ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއާ އެކުގައި މަސައްކަތް ކުރަމުން އަންނަ ޑިމޮކްރެޓްސް އިން ނިންމައިފިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ ޑިމޮކްރެޓްސް ބިނާވެގެންވާ އަސާސްތަކުގެ މައްޗަށް ބަލާއިރު، ޕާޓީން އިންތިހާ އަށް ކަންބޮޑުވާ ސިޔާސަތުތަކެއް ރައީސް މުއިއްޒުގެ ސަރުކާރުން ގެންގުޅެ، އެގޮތަށް އަމަލު ކުރަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެހެންވެ، މި ސަރުކާރުގެ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގެ މަޝްވަރާ އަށް ފަހު އިއްތިފާގުން ނިންމާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
އެކަމަކު، ރުހުން ނުދޭން ނިންމީ ކޮން ވަޒީރުންނަށް ކަމެއް އެ ޕާޓީން ނުބުނެއެވެ.
ޑިމޮކްރެޓްސް އިން ބުނީ ރައްޔިތުންގެ ފަރާތުން ސަރުކާރު ޖަވާބުދާރީކޮށް، ޑިމޮކްރެޓިކް ހެޔޮވެރިކަމުގެ ނިޒާމެއް ގާއިމުވެފައި ބޭއްވުމަށް ވަރުގަދައަށް ސާބިތުވެ އޮންނަ އިދިކޮޅު ސިޔާސީ ޕާޓީ އާއި އިދިކޮޅު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ތިބުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށެވެ.
ސަރުކާރު އަމަލުކުރަމުންދާ ގޮތްތައް ގާތުން ބަލައި ސަރުކާރާއި ކެބިނެޓްގެ ވަޒީރުން ޖަވާބުދާރީކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެތެރޭގައި ހިމެނޭ ކަންކަން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި އިދިކޮޅު ޕާލަމެންޓްރީ ގްރޫޕެއްގެ ގޮތުން މި ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރާނީ ފުރިހަމަ ޒިންމާދާރުކަމާއި ތެދުވެރިކަމާ އެކުގައި ކަމަށާއި ވަޒީރުންނަށް ރުހުން ދިނުމުގައި ވެސް މި ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރާނީ އެގޮތުގެމަތީން ކަމަށް ޑިމޮކްރެޓްސް އިން ބުންޏެވެ.
ބައެއް ވަޒީރުންނަށް ރުހުން ނުދޭން ޑިމޮކްރެޓްސް އިން ނިންމި އިރު، މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމާ މެދުގައި މިއަދު އޮންނަ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ވޯޓަށް އަހާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!