ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައިގެ ސަރުކާރުން ގެންގުޅުނު ސްޓޭންޑާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން މިރޭ ބާއްވާ ޖަލްސާގެ އެއްވެސް ބައިވެރިއަކު ގާނޫނާއި ހިލާފު އެއް ވެސް ޢަމަލެއް ނުހިންގުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައި ސަރުކާރުން ގެންގުޅުނު ސްޓޭންޑާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން އުފައްދާފައިވާ އިއްތިހާދުން ވަނީ މިރޭ ވެެރިރަށް މާލޭގައި ބޮޑު ޖަލްސާއެއް ބާއްވަން ނިންމާފައެވެ.
އެ ޖަލްސާ މިރޭ ބާއްވަން ނިންމާފައިވާއިރު ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ އިރުއޮއްސެން ކައިރިވެފައި ހުއްޓާ ނެރުނު ބަޔާނެއްގައި ވިދާޅުވީ، މާލޭ ކާނިވާ ސަރަހައްދުގައި ބާއްވަން ތައްޔާރުވަމުން އަންނަ ޖަލްސާގައި ބައިވެރިވާ ބައެއް މީހުން ގާނޫނާ ޚިލާފު އަމަލު ހިންގުމަށް ރާވަމުންދާ ކަމަށާއި، ބައެއް މީހުން ގާނޫނާ ޚިލާފު އަމަލުތައް ހިންގާނެ ކަމަށް ބުނަމުންދާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.
އެހެންކަމުން، އެ ހަރަކާތުގައި އާންމު ސުލްހައަށް ބުރޫއަރާނެ އެއްވެސް ކަމެއް ނުކުރުމަށާއި، ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތީން ކުރިއަށް ގެންދިއުމަށާއި ގާނޫނާ ޚިލާފު އެއްވެސް އަމަލެއް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!