ހއ. އިހަވަންދޫ އައިސް ޕްލާންޓް ހުއްޓިފައިވާ މައްސަލައަށް ހައްލެއް ހޯދުމަށާއި، އިތުރު ކަންތައްތަކަކާއިގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއިއެކު އިހަވަންދޫ ކައުންސިލުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ހިންގާފައި ވަނީ އިހަވަންދޫ ކައުންސިލުން އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރުގެ ވުޒާރާތަކާއި، ކުންފުނިތަކާއި ހިއްސާކުރުމަށް މިހާރު ވެރިރަށް މާލެއަށް ކުރަމުންދާ ދަތުރުގެ ތެރެއިންނެވެ.
މިގޮތުން އިހަވަންދޫ ކައުންސިލުން އިއްޔެ ވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔާމް އަދި އެ ވުޒާރާގެ އިސްވެރިންނާ ބައްދަލުކޮށްފައެވެ.
މި ބައްދަލުވުމުގައި އިހަވަންދޫ އައިސް ޕްލާންޓް ހުއްޓިފައިވާ މައްސަލައަށް ހައްލެއް ހޯދުމާއި ގުޅޭ ގޮތުންނާއި މަސްރައްކާ ކުރާ ފެސިލިޓީއާއި ބެހޭގޮތުން މަޝްވަރާކުރެއްވިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.
މީގެ އިތުރުން އެ ރަށުގައި މަސްމާރުކޭޓެއް އެޅުމާއި އިހަވަންދޫ ކައިރީ ވަދު ކަދުފައްޗެއް އެޅުމަށް ކައުންސިލުން ހުށަހެޅިކަމަށް ވެސް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.
''ސަރުކާރުގެ ހަފްތާ 14 މަގުޗާޓުގައި ހިމެނޭ މި ވުޒާރާގެ މަސައްކަތްތައް ކުރިއަށްދާގޮތުގެ މައުލޫމާތު ވަޒީރުވަނީ ހިއްސާކޮށްފައި'' މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފަވެއެވެ.
މި ދަތުރުގައި އިހަވަންދޫ ކައުންސިލުން ސަރުކާރުގެ އިތުރުވުޒާރާތަކާއި، ބައެއް ކުންފުނިތަކުގެ ވެރިންނާއި ބައްދަލުކުރާގޮތައް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!