އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ރަށްތަކަށް ބާއްވާ ފުޓްސަލް މުބާރާތުގައި މިއަދު ކުޅުނު މެޗުތަކުން ޔުނައިޓެޑް ޔޫތާއި ކުޅިމަގު އަދި ޓީމް ނައިވާދޫ މޮޅުވެއްޖެއެވެ.

މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ޓީމް ނައިވާދޫއާއި އެންވީކޭއެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު 2-1 ގެ ނަތިޖާއިން ކާމިޔާބު ކުރީ ނައިވާދޫއިންނެވެ. މި މެޗުގައި ނައިވާދޫއަށް ލަނޑުތައް ޖަހައިދިނީ އަހްމަދު ނިޔާޒާއި ހުސެއިން އަސްލަމެވެ. އެންވީކޭއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖެހީ މުޙައްމަދު ފަޒީލްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ނައިވާދޫ ޓީމްގެ ޖޯޒީ ނަމްބަރު 71، މުޙައްމަދު އަސްލަމެވެ.

Ad
rt

މިއަދުގެ ދެވަނަ މެޗުގައި ބައްދަލުކުރީ މަނަފަރާއި ކުޅިމަގެވެ. މި މެޗު 5-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ކުޅިމަގުންނެވެ. މި މެޗުގައި ކުޅިމަގަށް ލަނޑުތައް ޖަހައިދީފައި ވަނީ މުޙައްމަދު ޝާފިއު، މުޙައްމަދު ޝަމްވީލް މި ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު އަދި ސާލިމް މުޙައްމަދު އެއްލަނޑެވެ. މަނަފަރުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖެހީ އަޙްމަދު އަސްލަމެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ކުޅިމަގުގެ ޖޯޒީ ނަމްބަރު 17، މުޙައްމަދު ޝަމްވީލެވެ.

މިއަދުގެ ތިންވަނަ މެޗުގައި ބައްދަލުކުރީ ޔުނައިޓެޑް ޔޫތާއި ކުލަބް އިރަމާއެވެ. މި މެޗު 7-1 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބު ކުރީ ޔުނައިޓެޑް ޔޫތުންނެވެ. މި މެޗުގައި ޔުނައިޓެޑް ޔޫތަށް ލަނޑުތައް ޖަހައިދިނީ އިބްރާހީމް ލަޔާން، އިހްސާން މަންސޫރު، މުޙައްމަދު އާދަމް، ސައުދުﷲ އަބްދުލް ރަޝީދު، މި ކޮންމެ ކުޅުންތެރިއަކު ލަނޑެއް ޖެހިއިރު، އެ ޓީމްގެ އަޙްމަދު ހަލީމް ވަނީ ތިން ލަނޑު ޖަހާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޔުނައިޓެޑް ޔޫތުގެ ޖޯޒީ ނަމްބަރު 11، އަޙްމަދު ހަލީމެވެ.

މި ނަތީޖާތަކާއިއެކު ގްރޫޕް އޭގެ އެއްވަނާގައި މިވަގުތު އޮތީ ޓީމް ނައިވާދޫއެވެ. ނައިވާދޫއަށް ވަނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ލިބިފައެވެ. ގްރޫޕް ދެވަނާގައި އޮތް އެންވީކޭއަށް ތިން މެޗުން ލިބިފައި ވަނީ ހަ ޕޮއިންޓެވެ. ތިންވަނާގައި އޮތީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދި ޔުނައިޓެޑް ޔޫތެވެ. ހަތަރުވަނާގައި އޮތް ބޮޑުމަގާއި ފުލުގައި އޮތް ކުލަބް އިރަމާއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

ގްރޫޕް ބީގައި ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓް ހޯދައިގެން އެއްވަނާގައި އޮތީ ޓީމް ހަނިމާދޫއެވެ. ދެވަނާގައި އޮތް ކުޅިމަގަށް ވެސް ހަ ޕޮއިންޓް ލިބިފައިވާއިރު ތިންވަނާގައި އޮތް މާރަންދޫއާއި ހަތަރު ވަނާގައި އޮތް ސެންސިޓީއާއި ފުލުގައި އޮތް މަނަފަރަށް ޕޮއިންޓެއް ނުލިބެއެވެ.

މި މުބާރާތުގައި މާދަމާ ވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޓީމް ހަނިމާދޫއާއި ކުޅިމަގެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ މާރަންދޫއާއި ސެންސިޓީއެވެ.

މި މުބާރާތުގައި އިހަވަންދޫގެ ހަ ޓީމެއް ވާދަކުރެއެވެ. އެ ޓީމްތަކަކީ ބޮޑުމަގު، އެންވީކޭ، ކްލަބް އިރަމާ، ޔުނައިޓެޑް ޔޫތު، ކުޅިމަގު އަދި ސެންސިޓީއެވެ. އިހަވަންދޫއަށް ނިސްބަތްނުވާ ހަތަރު ޓީމުން މި މުބާރާތުގައި ވާދަކުރެއެވެ. އެއީ ޓީމް ހަނިމާދޫއާއި، ޓީމް ނައިވާދޫއާއި، މާރަންދޫ ޔޫތު ސޮސައިޓީގެ އިތުރުން މަނަފަރު ރިސޯޓުން ވާދަކުރާ މަނަފަރު އެފްސީއެވެ.