މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމް އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ އަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

އެ ޕާޓީން ހާމަކޮށްފައިވާ ގޮތުގައި ނާޒިމްގެ މި ދަތުރު ފައްޓާނީ މިއަދުއެވެ.

Ad
rt

އެގޮތުން މިއަދު އެންމެފުރަތަމަ ވަޑައިގަންނަވާނީ އައްޑޫ ސިޓީ އަށް ކަމަށާއި އެ ސިޓީގައި ކެންޕެއިން ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ. މި ޖަލްސާ އޮންނާނީ މިރޭ 9 ޖަހާއިރު، މަރަދޫފޭދޫ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.

މީގެ އިތުރުން ފުވައްމުލައް ސިޓީ އަށް ވަޑައިގަންނަވާނީ 23 އޮގަސްޓު ވާ ބުދަ ދުވަހު ކަމަށާއި އެ ސިޓީގައި ވެސް ކެންޕެއިން ޖަލްސާ އެއް ބާއްވާނެ ކަމަށް އެމްއެންޕީ އިން ބުނެއެވެ. ފުވައްމުލައް ސިޓީގައި ޖަލްސާ އޮންނާނީ 23 ވަނަ ދުވަހުގެ ރޭ 9 ޖަހާއިރު ކަމަށް ވެސް ބުނެއެވެ.

މިއަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރެއްވުމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް ނާޒިމް އަށް ލިބުނީ ރިޔާސީ ޕްރައިމަރީ އަށް ހުޅުވައިލުމުން އެކަަމަށް އެދި އިތުރު ފަރާތަކުން ކުރިމަތިލާފައި ނުވާތީ އިއްތިފާގުންނެވެ.

ކުލަގަދަ ހަފުލާއަކާއެކު ރިޔާސީ ޓިކެޓު، ނާޒިމް އަށް އަރުވާފައިވާއިރު، މިހާރުވަނީ އެ ޕާޓީގެ މެނިފެސްޓޯ ވެސް އެކުލަވާލާފައެވެ. އަދި ރާއްޖޭގެ އެކި ރަށްތަކަށް އަންނަނީ ކެމްޕެއިން ދަތުރުތައް ވެސް ބާއްވަމުންނެވެ.