ﷲ ތަޢާލާ އަޅުގަނޑުމެން ޚަލްޤުކުރައްވައި، މިދުނިޔޭގައި އެކިއެކި މުޖުތަމަޢުތަކުގައި ލައްވާފައި ވަނީ އެކަކު އަނެކަކަށް ބައްދަލުވެ، ތަޢާރަފުވެ އެކީގައި އެއްބައިވަންތަކަމާއި ރަޙުމަތާއި ޢާޠިފިއްޔަތާއި ކުލުނުވެރިކަމާއެކީ އުޅޭ ފަދަ ބައެއްގެ ގޮތުގައި ލެއްވުމަށެވެ. ކީރިތި ޤުރްއާނުގައި އެކަލާނގެ ވަޙީކުރައްވަނީ: ﴿يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا ۚ ﴾ (سُورَةُ الحُجُرَات 13)

މާނަ: "އޭ މީސްތަކުންނެވެ! ހަމަކަށަވަރުން ތިމަން އިލާހު ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: އާދަމުގެފާނާއި، ޙައްވާގެފާނުގެ ކިބައިންނެވެ.) އަދި ތިމަން އިލާހު ތިޔަބައިމީހުން ތަފާތު ގައުމުތަކަށާއި، ގަބީލާތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފް ވުމަށް ޓަކައެވެ."

Ad
rt

ހަމަ އެހެންމެ އެންމެންނާ ގުޅުން ކަނޑާލައި، އެއްވެސް ސިފައެއްގައި އިތުރު އެއްވެސް މީހަކަށް ބަރޯސާ ނުވެ އެކަނިމާއެކަނި ދިރިއުޅޭ މީހެއްފަދައިން އުޅުމަކީ އިންސާނާގެ ޠަބީޢަތުގައި ވާ ކަމެއް ނޫނެވެ. އިންސާނާގެ ދިގު ތާރީޚަށް ބަލާލާއިރު، ބޮޑެތި ޙަޟާރާތްތަކުން ފެށިގެން ގޮސް، ޖަންގަލިތަކާއި ހޮހަޅަތަކުގައި އުޅެފައިވާ އިންސާނީ ނަސްލުގެ އަޘަރުތަކަށް ބަލާލުމުން ވެސް ފެނިގެން ދާ ޙަޤީޤަތަކީ، އިންސާނުންނަކީ ބަޔަކާއެކު އުޅޭ މަޚްލޫޤުންތަކެއްކަމެވެ.

މިފަދައިން އިންސާނުން ދިރިއުޅޭއިރު އެންމެ ގާތުގައި ވާ ބައެއްކަމުގައި ވާނީ އެމީހެއްގެ އާއިލާއާއި ރަޙިމުގެ ގޮތުން ގުޅިފައިވާ ގާތްތިމާގެ މީހުންނެވެ. ޚާއްސަކޮށް އެއްގެއެއްގައި އުޅޭ އޭނާގެ ޚާއްސަ އާއިލާއެވެ. އެއަށްފަހު ދެން އޭނާއާ އެންމެ ގާތުގައި ވާ ބައެއް ކަމުގައި ވާނީ އޭނާގެ އަވައްޓެރިންނެވެ. އަވައްޓެރިންނަކީ ތިމާގެ ގެއާ އިންވެގެން ހުންނަ ގެތަކުގައި ދިރިއުޅޭ މީހުންނެވެ. ތިމާގެ ގެއިން ފަށައިގެން ކޮންމެ ފަރާތަކަށް ބެލިކަމުގައި ވީ ނަމަވެސް، ކައިރީގައި ވާ ގެތަކުގެ މީހުންނެވެ. އަވައްޓެރިން މިންކުރާނެ ގޮތެއް ގެތަކުގެ އަދަދުން ގުނައިގެން ކަނޑައެޅޭކަށެއް ނޯވެއެވެ. އެމިންގަޑު ބިނާވަނީ އެމުޖުތަމަޢެއްގެ ޢުރުފުގައި ނުވަތަ ޢާދަކާދައިގެ ގޮތުން އަވައްޓެރިންނަކީ ކޮން ބައެއްކަން ބެލެވޭ ހިސާބަށެވެ.

ހަމައެއާއެކު ފާހަގަ ކޮށްލަން ޖެހޭ އެހެންކަމެއް ވެއެވެ. އަވައްޓެރިން ނަކީ ހަމައެކަނި ތިމާ ދިރިއުޅޭ ގެއާ ކައިރީގައިވާ ގެތަކުގައި އުޅޭ މީހުން އެކަންޏެއް ނޫނެވެ. ތިމާ އާ އެކީގައި އެކަށީގެންވާ ވަރުގެ ވަގުތުތަކެއް ހޭދަކުރާ ކޮންމެ މީހަކުވެސް އަވައްޓެރިއަކަށް ވެދެއެވެ. މިސާލަކަށް ތިމާއާ އެއް އޮފީހެއްގައި މަސައްކަތްކުރާ މީހުންނަކީ ތިމާގެ އަވައްޓެރިންނެވެ. އަދި އެކީގައި ބަހުގައި ނުވަތަ ފެރީގައި ދަތުރު ކުރާއިރު ކައިރީގައި ތިބޭ މީހުންނަކީ ވެސް އަވައްޓެރިންނެވެ. އެހެންކަމުން އަވައްޓެރިކަމަކީ މާނަ ވަރަށް ފުޅާ ލަފްޒެކެވެ. ކޮންމެއަކަސް، ތިމާގެ އަވައްޓެރިންނަކީ ކޮންމެ ބައެއްކަމުގައި ވީ ނަމަވެސް ޙަައްޤުތަކެއް ލިބިގެންވާ ބައެކެވެ. އަވައްޓެރިންގެ ޙައްޤުތައް އަދާކުރުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅައެވެ. އަދި އަވައްޓެރިންނަށް އުނދަގޫކުރުން ފަދަ ކަންކަމުން ދުރުހެލިވުމަށް ނުހަނު ބޮޑަށް މި ދީން ގޮވާލައެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. ﴿وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا وَبِالْوَالِدَيْنِ إِحْسَانًا وَبِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَالْجَارِ ذِي الْقُرْبَىٰ وَالْجَارِ الْجُنُبِ وَالصَّاحِبِ بِالْجَنبِ وَابْنِ السَّبِيلِ وَمَا مَلَكَتْ أَيْمَانُكُمْ﴾ ( سُوْرَةُ النِّسَاء 36)

މާނަ: "ތިޔަބައިމީހުން ﷲއަށް އަޅުކަން ކުރާށެވެ. އަދި (އަޅުކަންކުރުމުގައި) އެއިލާހާ އެއްވެސް އެއްޗެއް ބައިވެރިނުކުރާށެވެ. އަދި މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ކައިރިއަވަށްޓެރިޔާއަށާއި، ދުރުއަވަށްޓެރިޔާއަށާއި، ކައިރިއެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ."

އަދި މާތް ނަބިއްޔާ ޙަދީޘްކުރައްވާފައި ބަސްފުޅެއްގެ މާނާގައިވެއެވެ. "ﷲ ގަންދީ ހުވައެވެ. އެމީހަކު އީމާނެއް ނުވެއެވެ. ﷲ ގަންދީ ހުވައެވެ. އެމީހަކު އީމާނެއް ނުވެއެވެ. ﷲ ގަންދީ ހުވައެވެ. އެމީހަކު އީމާނެއް ނުވެއެވެ. ދެންނެވުނެވެ. މާތް ނަބިއްޔާއެވެ! ކާކުތޯއެވެ. ޙަދީޘްކުރެއްވިއެވެ. އެމީހެއްގެ ނުބައިކަމުން އެމީހެއްގެ އަވަށްޓެރިޔާ ސަލާމަތްނުވެއްޖެ މީހާއެވެ." (رواه البخاري 6016)

އަދިވެސް އެހެން ޙަދީޘް ބަސްފުޅެއްގެ މާނާގައި ވެއެވެ. "އެމީހެއްގެ ކެހިވެރިކަމާއި، ނުބައިކަމުން އެމީހެއްގެ އަވައްޓެރިން އަމަންއަމާންވެގެން ނުވާމީހާ ސުވަރުގެ ނުވަންނާނެވެ." (رواه مسلم 46)

އެހެންކަމުން އަވައްޓެރިންނަށް ޖުމްލަ މާނާގައި ހެޔޮކޮށް ހިތުމާއި އެމީހުންނަށް އުނދަގޫވާ ފަދަ ކަންކަމެއް އެއްވެސް ސިފައެއްގައި ނުކުރުމަކީ ތިމާގެ އަވައްޓެރިއާއަށް އަދާކޮށްދޭން ޖެހޭ ފުރަތަމަ ހައްޤެވެ.

އިތުރު ކަމަކަށް ބަލާލާއިރު، ޚާއަސަކޮށް ތިމާއާ ކައިރި ހިސާބުތަކުގައިވާ އަވައްޓެރިންނަކީ ތިމާއާ ގިނަގިނައިން ބައްދަލުވާ ބަޔަކަށް ވުމާއެކު، އެހެން ގިނަބަޔަކަށް ނޭގޭ ތިމާގެ ބައެއް ސިއްރުތައް ތިމާގެ އަވައްޓެރިއާއަށް އަދި އެއަވައްޓެރިންގެ އެފަދަ ކަންތައްތަކެއް ތިމާއަށް އެނގުމަކީ ވަރަށް ގާތުގައިވާ ކަމެކެވެ. އެހެންކަމަށްވާނަމަ، އެސިއްރުތައް ރައްކާތެރިކުރުމަކީ ތިމާގެ މައްޗަށް ލާޒިމުކަމެކެވެ. އަދި އަވައްޓެރިންނަށް ޓަކައި އަދާކޮށްދޭނެ ޖެހޭ ޙައްޤެކެވެ. އެއްވެސް ޙާލެއްގައި ތިމާގެ އަވައްޓެރިޔާގެ ވާހަކަތައް ހިފައިގެން ގޮސް މީސްމީހުން ގާތުގައި އަވައްޓެރިޔާގެ ޣީބަ ބުނެ ދެބޮއޮޑުވައި ނެތިމޮށެ އުޅޭ މީހަކަށް ވެގެން ނުވާނެއެވެ.

ހަމައެހެންމެ، އަދުގެ ދިރިއުޅުމުގެ ޙާލަތަށް ބަލާއިރު، މީސްތަކުންނަށް އަވައްޓެރިންގެ އެހީތެރިކަން އެކި ސިފަސިފައިގައި ބޭނުން ޖެހޭ ޙާލަތްތައް ވަރަށް ގިނައިން އާދެއެވެ. ފަހަރެއްގައި ވަކިން އުޅޭ ދެމަފިރިއަކު އެއްކޮށް ގެއިން ބޭރަށް ދާން ޖެހޭ ހިނދެއްގައި އެމީހުންގެ ދަރިން ބަލައިދޭނޭ މީހަކަށް ބޭނުން ޖެހިދާނެއެވެ. ނުވަތަ ވަރަށް އަވަހަށް އެއްޗެއް ކައްކާލަން ޖެހިއްޖެ ހިނދެއްގައި ފިޔައެއް ނުވަތަ ލޮނުކޮޅެއް ބޭނުން ވެދާނެއެވެ. ނުވަތަ ގޭގެ މަރާމާތަށް ކުރަންޖެހިފައިވާ މަސައްކަތަކަށް ކޮންމެވެސް ކަހަލަ މަަސައްކަތު އާލާތެއްގެ ބޭނުންޖެހިދާނެއެވެ. އަދި މިނޫޫން ވެސް އެކިއެކި ގޮތްގޮތުން ކުއްލި އެހީތެރިކަން ބޭނުންވާ ޙާލަތްތައް ވަރަށް ގިނައިން އާދެއެވެ. ތިމާގެ އަވައްޓެރިއާ އަށް މިފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ އޭނާއަށް އެކަމުގައި އެހީތެރިވުމަކީ ތިމާ އަދާކޮށްދޭންޖެހޭ އަވައްޓެރިކަމުގެ ޙައްޤެކެވެ.

ފަހުކަމަކަށް އަލިއަޅުވާލާނީ އަވައްޓެރިން އެކަކު އަނެކަކަށް ނަސޭޙަތްތެރިވުމުގެ މައްޗަށެވެ. ތިމާގެ އަވައްޓޭރިޔާގެ ކިބައިން ނޭދެވޭ ކަމެއް ފާހަގަވާކަމުގައި ވާނަމަ އަވައްޓެރިޔާއަށް ހެޔޮގޮތުގައި ނަސޭޙަތްތެރިވާން ވާނެއެވެ. އަދި އޭގެ އިތުރަށް އަވައްޓެރިޔާ ތިމާގެ ކިބައިން މަޝްވަރާއަކަށް ނުވަތަ ނަސޭޙަތަކަށް އެދިއްޖެ ހިނދެއްގައި އެނަސޭޙަތެއް ނުވަތަ މަޝްވަރާއެއް ތިމާއަށް ކުޅަދާނަވީ މިންވަރަކުން ދިނުމަކީ ތިމާގެ އަދާކޮށްދޭންޖެހޭ އަވައްޓެރިކަމުގެ ޙައްޤެކެވެ. ދުޢާއަކީ އަވައްޓެރިންނަށް ކަމޭހިތާ ބައެއްކަމުގައި ﷲ ތަޢާލާ އަޅަމެން ލައްވައި އަވައްޓެރިކަމުގެ ޙައްޤުތައް ދަނެގަނެ، އެ ޙައްޤުތައް ތިމާއަށް ކުޅަދާކަންލިބިގެންވާ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްދޭ ބައެއްކަމުގައި ﷲ ތަޢާލާ އަޅަމެން އެންމެން ވެސް ލެއްވުމެވެ.