ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި، މެޑްރިޑް ޑާބީ މެޗުން ރެއާލް މޮޅުވާންދަނިކޮށް ފަހުވަގިތު ލަނޑުޖަހައި އެތުލެޓިކޯއިން ރެއާލް ހުއްޓުވައިފިއެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މި މެޗުގައި ރެއާލަށް ލަނޑު ޖަހައިދިނީ ވިހިވަނަ މިނެޓުގުގައި ބްރަހިމް ޑިއާޒްއެވެ. އޭނާއަށް މެޗުގެ ފުރަތަމަ އެގާރައިން ޖާގަ ލިބުނީ މެޗަށް ވޯމަޕް ކުރުމުގެ ތެރޭ ވިނީސިއަސްއަށް އަނިޔާވުމާއި ގުޅިގެންވެނެވެ. ރޭ މެޗުގައި ޑިއާޒް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ދެވަނަ ހާފުފެށިތާ ފަސް މިނެޓްގެތެރޭ އެތުލެޓިކޯގެ ގްރިޒްމަން ނަގައިދިން ކޯނަރަކުން ސަވިޗް ލަނޑެއް ޖެހިއެވެ. ނަމަވެސް އެ ލަނޑު ވީއޭއާރުން ބެލުމަށް ފަހު ކެންސަލް ކޮށްލީ އޮފްސައިޑް ވުމުންނެވެ.
މެޗުގައި އެތުލެޓިކޯއިން ލަނޑުޖެހީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި ހަތަރު މިނެޓްގެ ތެރެއިން ތިންވަނަ މިނެޓުގައެވެ. ރެއާލްގެ އޭރިއާތެރެއަށް މަތިންއައި ބޯޅަ އެތުލެޓިކޯގެ ޑިޕާއީގެ ބޮލުގައި ޖެހިފައި މައްޗަށް އެރުވަގުތު ލޮރެންޓޭ ވަނީ އެ ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ވައްދާލާފައެވެ.
މިއީ މި އަހަރު މި ދެ ޓީމް ވާދަކުރި ތިންވަނަ ފަހަރެވެ. ސްޕެނިޝް ސްޕަކަޕްގެ ސެމީގައި ރެއާލުން ވަނީ އިތުރު ވަގުތުކުޅެ 5-3 ގެ ނަތީޖާއިން މެޗު ކާމިޔާބު ކޮށްފައެވެ. ކޮޕަ ޑެލް ރޭގެ ކްއާޓާގައި ވެސް މި އަހަރު މި ދެ ޓީމް ވާދަކޮށްފައިވެއެވެ. އެ މެޗު އިތުރު ވަގުތު ކުޅެގެން 4-2 ގެ ނަތީޖާއިން ކާމިޔާބު ކުރީ އެތުލެޓިކޯއެވެ. ލީގުގައި މިދިޔަ އަހަރު އެތުލެޓިކޯގެ ދަނޑުގައި ކުޅުން މެޗު ވެސް ކާމިޔާބުކުރީ އެތުލެޓިކޯއެވެ. ރެއާލް މި ސީޒަންގައި މިހާތަނަށް ބަލިވެފައިވަނީ އެ ދެމެޗުން އެކަންޏެވެ.
ރޭ އެއްވަރު ވުމުން ޕޮއިންޓް ތާވަލުގެ އެއްވަނާގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގަން ލިބުނު ފުރުސަތު ރެއާލަށް ވަނީ ގެއްލިފައެވެ. މިވަގުތު އެއްވަނާގައި ރެއާލް އޮތީ 23 މެޗުން 58 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް ޖިރޯނާއަށް 23 މެޗުން ލިބިފައި ވަނީ 56 ޕޮއިންޓެވެ. އަންނަ ހަފްތާ ބަންދުގައި ލީގުގައި ރެއާލް ބައްދަލުކުރާނީ ޖިރޯނާއާއެވެ. އެ މެޗު ކާމިޔާބު ކޮށްގެން ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު ޖިރޯނާއަށް ވެސް މިހާރު ވަނީ ފަހިވެފައެވެ. ތާވަލުގެ ތިންވަނާގައި ބާސާ އޮތީ 23 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ. އެތުލެޓިކޯ ހަތަރުވަނާގައި އޮތީ 23 މެޗުން 48 ޕޮއިންޓް ހޯދައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!