މާލެއިން ފުރައިގެން ދަތުރު ކުރަނިކޮށް މިރޭ އަލިފާން ރޯވި ހދ. މަކުނުދޫ ''ހޮރީޒިއާ 2'' ބޯޓު މިހާރު އަޑިއަށް ގޮސްފައިވާއިރު، އެ ބޯޓުގެ ފަޅުވެރިން މާދަމާ ހެނދުނު މަކުނުދޫއަށް ގެނައުމަށް ހަމަޖެހިފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

މި ބޯޓުގައި މިރޭ ރޯވީ ބ. އަތޮޅު ފޯސީޒަން ލަނޑާ ގިރާވަރު ރިސޯޓުގެ އުތުރުން 3 ނޯޓިކަލް މޭލު ބޭރުގައި އޮއްވައި މިރޭ 19:00 ހާއިރުއެވެ.

Ad
rt

މި ބޯޓުގައި ފުރަތަމަ ރޯވީ އިންޖީނު ރޫމްގެ ބެޓެރީއެއް ސްވިޗާއި ގުޅާފައިވާ ނަރުގައި ކަމަށާއި، އޭގެ ފަހުން ކުއްލި އަކަށް އިންޖީނު ރޫމްގައި އަލިފާން ހިފައި، ފަހުން މުޅި ބޯޓަށް އަލިފާން ފެތުރި ގަތީ ކަމަށް އެ ބޯޓުގެ ފަޅުވެރިއެއް ބުނެފަވެއެވެ.

މި ބޯޓު އަޑިއަށް ގޮސްފައި ވަނީ ބ. ކުޑަރިކިލުގެ 2.5 ނޯޓިލް މޭލު ބޭރުންނެވެ. އަޑިއަށް ގޮސްފައި ވަނީ މިރޭ 22:05 ހާއިރުއެވެ.

ބޯޓާ މުދާ ސަލާމަތް ކުރުމަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރިން: ފަޅުވެރިއެއް

މި ބޯޓުން ދަތުރުކުރި 10 މީހުން ފޯސީޒަން ރިސޯޓްގެ ލޯންޗަކަށް ނަގައި ސަލާމަތްކޮށްފައިވާއިރު، މިރޭ 20:25 ހާއިރު އެމީހުން ވަނީ ބ. ކަމަދޫ އަށް ގެންގޮސްފައެވެ. މި 10 މީހުންގެ ތެރޭގައި އަންހެނެއް، ކުޑަކުއްޖެއް ނުހިމެނެއެވެ.

މަކުނުދޫ ކައުންސިލުން މިރޭ ވިދާޅުވީ، އެ ބޯޓުގައި ދަތުރުކުރަމުން ދިޔަ ފަރާތްތަކާއި ފަޅުވެރިން މަކުނުދޫ އަށް ގެނައުމަށް މާދަމާ "ސީ ކުރޫޒް" ލޯންޗްއިން ހެނދުނު 08:00 ގައި ކަމަދޫއިން ފުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

''މިހާދިސާގެ އެންމެހާކަންތައްތައް މަކުނުދޫ ކައުންސިލުން ވަރަށް ގާތުން ބަލަމުން ގެންދާ ވާހަކަވެސް ރައްޔިތުންގެ މަޢުލޫމާތައްޓަކައި ދެންނެވިން'' މަކުނުދޫ ކައުންސިލުން ވިދާޅުވެފަވެއެވެ.

''ހޮރީޒިއާ 2'' ބޯޓުން ދަތުރުކުރި މީހުން ބަލާ ކަމަދޫއަށް ލޯންޗެއް ފޮނުވަނީ މަކުނުދޫ ކައުންސިލުންނެވެ.

މި ބޯޓަކީ މާލެއާއި ހދ. މަކުނުދޫގެ އިތުރުން ރ. ރަސްގެތީމަށާއި އަދި އެ އަތޮޅު އަލިފުއްޓާ ދެމެދު ދަތުރުކުރާ ބޯޓެކެވެ.