ށ. ނޫމަރާ ކައުންސިލުން، އެރަށު ގޭބިސީތަކުން ކުނި އުކާލުމުގެ ހިދުމަތް ފަށައިފި އެވެ.
މި ހިދުމަތް ފަށާފައިވަނީ މި ހިނގާ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު އެވެ.
މި ހިދުމަތާއި ގުޅޭގޮތުން އެރަށު ކައުންސިލުގެ ރައީސް އަލީ ރަބީއު 'ތިލަދުން' އަށް ވިދާޅުވީ މިހައިތަނަށް ވެސް އެރަށުގައި ރަނގަޅު ފެންވަރަކަށް ހެދިފައިވާ ކުނިކޮއްޓެއް ނެތް ކަމަށެވެ.
އެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދެވިނަމަވެސް ހުރިހާ ބާވަތެއްގެ ކުނި އެއްތަނަކަށް އަޅަމުން ގެންދިއުމުގެ ސަބަބުން ރައްކާތެރި ގޮތުގައި ކުނި މެނޭޖު ކުރުމުގެ ކަންކަން ކުރިއަށް ނުދާ ކަމަށް ވެސް ވިދާޅުވި އެވެ.
އެހެންވެ، ކައުންސިލުން ނިންމީ ވަގުތީ ކުނިކޮށި މެނޭޖު ކުރެވޭނެ ގޮތެއް ހެދުމަށް ކަމަށާއި އެގޮތުން ރަށުގައި މިވަގުތު އޮތް ޕިކަޕް ބޭނުން ކޮށްގެން އެ މަސައްކަތް ފެށީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުނިކޮށި މިހާރުވާނީ ޓިނު ޖަހައިގެން ބައިބަޔަށް ހަދާފައި ކަމަށް ވެސް ވިދާޅުވި އެވެ.
"ސަރުކާރުން އެބަ މަސައްކަތް ކުރައްވާ ރަނގަޅު ފެންވަރެއްގެ ކުނިކޮއްޓެއް ހަދަން. އެކަމަކު އެކަމަށް ވަރަށް ދުވަސް ނަގާނެ ކަމަށް ބެލެވޭތީ، މި ކައުންސިލު ވުޖޫދުވުމާއެކު އަޅުގަނޑުމެން މަސައްކަތް ފެށީ ކުނިކޮށީގެ މަސައްކަތް ރަނގަޅު ކުރުމަށް. ރަށުގަ މިހާރު އޮތް ޕިކަޕާއެކު މަސައްކަތް މިފެށީ." ރަބީއު ވިދާޅުވި އެވެ.
ރަބީއު އިތުރަށް ވިދާޅުވީ އެ މަސައްކަތަށް އިތުރު ޕިކަޕެއް ގެނައުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން 1500 ކިލޯގެ ޕިކަޕެއް ވަރަށް އަވަހަށް ގެންނާނެ ކަމަށެވެ. އަދި ފުރަތަމަ ދެ މަހު ރައްޔިތުން އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ފުރަތަމަ ދެ މަހަކީ ޓްރަޔަލް. އެއަށްފަހު ނިންމާނީ އަގެއް." ރަބީއު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ކުނި އުކާލުމުގެ މަސައްކަތަށް އެންވަޔަރްމެންޓް މިނިސްޓްރީން ލޮރީ އެއް ވެސް ދެއްވުމަށް ނިންމާފައިވާ ކަމަށާއި އެ އުޅަނދު، ކުނިކޮށި ނިމެންވާއިރަށް ލިބޭނެ ކަމަށް މިނިސްޓްރީން ވިދާޅުވި ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!