އިނގިރޭސި ވިލާތުގެ ލަންޑަންގައި ކުރިއަށްދިޔަ ވިމްބެލްޑަން ޓެނިސްމުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަރަށް ސްޕެއިންގެ ކާލޮސް އަލްކަރާޒް ކާމިޔާބު ކޮށްފިއެވެ.
ދުނިޔޭގެ ރޭންކިންގެ އެއްވަނާގައި މިވަގުތު އޮތް އުމުރުން އެންމެ 20 އަހަރުގެ އަލްކަރާޒް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ، މިވަގުތު ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ސާބިއާގެ ނޮވަލް ޖޮކޮވިޗް ބަލިކޮށްގެންނެވެ. ރޭ ކުޅުނު ވާދަވެރި ފޯރިގަދަ ފައިނަލް މެޗު އަލްކަރާޒް ކާމިޔާބު ކޮށްފައި ވަނީ ތިން ސެޓް ދެ ސެޓުންނެވެ. މެޗުގެ ސެޓްތައް ގޮސްފައިވަނީ 6-1، 6-7 (6-8)، 1-6، 6-3، 4-6 އިންނެވެ.
ރޭ މެޗުން ބަލިވި ޖޮކޮވިޗް މިހާތަނަށް ވިމްބެލްޑަންގެ ޗެމްޕިއަންކަން ހަތްފަހަރު ވަނީ ހޯދާފައެވެ. އެންމެ ފަހުން ކުޅުނު ވިމްބެލްޑަން ހަތަރު މުބާރާތުގެ ތަށި ވެސް ހޯދީ އޭނާއެވެ. ރޭ ފައިނަލަކީ އޭނާ ޖެހިޖެހިގެން މި މުބާރާތުގައި ކުޅުނު ފަސްވަނަ ފައިނަލެވެ. މި މުބާރާތް އެންމެ ގިނައިން ކާމިޔާބު ކޮށްފައިވަނީ 8 ފަހަރު ޗެމްޕިއަކަން ހޯދި ޓެނިސް ލެޖެންޑް ރޮޖާ ފެޑެރާއެވެ. ރޭ މެޗު ކާމިޔާބުކޮށް ފެޑެރާގެ ރެކޯޑާއި އަރާ ހަމަކުރުމުގެ ފުރުޞަތު ޖޮކޮވިޗަށް އޮތެވެ.
މިވަގުތު އެންމެ ގިނަ ގްރޭންޑްސްލޭމް މުބާރާތް ކާމިޔާބު ކުރުމުގެ ރެކޯޑް ވެސް އޮތީ އުމުރުން 36 އަހަރުގެ ޖޮކޮވިޗް އަތުގައެވެ. އޭނާވަނީ 23 ފަހަރު ގްރޭންޑްސްލޭމް މުބާރާތް ކާމިޔާބު ކޮށްފައެވެ.
މިއީ އަލްކްރާޒް ވިމްބެލްޑަންގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. މިއީ އޭނާ ކާމިޔާބުކުރި ދެވަނަ ގްރޭންޑްސްލޭމް މުބާރާތެވެ. އޭނާ ކާމިޔާބުކުރި ފުރަތަމަ ގްރޭންޑްސްލޭމް މުބާރާތަކީ މިދިޔަ އަހަރުގެ ޔޫއެސް އޯޕަން ޓެނިސް މުބާރާތެވެ.
މި ކާމިޔާބާއިއެކު އަލްކަރާޒް ވެގެން ގޮސްފައިވަނީ ވިމްބެލްޑަން ކާމިޔާބުކުރި ތިންވަނައަށް އެންމެ ހަގު ކުޅުންތެރިޔާއަށެވެ. އަލްކަރާޒް 20 އަހަރުގައި މި މުބާރާތް ކާމިޔާބުކުރި އިރު، އެންމެ ހަގު އުމުރުގައި މި މުބާރާތް ކާމިޔާބު ކުރި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ 1985 ވަނަ އަހަރު މުބާރާތް އުމުރުން 17 އަހަރުގައި ކާމިޔާބުކުރި ބޮރިސް ބެކަރ އާއި 1976 ވަނަ އަހަރު އުމުރުން 20 އަހަރުގައި މި މުބާރާތް ކާމިޔާބުކުރި ޖޯން ބޯގްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!