އުފާވެރި ރަމަޟާންމަހުގެ ތަހުނިޔާ ހުރިހާ ކިޔުންތެރިންނަށް ފޮނުވަމެވެ. އަނެއްކާ ވެސް އައު ރަމަޟާންމަހެއް އަޅުގަނޑުމެންނާ ބައްދަލުކުރީއެވެ. މިއަދު އެ ދުވަސްތައް މި ފެށުނީއެވެ. މިއީ ބަރަކާތްތެރިކަމާއި ކަރާމަތްތެރިކަމުން ފުރިގެންވާ މައްސަރެކެވެ. ރަމަޟާންމަހަށް ފަހު ޝައްވާލުމަހެވެ. ދެން އެއަށް ފަހު ޛުލްޤަޢްދާ މަހާއި ޛުލްޙިއްޖާމަހެވެ. އެއީ ޙުރުމަތްތެރި ވެގެންވާ ދެ މައްސަރެވެ. ފުލުފުލުގައި އަޅުކަމުގެ މޫސުމެވެ. އުފާވެރިކަމުގެ ޚަބަރު ތަޤުވާވެރިންނަށް ހުއްޓެވެ!

މި މަސް ފެށުމާ އެކީ މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އިތުރު އެކަލޭގެފާނުގެ ޞަޙާބީންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވައި ކުރެއްވި ޙަދީޘްފުޅު އަބޫހުރައިރާ ރިވާކުރެއްވީ އަންނަނިވި ފަދައިންނެވެ.

Ad
rt

عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ((أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ، فَرَضَ اللَّهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ، تُفْتَحُ فِيهِ أَبْوَابُ السَّمَاءِ، وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ، وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ، لِلَّهِ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ)) رواه أحمد (9213)، والنسائي (2106) وصححه الألباني في "صحيح النسائي" (1992).

މާނައީ: "ބަރަކާތްތެރިވެގެންވާ ރަމަޟާންމަސް ތިޔަބައިމީހުންނާ ބައްދަލުކޮށްފިއެވެ. ޢިއްޒަތްވަންތަ ޖަލާލުވަންތަ ﷲ ވަނީ ތިޔަބައިމީހުންގެ މައްޗަށް އެ މަހުގެ ރޯދަ ފަރުޟުކުރައްވައިފައެވެ. އެ މަހުގައި ސުވަރުގޭގޭ ދޮރުކޮޅުތައް ހުންނާނީ ހުޅުވިފައެވެ. އަދި ނަރަކައިގެ ދޮރުތައް ހުންނާނީ ބަންދުކުރެވިފައެވެ. އަދި ޝައިޠާނުންގެ ބޮޑެތި މާރިދުން އެ މަހުގައި ތިބޭނީ ކަސްތަޅު އެޅުވިފައެވެ. މާތް ﷲގެ ޙަޟުރަތުގައި އެއް ހާސް މައްސަރަށްވުރެ ހެޔޮކަންބޮޑުވެގެންވާ ރެއެއް އެ މައްސަރުގައި ވެއެވެ. އެރޭގެ ހެޔޮކަމުން މަޙުރޫމުވެއްޖެ މީހާ ހުރިހާ ހެޔޮކަމަކުން މަޙުރޫމުވެއްޖެއެވެ."

އޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަޅުވެރީންގެ މޫސުމަށް ތިޔަބައިމީހުންގެ ނަފުސުތައް ހާޒިރުކުރެވުނީތީ އެ ނަފުސުތަކަށް މަރުޙަބާ ކިޔަން އަވަސްވެގަންނާށެވެ. ﷲގެ ރުއްސެވުމާއި ފުއްސެވުން ހޯދަން ކަމަރު ބަނދެލަންވީ ވަގުތު މި އޮތީ އައިސްޖެހިފައެވެ. ފާއިތުވި އަހަރުތަކުގެ މި މޫސުމް ތިބާއާ ބައްދަލުވެ ދިޔައިރު، އަތުން ބީވީ ކިތަންކަންތައްތޯ ބަލައިފައި ހުށިކަމެވެ. މަރުނުވެ ދުނިޔޭގައި ހުރެ މި މައްސަރާ ބައްދަލުވި ކަން މައްޗަށް ފުރާނައިގެ ވެރި އިލާހަށް ހަމްދުކޮށް ޘަނާ ކިޔާށެވެ. މި ރަމަޟާންމަހުގެ އެދެވޭ ފައިދާ އެންމެ ހެޔޮގޮތުގައި ހޯދާނެ ގޮތަކާ މެދު ވިސްނުން ހިންގައި ފިކުރުކުރާށެވެ.

ރަމަޟާންމަހަށް ޓަކައި ދުވަހުގެ ތާވަލެއް ރާވައިލާށެވެ. ތައުބާ ވުން އެންމެ އިސްކުރާށެވެ. ކުރިން ކުރެވިފައިހުރި ގޯސްތަކަށް އަނބުރާ ނުދިއުމަށް އެދެވޭ އެދުމަކީ ތައުބާގެ ފުރަތަމަ ހަރުފަތެވެ. އެ ކަންކަމާ ރޮއެ ހިތާމަކޮށް ހަދަންވީ އަލުން އޭގެތެރެއަށް ހިނގައިދާނެތިއެވެ. ދެން އެފަދަ ފާފައެއް ނުކުރުމަށް ޢަޒުމް ކަނޑައަޅަންވީއެވެ. ފާފައެއް ކުރެވިދާނެ ތަންތަނަށް ގޮސް ނުއުޅުމަށާއި އެފަދަ މީހުންނާ ގާތް ނުވުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާށެވެ.

ހެޔޮކަންތައް ކުރުމުގައި ދެމި ހުރުމަށް މަސައްކަތް ކުރުމަކީ އެހާ އުނދަގޫ ކަމެއް ނޫނެވެ. ރަނގަޅު ގޮތުގައި ދުނިޔެ އުޅުމަށް އެންމެ ފުރަތަމަ ނިޔަތްގަންނާށެވެ. އެ ނިޔަތުގެ މަތީ ސާބިތުވުމަށް ކުރަންވީ އެންމެ މުހިންމު ކަމަކީ ނަމާދެވެ. ފަރުޟު ފަސް ނަމާދަށް ރައްކާތެރިވާށެވެ! ހިތްވަރު ކުރަންވީ، ވަގުތު ފާއިތު ވުމުގެ ކުރިން ނަމާދު އަދާ ކުރުމަކަށް ނޫނެވެ. ވަގުތުގެ ކުރީ ކޮޅުގައި ނަމާދު ޤާއިމު ކުރުމަށެވެ! އެކަން އާދަވެއްޖެއްޔާ ސުންނަތް ނަމާދުތަކަށް ސަމާލުވާށެވެ! ރަވާތިބު ސުންނަތުގެ 12 ރަކުޢަތެވެ. ދެން ޟުޙާނަމާދު އެ ތަރުތީބަށް އިތުރު ކޮށްލާށެވެ! މި ހުރިހާ ނަމާދަކަށްވުރެ ޚާއްޞަ ސަމާލުކަމެއް ދީގެން އަދާކުރަންވީ ސުންނަތް ނަމާދަކީ ދަމުނަމާދެވެ. ނަމާދުތަކަށް ފަރުވާތެރިވެއްޖެ ކޮންމެ މީހަކު އޭނާގެ ފުރާނަ ނަރަކައި މުއްތިކޮށްފިއެވެ.

ޤައުމުގައި ތިބި ވިޔަފާރިވެރީންނޭވެ! ދީލަތިކަމުގެ އަހުލުވެރީންކަމުގައި ވާށެވެ! މުދަލުގެ އަހުލުވެރީންނޭވެ ފަސްނުޖެހި ޒަކާތް ނެރޭށެވެ! އެ ނޫން މީހުން ޞަދަޤާތް ދިނުން އާދަ ކުރާށެވެ! ރަމަޟާންމަހުގައި ކުރާ ޢަމަލުތަކަކީ ﷲގެ ޙަޟުރަތުގައި އެތައް ގުނައަކަށް އިތުރުވެގެން ހިނގައިދާ ޢަމަލުތަކެކެވެ. ރަމަޟާންމަހަކީ ސިއްރާއި ފާޅުގައި ހޭދަކުރުމަށް ހިތްވަރުދެވޭ މަހެކެވެ. ނިކަމެތިންނަށް ހޭދަކުރުމުގައި ހިތުން ރުހިގެން އުފަލާ އެކު ހޭދަ ކުރާށެވެ! ނުރުހުމުގައި ހޭދަކުރާ ނަމަ އެހޭދަ އަނިޔާއަކަށް ބަދަލުވެދާނެއެވެ. ހޭދަކުރާ ތަކެއްޗަކީ ގެއްލޭ އެއްޗެއް ނޫނެވެ.

ފިކުރުތަކާ ދުރުވެ ޒިކުރު ކުރުން އިތުރު ކުރާށެވެ! މާތްﷲ ހަނދުމަކުރުންމަތީ ދެމިތިބޭ އަޅުން ހަނދުމަ ކުރެއްވުންމަތީ މާތް ﷲ ދެމިވޮޑިގެން ވެއެވެ. ދީނީ ޢިލްމުން ތިބާގެ ޙަޔާތް މުއްސަނދި ކުރެވޭތޯ މަސައްކަތް ކުރާށެވެ! ޢިލްމު ހޯދަން މަގެއް ހިފައިފި މީހަކަށް ސުވަރުގެ ދާނޭމަގެއް މާތް ﷲ ދައްކަވާނެތެވެ. ލަސްނުކޮށް އަވަސްކުރާށެވެ. ހިތްމަތުގެ ކަމަރު ބަންނާށެވެ!