އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓު ދޭންވީ ވަކި ކުލަޔަކަށް ބަލައިގެން ނޫން ކަމަށާއި، ވޯޓު ދޭންވީ ޚިދުމަތުގެ ގޮތުންނާއި، އަޚުލާގީ ގޮތުންނާއި އަދި ކާމިޔާބުގެގޮތުން އެންމެ ކުރީގައި ހުރި ކެންޑިޑޭޓެއް ދެނެގަނެ އެމީހަކަށް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ.

މާމިގިލީ ދާއިރާގެ މެންބަރުގެ ގޮތުގައި ވެސް ހުންނެވި ޤާސިމް މިހެން ވިދާޅުވީ، އަތޮޅުތެރެއަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުތަކުގެ ތެރެއިން އއ. ތޮއްޑޫއަށް ވަޑައިގެން ވާހަކަދައްވަމުންނެވެ.

Ad
rt

ތޮއްޑޫގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވޯޓުލައްވާނެ ކެންޑިޑޭޓަކު ދެނެގަތުމުގައި ވިސްނާވަޑައިގަންނަވަންވީ އެންމެ ރަނގަޅު ކެންޑިޑޭޓަކީ ކާކުތޯ ކަމަށެވެ.

މި ރިޔާސީ އިންތިޚާބުގައި އަށް ކެންޑިޑޭޓުން ވާދަކުރައްވާކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، އެ އަށް ކެންޑިޑޭޓުންގެ ތެރެއިން އެންމެ ރަނގަޅު ކެންޑިޑޭޓަކު ހޮވުމަށްޓަައި ވިސްނާވަޑައިގަންނަވާއިރު އެއީ ކާކުތޯ ބަލަންޖެހޭ ކަމަށެވެ.

އޭނާ ދެކިވަޑައިގަންނަވާގޮތުގައި އެކަން ބެލުމަށް އެންމެ ރަނގަޅު ގޮތަކީ ކުރިމަތިލައްވާފައި ތިއްބެވި ކެންޑިޑޭޓުން ކުރެ ކޮންމެ ބޭފުޅަކާއި ދޭތެރޭ ވެސް، އިސްވެދިޔަ ތަނުގައި އެމީހަކު ގައުމަށާއި ރައްޔިތުންނަށްޓަކައި ކޮށްދިނީ ކޮންކަމެއްތޯ، އަދި އެއީ އޭނާ ކުރި މަސައްތަކުން ކޮން ކާމިޔާބީއެއް ހޯއްދަވާފަހުންނެވި ބޭފުޅެއްތޯ ވިސްނުންކަމަށް ވިދާޅުވިއެވެ.

''އޭނާ އަކީ ކިހާ އަހުލާގު ރަނގަޅު މީހެއްތޯ. އިންސާނިއްޔަތާއި ވިސްނުން ހުރި މީހެއްތޯ. އަމިއްލަ ވިސްނުމުން އެއްވެސް ކަމެއް ކޮށް، އެކަމުގެ ކާމިޔާބު ހޯދާފައި ހުރިި މީހެއްތޯ، ކިހާބޮޑުކޮށް، ކިހާ ފުޅާކޮށްތޯ އޭނަ ކަމެއް ކޮށްފައިވަނީ. މިހުރިހާ ކަމެއްގެ މައްޗަށް ރަނގަޅަށް ބައްލަވާލައްވާފަ މާކްސް ދިނީމަ އެނގޭނެ ދެން ކުޅަދާނައީ މޮޅީ'' ޤާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ވޯޓަކީ އެއްގޮތަަކަށްވެސް ވަކި ކުލައަކަށްވީތީ ދޭންޖެހޭ އެއްޗެއް ނޫންކަމަށާއި، ހޯދަންޖެހެނީ ގައުމަށް ވަފާތެރި އަދި އިހުލާސްތެރި ވެރިއަކުކަމަށެވެ.