އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އާއި އޭނާގެ ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް އަދި ހަމާސްގެ އަސްކަރީ ކޮމާންޑަރު މުޙައްމަދު ދީފްގެ މައްޗަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ހައްޔަރު ކުރުމުގެ އަމުރެއް ނެރެފިއެވެ.
އައިސީސީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނަތަންޔާހޫ އާއި ގަލަންޓްގެ މައްޗަށް "2023 ވަނަ އަހަރުގެ އޮކްޓޯބަރު 8 އިން ފެށިގެން 2024 ވަނަ އަހަރުގެ މެއި 20 އާ ހަމައަށް އިންސާނިއްޔަތާ ޚިލާފު ކުށްތަކާއި ހަނގުރާމައިގެ ކުށްތައް" ކުރިކަމުގެ ތުހުމަތު ކުރެވޭ ކަމަށެވެ.
ކޯޓުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ގަލަންޓް އާއި ނަތަންޔާހޫ "ގަސްތުގައި އަދި އެނގިހުރެ ޣައްޒާގެ މަދަނީ ރައްޔިތުންނަށް ދިރިހުރުމަށް ކޮންމެހެން ބޭނުންވާ ތަކެތި، އޭގެ ތެރޭގައި ކާނާ، ފެން، ބޭސް އަދި ސިއްހީ ތަކެއްޗާއި، ތެޔޮ އަދި ކަރަންޓު ނުލިބޭ ގޮތް ހެދި" ކަމުގެ "އެކަށީގެންވާ ހެކި" ހުރި ކަމަށެވެ.
މި ކަމާ ގުޅޭ ގޮތުން އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "އައިސީސީ އިން އިޒްރޭލުގެ މައްޗަށް ކުރާ މި ބޭއަދަބީ އަދި ދޮގު ތުހުމަތުތައް އިޒްރޭލުން ބަލައިނުގަންނަ" ކަމަށާއި، އިޒްރޭލުގެ ރައްޔިތުން ދިފާއު ކުރުމުގައި "އެއްވެސް ފިއްތުމަކަށް ބޯނުލަނބާނެ" ކަމަށެވެ.
މީގެ އިތުރުން، އައިސީސީން ވަނީ ހަމާސްގެ އަސްކަރީ ކޮމާންޑަރު މުޙައްމަދު އަލް-މަސްރީ (މުޙައްމަދު ދީފް) ގެ މައްޗަށްވެސް ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައެވެ. މި އަމުރު ނެރެފައިވަނީ "2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިޒްރޭލާއި ފަލަސްތީނުގައި ހިންގި ކަމަށް ތުހުމަތު ކުރެވޭ އިންސާނިއްޔަތާ ޚިލާފު ކުށްތަކާއި ހަނގުރާމައިގެ ކުށްތަކާ" ގުޅިގެންނެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށްތަކުގެ ތެރޭގައި މީހުން މެރުމާ، އަނިޔާކުރުން، ރޭޕްކުރުން އަދި އެހެނިހެން ޖިންސީ އަނިޔާތައް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!