ކުޑަކުދިންނަކީ މުޖުތަމަޢުގެ މުސްތަޤުބަލުގެ މޫނުބަލާ ލޯގަނޑެވެ. އެކުދީންނަކީ މިއަދު ކިތަންމެ ކުޑަކުދިންނެއްކަމަކު، މާދަމާ މުޖުތަމަޢާ ޙަވާލުވާން ތިބި ފަރާތްތަކެވެ. އަދުގެ ކުޑަކުދީންގެ ތަޢުލީމާއި ތަރުބިއްޔަތާއި އުޅުމާއި ގުޅުންތަކާއި ސުލޫކު ހަރުދަނާ ކޮށްގެން މެނުވީ އެއްވެސް މުޖުތަމަޢެއްގެ މާދަމާ އުޖާލާއެއް ނުވާނެއެވެ. އަޅުގަނޑުމެންގެ މި ސައްތައިންސައްތަ އިސްލާމީ ދިވެހި މުޖުތަމަޢުގައި، ކުޑަކުދިންނަކީ އިސްލާމީ ފުރިހަމަ ތަރުބިއްޔަތަކުން ތަރުބިއްޔަތުވެފައިވާ ބަޔަކަށް ވުމަކީ ކޮންމެހެން މުހިންމުކަމެކެވެ. އިސްލާމީ ތާރީޚުގެ ފަތްފުށްތަކުގައި ވާ އެކިއެކި ޙާދިސާތައް އެކުދިންނަށް އުނގަންނައިދީ މި އިސްލާމީ މަތިވެރި ޙަޟާރާތުގެ ހައިބަތު އެކުދިންގެ ހިތުގައި ބިންވަޅު ނަގުވަން ވާނެއެވެ. އަދި ނަބީންނާއި ޞަޙާބީންނާއި ސަލަފުއްޞާލިޙުންނާއި އިސްލާމީ އުންމަތް ދެކެފައިވާ މަތިވެރި އަބްޠާލުންގެ ސިޔަރަތްތަކުން ޢިބުރަތާއި ފިލާވަޅުތައް ލިބިގަނެ، އޭގެ މަތީގައި ދިރިއުޅުން ބިނާކުރަން ދަސްކުރާ ބަޔަކަށް އެކުދީން ވާންވާނެއެވެ. އެކުދިންނަކީ އިސްލާމްކަމުގެ ރުކުންތަކުގައިވާ ކަންކަން ޝަޢުގުވެރިކަމާއެކު ކުރާ އަދި އީމާންކަމުގެ ރުކުންތައް އޭގެ އެންމެ ފުރިހަމަ މާނާގައި ހިތުން ތެދުކޮށް ޤަބޫލުކުރާ ބަޔަކަށް ވާންވާނެވެެ. އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން އެކުދީންގެ ޢުމުރުގައި އެ ރުކުނަކަށް އެންމެ ބޮޑަށް އަހުލުވެރިކުރުވާން ޖެހޭ އެއް ރުކުނަކީ ނަމާދެވެ. އެހެނީ ނަމާދަކީ އިސްލާމްދީނުގެ ތަނބެވެ. ނަމާދު އަޅާ މީހަކު ދީނުގެ ތަނބު މުގުރާލައިފިއެވެ. މުސްލިމުންނަކީ ރެއަކާ ދުވާލު ފަސް ވަގުތެއްގައި ފަރުޟުވެގެންވާ ނަމާދުތަކެއް ކުރާ ބައެކެވެ. ފިރިހެނުން މިސްކިތުގައެވެ. އަދި އަންހެނުން ގޭގައެވެ. ކުޑައިރުއްސުރެ ނަމާދުކުރުމަށް ހިތްޖައްސުވައި، މި އަޅުކަމަށް ދަރިން ނުހޭނުވިއްޖެނަމަ، ބޮޑެތިވުމުން ނަމާދަށް ޣާފިލުވެ ނަމާދު އަޅާ ބައެއްކަމުގައި އެކުދިން ވެދާނެއެވެ.
ނަމާދުގެ މުހިންމު ކަން އަދި ނަމާދު ކުރުމުގެ އާދަ ކުޑައިރު ކަށީގައި ހަރުލެއްވުމުގެ އަހުމިއްޔަތު އަހަރެމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ނަބަވީ ސުންނަތުން ވަރަށް ސާފުކޮށް އެނގެއެވެ. އިމާމް އަބޫދާވޫދު ނެރުއްވާފައިވާ މަޝްހޫރު ޙަދީޘެއްގައި ވެއެވެ. مروا أولادكم بالصلاة وهم أبناء سبع سنين، واضربوهم عليها وهم أبناء عشر، وفرقوا بينهم في المضاجع (سنن أبي داود 495)
މާނަ: "ތިޔަބައިމީހުންގެ ދަރިންނަށް އެކުދިންގެ ޢުމުރުން 7 އަހަރުވުމުން ނަމާދުކުރުމަށް އަމުރުކުރާށެވެ. އަދި އެކުދިންގެ ޢުމުރުން 10 އަހަރުވުމުން ނަމާދު ނުކުރާނަމަ އެކުދިންގެ ގައިގައި ޖަހައިގެންވިޔަސް އެކަން ކުރުވާށެވެ. އަދި އެކުދިންގެ ތަންމަތިތައް ވަކިކުރާށެވެ."
އެއްވެސް ޙާލެއްގައި ނަބިއްޔާގެ ޙަދީޘްބަސްފުޅުގެ މުރާދަކީ މީސްތަކުންނަށް އެބައިމީހުންގެ ދަރިންނަށް އަނިޔާކުރުމަށް ހިތްވަރުދިނުމެއް ނޫނެވެ. އެހެނީ އަދަބުވެރިކުރުވުމުގެ ގޮތުން ޖެހުމުގެ ވާހަކައެއް ޤުރްއާނާއި ސުންނަތުގައި ވާރިދުވެފައިވާނަމަ އެބަހުގެ ޝަރަހައިގައި އުންމަތުގެ ޢިލްމުވެރިން ވިދާޅުވަނީ އެއީ ހާނީއްކަ ނުވާގޮތަށް އަދި އަނިޔާ ނުވާ ގޮތަށް ޖަހާ ޖެހުމެއް ކަމެވެ. އަދި ޙަދީޘްގެ ރޫހަށް ބަލާލުމުން ވެސް އެންމެ ފުރަތަމަ ޖަހައި އަދަބުދިނުމަށް ނަބިއްޔާ ހިތްވަރު ނުދެއްވާކަން އެބަ ދޭހަވެއެވެ. އެހެނީ އެކަލޭގެފާނު އަމުރުކުރައްވަނީ ހަ އަހަރުން ފަށައިގެ 10 އަހަރު ވަންދެން އަދަބު ނުދީ، ތިމާ އަމިއްލައަށް ނަމޫނާ ދައްކައިގެން، އެކުދިން ގާތު ރީތިކޮށް ނަމާދު ކުރުމަށް އަމުރުކޮށް ބަރާބަރަށް ނަމާދު ކުރާ ބައެއްކަމުގައި އެކުދިން ހެދުމަށެވެ. ހަ އަހަރުން ފަށައިގެން ދަރިން ނަމާދަށް އަހުލު ކުރުވާނަމަ، މާ ގިނަ ދުވަސްތަކެއް ނުވެ ނަމާދުކުރުމުގެ އާދަ އެކުދިންގެ ކިބައިގައި އަށަގަންނާނެއެވެ. މިގޮތުގަިއ އުމުރުން ދިހަ އަހަރާ ހަމައަށް ދާއިރު، އެކުދިން ތިބޭނީ ނަމާދާ ނުލާ ދިރިއުޅުން ކުރިއަށް ނުގެންދެވޭވަރަށް މި މާތް އަޅުކަމާ ގުޅިފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ނަބަވީ އިރުޝާދުތަކުގައި ހިފައިގެން ދަރިންނަކީ ނަމާދަށް އަހުލުވެރިބައެއް ކަމުގައި ހެދުމަށް އަޅުގަނޑުމެން އެންމެންވެސް މަސައްކަތްކުރަން ވާނެއެވެ. އެހެނަސް، މިގޮތަށް ޢަމަލު ނުކުރެވުމުގެ ސަބަބުން ނުވަތަ އެހެން ސަބަބަކާ ލައިގެން ނަމަވެސް ދަރިން ނަމާދާ ދުރުކަމުގައި ފެންނަނަމަ، އެކަން ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތަކެއް ވެއެވެ.
ނަމޫނާ ދެއްކުން.
ތަރުބަވީ ޢިލްމުވެރިން ވިދާޅުވާގޮތުގައި ދަރިންގެ ތަރުބިއްޔަތަށް އެންމެ ހެޔޮ އަސަރެއް ކުރުވާ ކަމަކީ މައިންބަފައިންގެ ފަރާތުން އެކުދިންނަށް ފެންނަ ރިވެތިވެގެންވާ ނަމޫނާއެވެ. އަދި ގިނަފަހަރަށް އެކުދިން ގާތުގައި ވާހަކަ ދައްކައިގެން ބުނެލާ ބުނެލުމަށްވުރެ މި އުސްލޫބު ކާމިޔާބު ކަމުގައި ވެއެވެ. އެހެނީ ދަރިފުޅު ގާތުގައި ކަމެއް ކުރުމަށް އަމުރުކުރުމާއެކު އަމުރު ކުރި ފަރާތުން އެކަމެއް ކުރާތަން ދަރިފުޅަށް ފެނުމުން، އެކަމެއް ކުރުމަށް އިތުރު ހިތްވަރެއް ލިބެއެވެ. އަދި ކަމެއް ކުރުމަށް އަމުރު ކުރާ މީހާ އެ އަމުރާ ޚިލާފަށް ޢަމަލު ކުރާނަމަ، އެއީ އެހާ މުހިންމު ކަމެއް ނޫން ކަމުގައި ދަރިފުޅުގެ ސިކުނޑިއަށް ވިސްނެއެވެ. އެހެންކަމުން ދަރިފުޅު ގާތުގައި ނަމާދު ކުރުމަށް އަމުރުކުރުމަށްފަހު ބައްޕަ ނަމަ ދަރިފުޅު ގޮވައިގެން ނަމާދަށް މިސްކިތަށް ދާށެވެ. އަދި މަންމަ ނަމަ ދަރިފުޅަށް ފެންނަތާގައި ގޭގައި ނަމާދު ކުރާށެވެ. ނުވަތަ ދަރިފުޅާއެކު ގޭގައި ނަމާދުކުރާށެވެ. ދާއިމަށް މިމަންޒަރުތައް ފެނި ތަޖުރިބާ ކުރަން ޖެހޭނަމަ ނަމާދުގެ މުހިންމުކަން އެކުދިންނަށް ވިސްނޭނެއެވެ.
ދަރިފުޅު ކުރި ކަންތައް ފާހަގަކޮށް ހިތްވަރުދިނުން.
ދަރިން ކުރާ ރަނގަޅުކަންކަން މައިންބަފައިން ބަލައިގަންނަކަން އިހްސާސް ވުމަކީ އެ ކަންކަން ދެމެހެއްޓެނިވި ގޮތަކަށް ޝައުގުވެރިކަމާއެކު ކުރުމަށް އެކުދިންނަށް ލިބޭ ހިތްވަރެކެވެ. އެގޮތުން ދަރިފުޅު ރަނގަޅަށް ނަމާދުކުރާނަމަ އެކަމަށް ހިތްވަރުދީ އެކުދިންނަށް ސާބަސްދޭށެވެ. އަދި އެކުދިން މޮޅޭ ނުވަތަ ރަނގަޅޭ ބުނުމުގެ ބަދަލުގައި އެކުދިން އެ ކުރި ކަމަކީ މޮޅު ނުވަތަ ރަނގަޅު ކަމެއް ކަމުގައި ބުނާށެވެ. ދަރިން ރަނގަޅު ކަމެއް ކުރުމުން ނުވަތަ ކަމެއް ޙާޞިލުކުރުމުން އެކުދިން ގާތު އެކުދިން މޮޅުކަމަށް އަބަދާ އަބަދު ބުނުމަކީ ތަރުބިއްޔަތު ކުރުމުގައި ބައެއް ބެލެނިވެރިންނަށް ހެދޭ ގޯހެކެވެ. އޭގެ ބަދަލުގައި ދަރިފުޅު އެކުރި ކަމަކީ މޮޑު އަދި ރަނގަޅުކަމެއް ކަމުގައި ބުނެ އެކަމަކާ ރަނގަޅުކަން ނުވަތަ މޮޅުކަން ގުޅުވާލާށެވެ. އޭރުން ދަރިފުޅުގެ ކިބައިގައި އެކަމެއް ކުރުމުގެ ޝައުގުވެރިކަން އިތުރުވާނެއެވެ.
ނަމާދާގުޅޭ ވާހަކަތައް ކިޔައިދިނުން.
ވާހަކަތަކަކީ ކުޑަކުދިން ވަރަށް ޝައުގުވެރިވާ އެއްޗެކެވެ. އަދި އެއީ ތަރުބިއްޔަތުގެ ވަރަށް މުހިންމު އާލާތެކެވެ. ޞަޙާބީންނާއި މާތް ސަލަފުއްޞާލިޙުން އަދި ޚާއްސަކޮށް އޭގެތެރެއިން ވެސް ކުޑަކުދިންނާއި، ނަމާދާ ގުޅޭ ވާހަކަތައް އެކުދިންނަށް ކިޔައިދޭށެވެ. އެވާހަކަތަކުގެ ޒަރީޢާއިން ޢިބުރަތް ލިބިގަނެ ފިލާވަޅުތައް އުނގެނިގަންނަ ކުދި ބަޔަކަށް އެކުދިން ވާނެ ކަން ކަށަވަރެވެ.
ދުޢާއަކީ އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރިންނަކީ ވެސް ނަމާދުކުރުމަށް އަހުލުވެރިވެފައިވާ ބައެއްކަމުގައި ﷲ ތަޢާލާ ލެއްވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!