ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި ރޭ ރެއާލް މެޑްރިޑާއި ބްރާގާ ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރޭ ބްރާގާގެ ދަނޑުގައި ކުޅުނު މެޗުގައި ރެއާލުން ވަނީ 2-1 ގެ ނަތީޖާއިން ބްރާގާ މައްޗަށް ކުރި ހޯދާފައެވެ.

މެޗުގައި ރެއާލަށް ފުރަތަމަ ލަނޑު ޖަހައިދިނީ ރޮޑްރިގޯއެވެ. ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ވިނީސިއަސް ބްރާގާގެ ގޯލު ކުރިމައްޗަށް ތިރިން ހުރަސްކުރި ބޯޅަ ރޮޑްރިގޯ ވަނީ ޓެކުލްކޮށް ބޯޅައިގައި ޖައްސައި ގޯލުގެ ތެރެއަށް ވައްދާލާފައެވެ.

Ad
rt

މެޗުގެ ދެވަނަ ލަނޑު ރެއާލަށް ޖަހައިދިނީ ބެލިންހަމްއެވެ. މެޗުގެ 61 ވަނަ މިނެޓުގައި ވިނީސިއަސް ދިން ބޯޅައެއް ބްރާގާގެ އޭރިއާ ތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު ބެލިންހަމް ވަނީ ތިރިން ގޯލުގެ ދުރުކަނަށް ބޯޅަ ފޮނުވާލާފައެވެ. ބެލިންހަމް ރެއާލުގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު މިއީ ޗެމްޕިއަންސް ލީގުގައި ރެއާލް ކުޅުނު ތިން މެޗުގައި އޭނާ ޖެހި ތިންވަނަ ލަނޑެވެ. ސްޕެނިޝް ލީގުގައި ރެއާލުން މިހާތަނަށް ކުޅުނު 12 މެޗުގައި އޭނާ ވަނީ 11 ލަނޑު ޖަހާފައެވެ.

ރެއާލުން ލަނޑުޖެހިތާ ދެ މިނެޓް ފަހުން ބްރާގާއިން ވަނީ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ސިމޮން ބެންޒާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޑަލޯއެވެ. މެޗުގެ ފަހުބައިގައި ބްރާގާއިން ޓީމް ކުރިއަށް ޖައްސައި ލަނޑެއް ޖެހޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ބްރާގާއިން ޓީމް ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް ރެއާލުން އުފެއްދި ކައުންޓަ އެޓޭކެއްގައި ވިނީސިއަސް ލަނޑެއް ޖެހިނަމަވެސް ވީއޭއާރުން ބެލުމަށް ފަހު ވިނީ އޮފްސައިޑް ވުމުން ލަނޑު ވަނީ ބަލައި ނުގަނެފައެވެ.

މި ގްރޫޕްގައި ދެން ހިމެނޭ ދެ ޓީމް ކަމަށްވާ ނަޕޯލީއާއި ޔޫނިއަން ބާލިން ކުޅުނު މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ނަޕޯލީއެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 65 ވަނަ މިނެޓުގައި ޖަހައިދިނީ ރަސްޕަޑޯރީއެވެ.

ކުޅުނު ތިން މެޗުން ވެސް މޮޅުވެ މި ގްރޫޕްގެ އެއްވަނާގައި މިވަގުތު 9 ޕޮއިންޓާއިއެކު އޮތީ ރެއާލް މެޑްރިޑެވެ. ދެވަނާގައި އޮތް ނަޕޯލީއަށް ތިން މެޗުން ލިބިފައި ވަނީ 6 ޕޮއިންޓެވެ. މި ގްރޫޕްގެ ތިންވަނާގައި ބްރާގާ އޮތީ ތިން މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ. ގްރޫޕް ފުލުގައި އޮތް ޔޫނިއަން ބާލިންއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.