ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ.އައިޝަތު ރަމީލާ ހަނިމާދޫގެ ދަނޑުވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައި ވަނީ އިއްޔެ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ހަނިމާދޫގައި އެގްރިކަލްޗަރ ސެންޓަރ ހުރުމުން، އެތަން މެދުވެރިކޮށް ދަނޑުވެރިކަމާއި ގުޅުންހުރި ރަނގަޅު މައުލޫމާތު ހޯދުމުގެ ފުރުސަތު ބޭނުން ފުރިހަމައަށް ހިފުމަށް ހަނިމާދޫގެ ދަނޑުވެރިންގެ ފަރާތުން އެދިލައްވާފައެވެ.

Ad
rt

މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކާއި ގުޅޭގޮތުން ނަން ނުޖެހުމަށް ޝަރުތުކޮށް ހަނިމާދޫ ދަނޑުވެރިންގެ ފަރާތުން މި ނޫހާއި ވާހަކަ ދެއްކި މީހަކު ބުނީ މި ބައްދަލުވުމުގައި ދަނޑުވެރިކަން ކުރުމަށް ޝަރުކާރުން ދޫކުރާ ލޯނުތަކާއި ގުޅޭގޮތުން މިނިސްޓްރީގެ ފަރާތުން މައުލޫމާތު ހިއްސާ ކުރެއްވި ކަމަށެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ ފަރާތުން މިހާރު ރާއްޖޭގައި ހިންގަމުން އަންނަ ގްރީން ހައުސްގައި ގަސް އިންދައި ހައްދަން ދަސްކޮށްދޭ ޕްރޮގްރާމް ހަނިމާދޫގައި ކުރިއަށް ގެންގޮސް ދެއްވުމަށް އެ ދަނޑުވެރިން ވަޒީރުގެ އަރިހުގައި އެދިލައްވާފައިވާނެ ކަން ފާހަގަ ކުރަމުން އޭނާ ބުނީ، ދަނޑުވެރިކަމާއި ބެހޭ ވަޒީރު ސީދާ ހަނިމާދޫގެ ދަނޑުވެރިންނާއި ބައްދަލު ކުރެއްވީތީ އެކަމާއި ވަރަށް އުފާކުރާ ކަމަށާއި މިއީ އާންމުކޮށް ލިބިގެންދާ ފުރުސަތެއް ނޫން ކަމަށެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު ހަނިމާދޫ ދަނޑުވެރިންނާއި ބައްދަލުކުރައްވާފައި މި ވަނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ވާޓިކަލް ފާމިން ޕައިލެޓް ޕްރޮޖެކްޓް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް އެ ރަށަށް އިއްޔެ ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.