ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ޝިޕް ބަނުމުގެ މަސައްކަތް މިއަހަރު ނިމި އަންނަ އަހަރު ކުރީކޮޅު ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.
ރޯޔަލް ކެރިބިއަން އިންޓަނޭޝަނަލްގެ އައިކޮން އޮފް ދަ ސީސް ނަމަކަށް ކިޔާ މި އުޅަނދަކީ ގާތްގަނޑަކަށް އަކީ ދިގުމިނުގައި 1,200 ފޫޓް ހުންނަ އަދި ބަރުދަނުގައި 250،000 ޓަނު ހުންނާނެ އުޅަނދެކެވެ. މިއީ ކުރިން ދުނިޔޭގެ އެންމެ ބޮޑު ބޯޓު ކަމަށްވާ ޓައިޓޭނިކް ބަރުދަނާ އަޅާ ބަލާއިރު ފަސް ގުނަ ބޮޑު އަދަދެކެވެ.
މި އުޅަނދުގައި އަންނަ އަހަރުގެ ޖެނުއަރީ މަހު ދަތުރުތައް ފަށާއިރު ގާތްގަނޑަކަށް 5،610 ފަސިންޖަރުންނާއި 2،350 ކްރޫއިންގެ ޖާގަ ހުންނާނެ އެވެ. އަދި ކަނޑުމަތީގެ އެންމެ ބޮޑު ވޯޓާ ޕާކް ވެސް މި އުޅަނދުގައި ގާއިމްކުރާނެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ޝިޕް، ފޮޓޯ: ސީއެންއެން
ރޯޔަލް ކެރިބިއަންއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އުޅަނދުގެ ޓެސްޓް ދަތުރުތަކުގެ ފުރަތަމަ ބުރު މިދިޔަ ހަފުތާގައި ފުރިހަމަ ކޮށްފައިވާ ކަމަށެވެ.
"ސީ ޓްރައިއަލްތަކުގެ ފުރަތަމަ ސެޓްގައި އައިކޮން އޮފް ދަ ސީސް ވަނީ އެތައް ސަތޭކަ މޭލެއް ދަތުރުކޮށް، އެ ދުވަސްވަރު މައިގަނޑު އިންޖީނާއި ހާލް، ބްރޭކް ސިސްޓަމް، ސްޓިއަރިން، އަޑު، އަދި ވައިބަރޭޝަން ލެވެލް ހުރިހާ އެއްޗެއް ޓެސްޓްކޮށްފައި،" ބަޔާނުގައިވެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ޝިޕްގެ އެތެރެ ފެންނަ ފޮޓޯއެއް، ފޮޓޯ: ސީއެންއެން
އެ އުޅަނދުގެ ދަތުރުތައް ނުފެށި ނަމަވެސް އާންމުންގެ ސަމާލުކަން ވަނީ އެއަށް އަމާޒުވެފަ އެވެ. ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) އާއި ފިއުލް ސެލް ޓެކްނޮލޮޖީ އިން ދުއްވާ ފުރަތަމަ ބޯޓެވެ.
ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ޝިޕްގެ ގޮތުގައި މިހާރު އޮތީ ވެސް ރޯޔަލް ކެރިބިއަން ފްލީޓްގެ އެހެން އުޅަނދެއް ކަމަށްވާ ވޮންޑާ އޮފް ދަ ސީސް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!