އަނެއްކާ ވެސް މާލޭގައި ހުންނަ ކޭއެފްސީ ރެސްޓޯރެންޓްގެ ބިއްލޫރިގަނޑު ތަޅާލައިފިއެވެ.
މާލޭ އަމީނީ މަގުގައި ހުންނަ އެ ރެސްޓޯރެންޓްގެ ބިއްލޫރިގަނޑު މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ފަތިހު ވެސް ވަނީ ތަޅާލާފައެވެ.
ފުލުހުން މިއަދު ބުނީ، ކޭއެފްސީ ރެސްޓޯރެންޓްގެ ބިއްލޫރިގަނޑު ރޭ ފަތިހު 4:32 ހާއިރު، ގާބުރިއަކުން ޖަހާ ތަޅާލާފައިވާ ކަމަށް އެ އިދާރާ އަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި، މި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެތަނުގެ ބިއްލޫރިގަނޑު ތަޅާލާފައިވާއިރު، އިއްޔެ ވެސް ކޭއެފްސީ އާއި އެތަނާ ކައިރީ ހުންނަ ޕިއްޒާ ހަޓް ކައިރީ އިސްރާއީލާއި ދެކޮޅަށް ބަޔަކު އެއްވެ، އަޑު އުފުލާ މުޒާހަރާ ކޮށްފަވެއެވެ. އެ މީހުން ވަނީ އިސްރާއީލާއި ގުޅުން ހުންނަ ވިޔަފާރިތައް ބޮއިކޮޓް ކުރުމަށް ގޮވާލާފައެވެ.
ހައްދުފަހަނާއަޅާފައިވާ އިސްރާއީލާއި އެ މީހުންނާއި ގުޅުން ހުންނަ އުފެއްދުންތަކާއި ވިޔަފާރިތަކާއި ދެކޮޅަށް ވެރިރަށް މާލޭގައި މީގެ ކުރިން ވެސް ވަނީ މުޒާހަރާތައް ކޮށްފައެވެ. އަދި މާލޭގައި ހުންނަ ޕިއްޒާ ހަޓާއި ކޭއެފްސީ އަށް މީގެ ކުރިން ކަޅުތެޔޮ ވެސް ޖަހާފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!