ޕީއެންސީގެ ވެރިކަމެއްގައި ކުޅުދުއްފުށި ސިޓީ އާއި އައްޑޫ ސިޓީ ގައި ކެންސަރަށް ފަރުވާ ހޯދޭނެ އިންތިޒާމް ގާއިމުކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"މުއިއްޒު ރައްޔިތުންގެ ގާތަށް"ގެ ނަމުގައި ބޭއްވި ސުވާލާއި ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ އެ ދެ ސިޓީގައި ވެސް ކެންސަރަށް ފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ.
މީގެ އިތުރުން އައިޖީއެމްއެޗާއި، ދަރުމަވަންތަ ހޮސްޕިޓަލުގެ ހިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަ ކުރައްވާ ވިދާޅުވީ ސިއްހީ މެނިފެސްޓޯގެ ދަށުން އެ ދެ ހޮސްޕިޓަލްގެ ބޭނުން ރަނގަޅުގޮތުގައި ހިފުމަށް ނިންމާފައިވާ ކަމަށެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭރުގެ އެންމެ ރަނގަޅު ފެންވަރުގެ ކްލިނިކުތައް ގާއިމުކޮށްދެއްވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ޕްރޮގްރސިވް ކޯލިޝަންގެ މެނިފެސްޓޯގައި ވަރަށް ބޮޑު ޕަސެންޓެއް ސަރުކާރުގެ ހެލްތު ދާއިރާގެ ހަރަދު ކުރުމުގައި އިސްކަން ދޭނެ ކަމަށާއި އޭގެ ބޭނުމަކީ އެ ދާއިރާއަށް ރައްޔިތުންގެ އިތުބާރު މިހާރަށްވުރެ ބޮޑަށް ހޯދުމާއި ބަލިތަކުން މީހުން ދުރުކޮށް، ދުޅަހެޔޮ ސިއްހަތެއްގެ ބައެއްގެ ގޮތުގައި ދިވެހީން ހެދުން ކަމަށެވެ.
މީގެއިތުރުން މުއިއްޒު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް މި ސަރުކާރުން ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން ސިއްރުކޮށްފައިވާ އެއްބަސްވުންތައް ހާމަކުރައްވާނެ ކަމަށާއި ފޮރުވިފައި އޮންނަން ޖެހޭ އެއްވެސް ކަމެއް ސަރުކާރެއްގެ ތެރޭ އޮންނާނެ ކަމަށް އެމަނިކުފާނު ގަބޫލު ނުކުރައްވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!