ހިމަބިހި ޖެހިގެން ފަރުވާ ހޯދި ކުއްޖާއަކީ މީސަލްސް ވެކްސިންގެ ދެޑޯޒު ފުރިހަމަ ނުކޮށް ހުރި ކުއްޖެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެކަމާ ގުޅިގެން އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، އެކުއްޖާވަނީ ނުވަ މަހުގައާއި 18 މަހުގައި ދޭންޖެހޭ މީސަލްސް ވެކްސިންގެ ދެޑޯޒު ފުރިހަމަ ނުކޮށް ކަމަށެވެ.

Ad
rt

އެކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު، ކުއްޖާގެ ހާލު ރަނގަޅުވެ، އަދި އޭނާގެ ފަރާތުން ބަލި ފެތުރޭ މުއްދަތު ފާއިތުވެފައިވާތީ އެކުއްޖާ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.

އެޗްޕީއޭ އިން ބުނީ، އެކުއްޖާއަށް ހިމަބިހި ޖެހިފައިވާކަން ދެނެގަނެވިފައިވަނީ ހުންއައުމާއެކު ހަމުގައި ބިހިނަގައިފިނަމަ މީސަލްސް އަދި ނުބެއްލާއަށް ޓެސްޓު ކުރުމަށް ރާއްޖޭގައި ގާއިމު ކުރެވިފައިވާ ސަވައިލެންސް ނިޒާމުގެ ތެރެއިން ކަމަށެވެ. އަދި މިދިޔަ ބުދަ ދުވަހު އެކުއްޖާގެ މައްސަލަ ރިޕޯޓްކުރުމާއެކު އެކަމާ ގުޅިގެން ކުރަންޖެހޭ ތަހުގީގުތައް ފަށާފައިވާ ކަމަށް ބަޔާނުގައިވެއެވެ.

އެގޮތުން އެކުއްޖާގެ ފަރާތުން ބަލިފެތުރުމުގެ ފުރުސަތު އޮތް ދުވަސްވަރު ދެނެގަނެ އެދުވަސްތަކުގައި އެކުއްޖާއާއި އެކުގައި އުޅެފައިވާ ނުވަތަ ކައިރިވެފައިވާ ފަރާތްތައް ހޯދާ، އޭގެ ތެރެއިން މީސަލްސް ވެކްސިންދެ ދެޑޯޒު ހަމަކޮށްފައިނުވާ ފަރާތްތަކަކަށް ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނޭ ކަމަށް ބުނެފައިވެއެވެ.

އެޗްޕީއޭއިން ބުނީ ހިމަ ބިއްސަކީ ވައިގެ ޒަރީއާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެއް ކަމުން، ވެކްސިންގެ ދެޑޯޒު ފުރިހަމަ ނުކުރާ ފަރާތްތަކަށް އެބަލިޖެހިފައިވާ މީހެއްގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެހެންކަމުން ބަލިފެތުރުމުގެ ފުރުސަތު އޮތް މުއްދަތުގައި ހިމަބިހި ޖެހިފައިވާ ކުއްޖާ ޒިޔާރަތްކުރި ތަންތަނާއި ވަގުތުތަކުގައި އުޅުނު މީހުންގެ ތެރެއިން ވެކްސިންގެ ދެޑޯޒު ފުރިހަމަ ނުކުރާ ފަރާތްތަކަށް ބަލި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ބަލިޖެހިފައިވާ މުއްދަތުގައި ހިމަބިހި ޖެހިފައިވާ ކުއްޖާ ދިޔަ ތަންތަނާއި ވަގުތުތައް:

  • 4 ޖަނަވަރީ 2020 – (ރޭގަނޑު 8:00 އިން 11:00 އަށް) ހުޅުމާލެ ހޮސްޕިޓަލް
  • 5 ޖަނަވަރީ 2020 – (ހަވީރު 5:00 އިން ރޭގަނޑު 9:00 އަށް) ހުޅުމާލެ ހޮސްޕިޓަލް
  • 6 ޖަނަވަރީ 2020 – (ރޭގަނޑު 7:00 އިން 10:00 އަށް) ސެނެހިޔާ
  • 7 ޖަނަވަރީ 2020 – (ރޭގަނޑު 7:00 އިން ދަންވަރު 2:00 އަށް) ހުޅުމާލެ ހޮސްޕިޓަލް
  • 8 ޖަނަވަރީ 2020 – (ހެނދުނު 11:30 އިން މެންދުރު 1:30 އަށް) ޓްރީޓޮޕް
  • 1-9 ޖަނަވަރީ 2020ގެ ހަވީރުގެ ވަގުތުތަކުގައި ހުޅުމާލެ ސެންޓްރަލް ޕާކަށާއި އެސަރަހައްދުގެ ކެފޭތައް

އެޗްޕީއޭއިން ބުނީ، އެތަންތަނަށް އެވަގުތުތަކުގައި ދިޔަ ފަރާތްތަކުގެ ތެރެއިން ދެޑޯޒު މީސަލްސް ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކުން ވެކްސިން ދޭ މަރުކަޒަށް ވަޑައިގެން ވެކްސިން ޑޯޒުތައް ފުރިހަމަ ކުރުމަށާއި، 21 ދުވަހުގެ ތެރޭގައި ހުންއައުމާއެކު ހަމުގައި ބިހިނަގައިފިނަމަ، ލަސް ނުކުރައްވާ ސިއްހީ ފަރުވާ ހޯދުމަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ.

އެޗްޕީއޭއިން ބުނީ، ސިއްހީ ފަރުވާ ހޯއްދެވުމަށް މާލޭގައިނަމަ އައިޖީއެމްއެޗްގެ އިމަޖެންސީ ޓްރިއާޖަށް ގޮސް އަދި ހުޅުމާލޭގައި ނަމަ 1417 އިން ހުޅުމާލެ ހޮސްޕިޓަލަށް ގުޅުމަށް އެދޭ ކަމަށެވެ. އަދި އަތޮޅުތެރޭގައިނަމަ އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތު ސެންޓަރަށް ގޮސް، އަލާމާތްތަކުގެ މައުލޫމާތު ކައުންޓަރަށް ދިނުމަށް އެޗްޕީއޭއިން އެދެއެވެ.

ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަހުމަދު ފައިސަލްވަނީ ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެގައަށް ހިމަބިހި އަޔަ ނުދިނުމަށް އަވަސްވެ ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ. އެދުވަހު ޑޮކްޓަރު ފައިސަލް ކަމާބެހޭ ފަރާތްތައް ސަމާލުވުމަށް އެދިލައްވައި ކުރެއްވި ޓުވީޓެއްގައި ވަނީ ރާއްޖެއަށް ހިމަބިހި އެތެރެ ނުވުމަށްޓަކައި، ރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ މަސައްކަތްތެރިންނަށް ހިމަބިހީގެ ވެކްސިން ޖަހަންވާނީ ލަފާދީފައިކަމަށެވެ. އަދި ހިމަބިހިނެތް ގައުމެއްގެ ގޮތުގައި ދެމިއޮވެވޭނީ މިކަން ކޮށްގެންކަމަށާއި، ރާއްޖެ ވަށައިގެންހުރި ހުރިހާގައުމެއްގައި ހިމަބިހި އުޅޭކަމުގެ އިންޒާރު އެދުވަހު ޑޮކްޓަރު ދެއްވިއެވެ. އެ ޓުވީޓުގައި އިމިގްރޭޝަނާއި ރައީސް އޮފީސް ޓެގް ކުރައްވާފައި ވެއެވެ.