އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދައި ޗެލްސީން އަންނަ ސީޒަންގައި ޔޫރަޕް މުބާރާތަކަށް ކޮލިފައިވުމަށް ކުރަމުން އަންނަ މަސައްކަތަށް ކުޑަ އުންމީދެއް ލިބިއްޖެއެވެ.
ރޭ އަމިއްލަ ދަނޑުގައި ޗެލްސީން ވަނީ 2-0 ގެ ނަތީޖާއިން ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދާފައެވެ. ލީގުގައި ޓޮޓެންހަމް ދަނޑުގައި މި ދެ ޓީމް ވާދަކުރި މެޗު ވެސް ކާމިޔާބު ކުރީ ޗެލްސީންނެވެ.
ރޭ ލިބުނު މޮޅާއިއެކު ޗެލްސީ ވަނީ ޕޮއިންޓް ތާވަލުގެ 8 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އެ ޓީމަށް 34 މެޗުން 51 ޕޮއިންޓް ލިބިފައިވާއިރު، ހަތްވަނާގައި އޮތް ނިއުކާސަލްއަށް 34 މެޗުން ލިބިފައި ވަނީ 53 ޕޮއިންޓެވެ. މި ދެ ޓީމްގެ ފަރަގު ދެ ޕޮއިންޓްގައި އޮތްއިރު ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ ހަތަރު މެޗެވެ. މި ހަތަރު މެޗުން ރަނގަޅު ނަތީޖާއެއްނެރެ ހަތްވަނައަށް ޖެހިލެވިއްޖެނަމަ އަންނަ ސީޒަންގައި ޔޫރަޕާ ކޮންފަރެންސް ލީގުގައި ވާދަކުރުމުގެ ފުރުސަތު ޗެލްސީއަށް ލިބޭނެއެވެ.
ރޭ މެޗުގައި ޗެލްސީއަށް ފުރަތަމަ ލަނޑު 24 ވަނަ މިނެޓުގައި ޖަހައިދިނީ ޑިފެންޑަރ ޗަލޮބާއެވެ. ހިލޭ ޖެހުމަކުން ގަލަގާ ޓޮޓެންހަމްގެ އޭރިއާތެރެއަށް ކުޅުނު ބޯޅައަށް ފުންމައިގެން އަރާ ޗަލޮބާ ވަނީ އެ ބޯޅަ ބޮލުންޖަހައި ގޯލަށް ވައްދާލާފައެވެ. މި ލަނޑު ރެފްރީ ބަލައިގަނެފައި ވަނީ ވީއޭއާރުން ގިނަ އިރުތަކެއް ވަންދެން ބެލުމަށްފަހުއެވެ.
ޗެލްސީގެ ދެވަނަ ލަނޑު 72 ވަނަ މިނެޓުގައި ޖަހައިދިނީ ނިކޮލަސް ޖެކްޝަންއެވެ. ކޯލް ޕާމާ ފޮނުވާލި ހިލޭ ޖެހުން ގޯލުގެ ދަނޑީގައި ޖެހިފައި ނުކުތްވަގިތި ޖެކްޝަން ވަނީ ބޮލުން އެ ބޯޅަ ގޯލަށް ވައްދާލާފައެވެ.
މި ބައްޔާއިއެކު އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުން ޖާގަ ހޯދަން ޓޮޓެންހަމުން ކުރަމުން އަންނަ މަސައްކަތަށް ވަނީ ހުރަސް އެޅިފައެވެ. އެ ޓީމް މިވަގުތު އޮތީ 34 މެޗުން ލިބުނު 60 ޕޮއިންޓާއިއެކު ފަސްވަނާގައެވެ. ހަތަރުވަނާގައި އެސްޓަންވިލާ އޮތީ 35 މެޗުން 67 ޕޮއިންޓް ހަމަކޮށްގެންނެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!