އައްޑޫ ސިޓީގެ ރައްޔިތުންނަކީ ތަރައްޤީގެ އުންމީދުގައި ދެބަ ދޭތެރޭ ތިބޭ ބަޔަކަށް ވާން ބޭނުންވެވަޑައިނުގަންނަވާ ކަމަށާއި، މާލެއާއި އެއްފެންވަރަށް އެ ސިޓީ ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިމަހުގެ 21 ވަނަ ދުވަހު އޮންނަ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ސަރުކާރު ހިންގާ އިއްތިހާދަށް ނިސްބަތްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް އައްޑޫ ސިޓީގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސްގެ ރޭގެ ވާހަކަފުޅުގައި ވަނީ ދެކުނު ޒޯންގެ މައި ހަބަކީ އައްޑޫ ސިޓީކަމުގައި ހަދާނެކަމުގެ ޔަޤީންކަން އައްޑޫ ރައްޔިތުންނަށް ދެއްވާފައެވެ. އަދި މާލެއާއި އެއް ފެންވަރުގެ ޚިދުމަތް ނުވަތަ އެއަށްވުރެ މަތީ ފެންވަރަށް އައްޑޫ ސިޓީ ތަރައްޤީކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ބޭނުމެއް ނޫން ތި ރައްޔިތުންނަކީ ތަރައްޤީގެ އުންމީދުގައި ދެބަ ދޭތެރޭ ތިބޭ ބަޔަކަށް ވާކަށް. ތަރައްޤީގެ އުންމީދުގައި ހަޤީޤީ ކުލަޖެހި، އަމަލީ ސިފައިގައި ނަތީޖާނެރެ ތަރައްޤީ ދައްކައިދޭން އަޅުގަނޑު ބޭނުންވަނީ.'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެކަން ކުރެވޭނީ އައްޑޫ ސިޓީގެ ރައްޔިތުން މިހާރުވެސް ދެއްވަމުން ގެންދަވާ އެއްބާރުލުން ދެއްވައިގެން ކަމަށެވެ. އަދި އެކަމަށް ރައްޔިތުން 100 ޕަސެންޓު ދެއްވާނެކަން ޤަބޫލުފުޅުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އައްޑޫގެ ތަރައްޤީއަށް ބޮޑެތި މަޝްރޫޢުތަކެއް ހުރިކަން ފާހަގަކުރައްވައި، އެ ކަންތައްތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އޭގެ ތެރޭގައި އައްޑޫގެ ބްރިޖު މަޝްރޫޢު އާއި، ގަން އެއަރޕޯޓު މަޝްރޫޢު އާއި، ހަންކެނޑެ މަޝްރޫޢު އާއި، މަގު ހެދުމުގެ މަޝްރޫޢު އަދި ހޮސްޕިޓަލްގެ މަޝްރޫޢު ފަދަ މަޝްރޫޢޫތަކާއިގުޅޭގޮތުން ރައީސް ވަނީ ވާހަކަފުޅުދައްކަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!