ޓާމް ބަންދުތަކުގައި ޓީޗަރުން ސްކޫލަށް ނުނެރެން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް އަންގައިފިއެވެ.
މިކަނަ އަންގައި ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހޯމަ ދުވަހު އެ މިނިސްޓްރީން ފޮނުވި އިންޓާނަލް މެމޯގައި ބުނެފައިވަނީ ހިނގަމުން މިދާ 2024 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާމާއި ދެވަނަ ޓާމް ބަންދު އަދި މިޑްޓާމް ބަންދުގައި މުދައްރިސުން ސްކޫލަށް ނެރުމަކީ މަނާކަމެއް ކަމަށެވެ.
ދާއިރާގައި ތިއްބެވި ހިދުމަތްތެރި މުދައްރިސުންގެ ދުޅަހެޔޮކަމަށްޓަކައި، މުދައްރިސުން ސްކޫލުގައި ހޭދަކުރާ މަސައްކަތު ވަގުތު ވަކި މިންގަނޑެއްގައި ހިފަހައްޓައި، މުދައްރިސުންގެ ވޯކްލޯޑް ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
ޓީޗަރުންގެ ވޯކްލޯޑް ކުޑަކުރުމަށް މިނިސްޓްރީން ވަނީ މިހާރު ވެސް ބައެއް ފިޔަވަޅުތައް އަޅާފައެވެ. އަބަދު އެކްޓިވްކޮށް ހުންނަ ވައިބާ ގްރޫޕްތަކާ ގުޅިގެން ޓީޗަރުންގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް ސްކޫލްތަކުގެ ޓީޗަރުންނާއި ބެލެނިވެރިން މުއާމަލާތް ކުރުމަށް ކޮންމެ ކްލާހެއްގައި ހުންނަ ވައިބާ ގްރޫޕްތައް ނުހެދުމަށް މިދިޔަ މަހު ވަނީ ސްކޫލްތަކަށް އަންގާފައެވެ. އަދި އެއްވެސް ތަރުތީބެއް ނެތި ސްކޫލުތަކުގައި ހިންގާ އިތުރު ހަރަކާތްތައް މަދުކުރަން ވެސް ވަނީ އަންގާފައެވެ.
މީގެއިތުރުން ހުކުރު ދުވަހު ސްކޫލުތަކުގެ ހަރަކާތްތައް ނުބޭއްވުމަށާއި، ހުކުރު ދުވަހު ޓީޗަރުން މަސައްކަތަށް ނުނެރުމަށް ވެސް ވަނީ އަންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!