އިސްރާއީލް ޕާސްޕޯޓް މަނާކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ''ރޮކެޓް ސްޕީޑްގައި'' ކުރިއަށް ގެންދަވާނެކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަން ވެސް ކުރަށްވާ މުހައްމަދު މިހެން ވިދާޅުވީ ''އިސްރާއީލް ޕާސްޕޯޓު މަނާކުރުން، އިބިލީހު ކައިވެންޏަށް'' ކަމަށް ބުނެ، އަލީ ރަމީޒް އެކްސްގައި ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެންނެވެ.

Ad
rt

މުހައްމަދު ވިދާޅުވީ، ފަލަސްތީން މުސްލިމް ރައްޔިތުންނަށް އިސްރާއީލްއިން ހުއްޓުމެއްތި ކުރަމުންގެންދާ ލާއިންސާނީ އަނިޔާތައް ދިވެހި ސަރުކާރުން ވަރައްބޮޑައް ކުއްވެރިކުރަމުން އަންނަކަމަށެވެ. އަދި ރައީސް ޑރ. މުއީޒު، ފަލަސްތީން މުސްލިމު ރައްޔިތުންގެ ހައްގުތައް ހިމާއަތްކޮށް ކަށަވަރުކުރަން ކެނޑިނޭޅި މަސައްކަތްޕުޅު ކުރަށްވަމުން އަންނަކަމަށް މުހައްމަދު ވިދާޅުވެފަވެއެވެ.

''ނޫން، ބާރަށް ކުރިއަށް ގެންދާނަން އިންޝާﷲ، މި ފެށޭ ވީކްގައި ރޮކެޓް ސްޕީޑްގައި ގެންދާނަން އިންޝާﷲ'' މުހައްމަދު ވިދާޅުވެފަވެއެވެ.

އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނު ބަދަލުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހު ހުށަހެޅި ބިލު ބަލައިގަނެ މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ.

މުހައްމަދު މިހެން ވިދާޅުވެފައިވާއިރު، މި ބިލު ދިރާސާކުރުމަށް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީގެ ބައްދަލުވުމެއް ވަނީ މާދަމާ ހެނދުނު 10:00 އަށް މިހާރު ތާވަލު ކޮށްފައެވެ.

12 ނޮވެމްބަރު 2024 ގައި އޮތް މިކޮމެޓީގެ ބައްދަލުވުމުގައި ވަނީ ކޮމެޓީން މި ބިލުގެ މަސައްކަތް ނިންމާނެ ސުން ގަޑިއެއްގެ ގޮތުގައި 2025 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ނިޔަލަށްކަމުގައި ކަނޑައަޅާފައެވެ.