ތަސައްރަފު ނުފުދޭ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ އުމުރުގެ ކުދިން، ޝަރުއީ ހަމަތަކާ ޚިލާފަށް އަމިއްލައަމިއްލައަށް ކައިވެނިކުރުމުގެ ކަންތައްތައް ރާއްޖޭގައި އޮތް ފުޅާމިނުގެ މައްޗަށް އަނެއްކާވެސް މިވަނީ ބަހުސުކުރަން ފެށިފައެވެ.
ރަހުމުކުޑަގޮތަކަށް އަނިޔާކުރުމަށްފަހު، ކަނޑަށް އެއްލާލި ޒުވާނާއަކީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކާ، ޝަރުއީ ހަމަތަކުގެ ބޭރުން، ކައިވެނިކޮށްގެން އުޅޭ މީހެއްކަމަށާއި އެކުއްޖާ މިދިޔަ ހަފްތާގެ ތެރޭގައި ވިހާފައިވާކަމަށް ޚަބަރު ފެތުރުމާއި ގުޅިގެންނެވެ.
އެހެންނަމަވެސް، މިއީ އަކީ އާ ވާހަކައެއް ނޫނެވެ. ކޯޓުގައި ރަޖިސްޓްރީނުކޮށް، އުމުރުހަމަނުވާ ކުދިންނާއި ކައިވެނިކޮށް، ކައިވެނިމައްޗަށް ދަރިންލިބި، އެކުދިން އެތައް ހައްގުތަކަކުން މަރުހޫމް ވެފައިވާ އެތައް ކުދިންނެއް މިރާއްޖޭގައި އެބައުޅެކެވެ.
އެހެންނަމަވެސް، މިރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމު ބިނާވެފައިއޮތީ، ރިޕޯޓުކުރުމާއި އޭގެ މައްޗަށް ތަހުގީގު ހިންގުމާއި ތަހުގީގަށް ކުށް ސާބިތުވުމާއި އޭގެ މައްޗަށް ޝަރީއަތްކޮށް ޝަރީއަތުން ހުކުމެއް ކުރުމެއް ކަމުގެ މައްޗަށް ކަމުގައި ވުމުން، މިއިން ގިނަ މައްސަލަތައް އޮތީ ދޫކޮށްލެވިފައެވެ.
ގިނަމީހުން، މިކަންކަން އެނގުނަސް އެއިން ކަމެއް ރިޕޯޓުކުރާކަށް ބޭނުމެއް ނޫނެވެ. ރިޕޯޓުކޮށްފިއްޔާ ދެންވާނެގޮތަކާމެދު ކަންބޮޑުވާތީއެވެ. އަދި އެމީހެއްގެ ދިރިއުޅުމަށް ލޮޅުން އަރާފާނެތީއެވެ. ރިޕޯޓު ނުކުރާތީވެ، އެއްވެސް އިދާރާއަކުން އެއިންކަމަކާ އަޅާލާކަށް ބޭނުމެއް ނޫނެވެ. އެތަންތަނުގައި ތިބޭ މީހުންނަށް އެެނގުނަސް، މަސްލަހަތަށްޓަކާ ބޯދަމައިގަނެގެން ތިބެނީއެވެ.
ގަވާއިދާއި ޚިލާފަށް ޕާކުކުރީމާ ފުލުހުން އިސްޓިކާ ޖަހައެވެ. މީހަކު ރިޕޯޓުކޮށްގެނެއް ނޫނެވެ. އިންޓެލލިޖެންސް ރިޕޯޓު ހަދައިގެން ސިޔާސީ ވާދަވަރިން ހިފާހައްޔަރުކުރުމަށް ސަރުކާރުތަކުން ފުލުހުން ބޭނުން ކުރެއެވެ. ބަޔަކު ރިޕޯޓު ކޮށްގެނެއް ނޫނެވެ.
ރަޖިސްޓްރީ ނުކުރާ ކައިވެންޏަކަށް ލިބުނު ކުއްޖަކު ސްކޫލަށް ނުވެއްދިގެން މިއަހަރުގެ ކުރީކޮޅު އެކުއްޖާގެ މަންމަ އުޅުނެވެ. އުފަންދުވަހުގެ ސެޓްފިކެޓެއްް ނެތެވެ. އެހެންވެ ސްކޫލަކަށް ވެއްދޭނެ ގޮތެއް ނެތެވެ. އޭނާއަށް ހައްލެއް ހޯދާދޭނެ އިދާރާއެއްވެސް، އިންތިޒާމެއް ވެސް ސަރުކާރުގެ ތެރެއަކު ނެތެވެ. އެންމެފަހުން، ކައުންސިލުން ބުނީ ބައްޕަނެތް ކުއްޖެއްގެ ގޮތުގައި އުފަންދުވަހު ސެޓްފިކެޓް ހަދާ ދެވިދާނެކަމަށެވެ.
ސުވާލަކީ މިފަދަ ދަންތުރަތަކުގެ ތެރެއިން ނިކުންނަން ބޭނުންވާ ފަރާތްތަަށް އެހީފޯރުކޮށްދޭނެ ނިޒާމެއް ހަދާނީ ކޮންބައެއް ހެއްޔެވެ؟ އަދި ޑެންގީ އާއި ކެންސަރާއި މިނޫންވެސް ފުރާނައަށް ނުރައްކާވާފަދަ ބަލިތަކުން ސަލާމާތްކުރުމަށް ހޭލުންތެރިކުރުވަން މަސައްކަތް ކުރަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ފަށަން ވެއްޖެއެވެ. ކައުންސިލްތަކާ މަދަނީޖަމްއިއްޔާ ޖަމާއަތްތަކާ ގުޅިގެންނެވެ.
އަދި މިކަމުގެ ފުޅާމިނާއި ފުންމިން އޮތްމިންވަރެއްގެ ދިރާސާއެއް ކޮށް މިކަން ނައްތާލާނެގޮތެއް ވެސް އަޅުގަޑުމެން ހޯދަން ވެއްޖެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!