންގެ ދަފުތަރެއް އެކުލަވާލުމުގެ މަަސައްކަތް ފައްޓަވާފައިވާކަމަށާއި، އެއީ މަސްވެރިންނަށް ރޯދަ އިނާޔަތް ދިނުމުގެ މަސައްކަތުގެ ފުރަތަމަ މަރުހަލާކަން ރައީސް ފާހަގަކުރެއްވިއެވެ.

''މަސްވެރިންނަކީ ކޮންޓިނިއުސް، ރެގިއުލަރ އިންކަމް ލިބޭ ބަޔެއްކަން ބޭންކިން ނިޒާމް ނުދަނޭ މިހާރު، އެހެންވީމަ އަޅުގަނޑުމެން ޤާނޫނީގޮތުން ބަލައއިގަންނަ ދަފުތަރެެއް މި އުފެއްދީ އެކަމުގެ އުސޫލު ގެޒެޓްކޮށްގެން، އެ ދަފުތަރުގައި ޖެހޭ ފަރާތްތަކަށް ކުރިއަށް އޮތް ދުވަސްތަކުގައި ލޯނު ނެގުމާއި އެސްޓީއޯ ކްރެޑިޓް ސްކީމުން އެހީތެރިކަން ހޯދުމާއި މިކަންކަން ފަހިވެގެންދާނެ މި އަހަރުގެ ތެރޭގައި''

ރައީސް ވިދާޅުވީ، މި މަރުހަލާާތައް ކަޑައްތުކޮށް މަސްވެރިންނަކީ ކުރިއަށް އޮތް ދުވަސްތަކުގައި ރޯދަ އިނާޔަތް ވެސް ހަމަޖެއްސޭނެ ބަޔެއްކަމުގައި ޤަބޫލުފުޅުކުރަށްވާކަމަށެވެ.