ރާއްޖޭގައި މީގެކުރިން ވެރިކަން ކުރި ތިން ސަރުކާރާ އެކީގައި ވެސް މަސައްކަތް ކުރައްވާފައިވާ އިރު، އޭނާގެ ވަފާތެރިކަމާއި ގާބިލްކަމާ މެދު ސުވާލު ކުރުމުގެ ޖާގަ ނޯންނާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު މިރޭ ވިދާޅުވެއްޖެއެވެ.

މި މަހުގެ 13 ވަނަ ދުވަހު އޮންނަ މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގެ ކެމްޕެއިންގެ ދަށުން މާލޭގައި ބޭއްވި ބައްދަލުވުމެއްގައި އާޒިމާ ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ކުރަމުން އަންނަ މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ރާއްޖެއަށް ގެންނަން ނިންމާފައިވާ ތަފާތު ބޮޑު ބަދަލާއި ކުރިއެރުން ރައްޔިތުންނަށް ދެއްކުމަށް ކުރެވޭ މަސައްކަތެއް ކަމަށާއި އެ ކޯލިޝަން ކުރިޔަށްދާނީ ވަރުގަދަ އަޒުމަކާއެކީގައި ކަމަށެވެ.

Ad
rt

"އަޅުގަނޑުމެން މި ތިބީ އަޅުގަނޑުމެންނާއެކުގައި އެންމެން މިކުރާ މަސައްކަތަކީ ހަގީގަތުގައި ސީދާ ރައީސް މުއިއްޒު ރާއްޖޭގެ ވިޝަން ފުރިހަމަ ކުރުމަށްޓަކައި ނުވަތަ ތަފާތެއް، ތިޔަ ދިވެހި ރައްޔިތުންނަށް ދެއްކުމަށްޓަކައި ކުރަމުންދާ މަސައްކަތެއް، އަޅުގަނޑުމެންގެ އަޒުމު ވަރުގަދަ، އަޅުގަނޑުމެން ގުނޑުވާލުމަކީ ފަސޭހަ ކަމަކަށް ނުވާނެ." އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ މާލެ ސިޓީގައި ހުރި މައްސަލަތައް ހައްލުނުކޮށް ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކުރުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރައްވާ މަސައްކަތްތައް ފެށޭނީވެސް އަދި ނިމޭނީވެސް މާލޭގެ ތެރެއިން ކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވި ގޮތުގައި މާލޭގެ ރައްޔިތުންނަށް އޮތް ގޮތަކީ މާލެ ސިޓީގެ ތަރައްގީ އަށް ވިސްނުމަށްފަހު އެކަމަށް ގާބިލް ކެންޑިޑޭޓަކު މޭޔަރަކަށް އައްޔަން ކުރުން ނުވަތަ 2028 ވަނަ އަހަރާ ހަމަޔަށް ސަރުކާރުން ކުރާ މަސައްކަތަށް ހުރަސްއަޅާ ސަރުކާރު ވައްޓާލަން މަސައްކަތް ކުރައްވާނެ ބޭފުޅަކު މޭޔަރަކަށް އައްޔަން ކުރުމެވެ.

"އަޅުގަނޑު ވަރަށް ސާބިތުކަމާއެކު މި ދަންނަވަނީ އަޅުގަނޑަކީ ހަމަ ޔަގީނުންވެސް ތިން ސަރުކާރާއެކު މަސައްކަތްކޮށް ހަތަރުވަނަ ސަރުކާރާއެކު މަސައްކަތްކުރަން މި ފެށެނީ އަޅުގަނޑުގެ އިޚުލާސްތެރިކަން ލޯޔަލްޓީއަށް މަސައްކަތުގެ ގާބިލް ކަމަކަށް ސުވާލެއް ނުކުރެވޭނެ. ސުވާލު ކުރެވޭނެ ޖާގައެއް މިހާތަނަށް އައިއިރު ދީފައެއް ނޯންނާނެ." އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ މި ސަރުކާރުގެ ވިޝަން ކާމިޔާބުކޮށް ދިނުމަށް އެހީތެރިވެ ދެއްވާނެ ކަމަށް ވާދަވެރި އެއްވެސް ކެންޑިޑޭޓަކަށް ވިދާޅުވާން ކެރިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އެގޮތަށް ވިދާޅުވި ކަމުގައި ވިޔަސް، އެބޭފުޅުން އެކަން އެގޮތަށް ނުކުރައްވާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ކަމަށް ހޮވިވަޑައިގެންފި ނަމަ، ރައީސް މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި އިރު އެކުލަވާލެއްވި އެކްޝަން ޕްލޭން ތަންފީޒު ކުރައްވާނެ ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.