2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އިއްތިހާދެއް ހެދުމުގެ ބޭނުމެއް ނެތްކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ޚިޔާލުފާޅު ކުރައްވަމުން ޝަރީފް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙް އިއްތިހާދެއް ހެދުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި އެހެން ސިޔާސީ ޕާޓީތަކުގެ ހުރި ބުރަދަން ވަޒަންކޮށްލެވޭނީ އޭރުން ކަމަށް އޭނާ ވިދާޅުވެފަވެއެވެ.

Ad
rt

ޝަރީފް ވިދާޅުވީ، ދެވަނަ ބުރުގައި އިއްތިހާދެއް އެކުލަވާލާނަމަ އެ އިއްތިހާދުގައި ބައިވެރިކުރާ ޕާޓީތަކަށް ސަރުކާރުން ދޭނެ އިންސައްތަ ކަނއަޅަންވާނީ ފުރަތަމަ ބުރުގައި އެ ޕާޓީތަކުން ހޯދި ނަތީޖާއަށް ބެލުމަށްފަހުގައި ކަމަށެވެ. އަދި އެ އިއްތިހާދެއްގައި 60 އިންސައްތައަށްވުރެ ބޮޑު ހިއްސާއެއް އެމްޑީޕީއަށް ލިބެންޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

''ރައީސް ޞާލިޙްގެ ކެންޑީސީގެ ދަށުން އިއްތިހާދަކާނުލައި ވެސް ދެވަނަ ބުރުން އެމްޑީޕީއަށް ވެރިކަން ހޯދުމުގެ ފުރުސަތު ކުޑައެއްނޫން، އިއްތިހާދަކަށް ދިޔައީމަ މާބޮޑަށް ވެސް ފަސޭހަވާނެ'' ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވަނީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެން އެ ޕާޓީގެ ރައީސް، ޕާޓީގެ ރައީސްގެ މަގާމުގައި ހުންނަވާނަމަ ބަލި ގަބޫލު ކުރައްވައި، ޕާޓީ އެކަތިގަނޑަކަށް ހައްދަވައި، ރިޔާސީ ޓިކެޓް ލިބިވަޑައިގަތް ރައީސް ޞާލިޙަށް އިންތިޚާބު ކާޔާބުކޮށް ދެއްވުމަށް މަސައްކަތް ކުރެއްވުމަކީ ކުރައްވަންޖެހޭނެ ކަމެއް ކަމަށް ވެސް ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވުމަށް ރައީސް ޞާލިޙް އިއްތިހާދެއް ހެދުމުގެ ބޭނުމެއް ނެތްކަމަށް ޝަރީފް ވިދާޅުވެފައިވާއިރު، ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ރައީސް ޞާލިހް ވަނީ އެމްޑީޕީގެ އެކަނި ވެރިކަމެއް ބޭނުންފުޅުކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިވަގުތު ރާއްޖޭގެ ސިޔާސީ މަޝްރަޙް އޮތްގޮތުން އެއް ޕާޓީއަކަށް ގިނިކަންޏާ އަދި އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި، ވެރިކަމަށް އާދެވޭނީ އެހެން ޕާޓީތަކާއެކު އެކުލަވާލެވޭ އިއްތިހާދަކުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި އެކަން ހިންގާނެ ފޯމިއުލާވެސް އެނގިވަޑައިގަންނަވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.