ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕ)ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ވާހަކަފު އަޑުއަހަން ފަސޭހަ ނޫން ކަމަށާއި އެއީ ޑިމޮކްރަސީއާއި ބީރައްޓެހި ވާހަކައެއް ކަމަށް ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

"އެމްޑީޕީ ކުރިއަށް" ކެމްޕޭންގެ ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ އެންމެ ހިތް އެދޭ ކަންކަން ބައެއް ފަހަރަށް ނުވެދާ ކަމަށާއި، އެކަންކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.

Ad
rt

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގައި މައްސަލަތަކެއް ޖެހި، ނަޝީދާއި ރައީސް ސާލިހަށް ތާއީދު ކުރައްވާ މެމްބަރުންގެ މެދުގައި ފެކްޝަނެއް އުފެދިފައިވާތީ، އެކަމަށް އިޝާރާތް ކުރައްވާ މަހްލޫފް ވިދާޅުވީ ހަގީގީ މައްސަލައަކީ ނަޝީދު ނޫން މީހަކަށް ވެރިކަމުގައި ނުހެރެވޭނެކަމަށް ނަޝީދަށް ގަބޫލުކުރެވުން ކަމަށެވެ.

މީގެ އިތުރުން ވެރިކަމަށް ޝައުގުވެރި ވުމަކީވެސް އަދި ވެރިކަމަށް ވާދަކުރެއްވުމަކީވެސް ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގެއްކަން ފާހަގަކުރައްވާ މަހްލޫފު ވިދާޅުވީ އެއީ އެއްވެސް މަސަލައެއް އޮތްކަމެއް ނޫން ކަމަށެވެ.

އެހެންނަަވެސް އެމްޑީޕީގެ ތެރެއިން ވެރިކަމަށް އަންނަން އެކުރާ މަސައްކަތަކީ އަމިއްލަ ޕާޓީތެރޭގައި އޮޅުވާލުމާއި މަކަރު ހެދުމުގެ ތެރެއިން ކުރާ ކަމަކަށް ވާނަމަ، އެއީ ވަރަށް ދެރަ ކަމެއް ކަމުގައި އޭނާ ވިދާޅުވި އެވެ. އަދި ބެސްޓު ފްރެންޑް ހަތުރަކަށް ބަދަލުކޮށް، އަމިއްލަ ޕާޓީގެތެރޭގައި ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތު ކުރަމުންދާކަމީވެސް ހިތާމަކުރާ ކަމެއް ކަމަށް ވިދާޅުވިއެވެ.